ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީޑިއާ ބިލް ފާސްކޮށްފާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ނޫސްވެރިން މުޒާހަރާކުރަން ފަށައިފި އެވެ.
16 ސެޕްޓެމްބަރ 2025
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މީޑިއާ ބިލް ފާސްކޮށްފާނެ ކަމުގެ ކަންބޮޑުވުންތަކާ އެކު ނޫސްވެރިން މުޒާހަރާކުރަން ފަށައިފި އެވެ.
ހެނދުނު 8:30 އިން ފެށިގެން މަޖިލިސް ދޮށުގައި، އެކި މީޑިއާތަކަށް ނިސްބަތްވާ ނޫސްވެރިން ދަނީ ބިލާ ދެކޮޅަށް އަޑު އުފުލަމުންނެވެ. އެކަމަކު ފުލުހުން ވަނީ ގަދަކަމުން ނޫސްވެރިން ފަހަތަށް ޖަހައްސައި ބެރިކޭޑު ޖަހައި ދުރުކޮށްފަ އެވެ.
އެ ސަރަހައްދުގައި ހަރަކާތްތެރިވާ "މިހާރު"ގެ ނުސްވެރިން ބުނި ގޮތުގައި މަޖިލީހަށް ދެވޭނެ ހުރިހާ މަގުތަކެއް ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
ރައްޔިތުންގެ މަޖިލީހުގައި ދައުރުން ބޭރު ޖަލްސާއެއް މިއަދު ބާއްވަން ނިންމާފައިވީ ނަމަވެސް ޖަލްސާ ބާއްވާނެ ވަގުތާއި އެޖެންޑާ މަޖިލީހުން އަދި އާއްމެއް ނުކުރެ އެވެ.
މަޖިލީހުން އެންމެ އިސްކަމެއް ދީގެން މިވަގުތު ކުރިއަށް ގެންދަނީ މީޑިއާ ރެގިއުލޭޓްކުރުމުގެ ނަމުގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލުގެ މައްސަލަ އެެވެ. މަޖިލީހުގެ ސުޕަމެޖޯރިޓީ އޮންނަ ޕީއެންސީން ދިފާއުކުރާ އެ ބިލަށް ހުށަހެޅި އިސްލާހުތަކާ އެކު ދިރާސާކުރުމުގެ މަސައްކަތް މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ރޭ ވަނީ ނިންމައި ފާސްކޮށްފަ އެވެ. ބެލެވޭ ގޮތުގައި މިއަދުގެ ޖަލްސާގައި ވޯޓަށް އަހާނީ އެ ބިލަށެވެ.
މީޑިއާ ބިލާ ދެކޮޅަށް ނޫސްވެރިންގެ މަޖިލިސް ދޮށުގައި މުޒާހަރާ ކުރަނީ-- ފޮޓޯ: ނިޝާން އަލީ | މިހާރު
މީޑިއާ ބިލު އެކުލަވާލާފައި ވަނީ މިނިވަން މީޑިއާއަށް ހުރަސް އެޅޭ ގޮތަށް ކަމަށް ބުނެ އެކަމުގެ ކަންބޮޑުވުން ނޫސްވެރިން ރައީސަށް ވެސް ހުށަހެޅި އެވެ. ބިލު ބޭރުކޮށްލަން އެދި ރައީސާއި މަޖިލީހަށް ގިނަ އަދަދެއްގެ ނޫސްވެރިންގެ ސޮޔާ އެކު ޕެޓިޝަނެއް ހުށަހެޅިޔަސް އެ ކަމަށް ބެލުމެއް ނެތި ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ނިންމާލީ އެވެ.
އެ ބިލު ފާސްކުރަން ތައްޔާރުވަމުން އަންނައިރު ބިލު ބޭރުކުރަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އާއި ބޭރުގެ އެކި ޖަމިއްޔާތައް ހިމެނޭ ގޮތަށް 21 ޖަމިއްޔާއަކުން ގޮވާލާފައިވެ އެވެ. ގައުމުތަކުގައި ނޫސްވެރިކަމުގެ މިނިވަންކަން އޮންނަ ވަރު ބަލައި ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތުކުރާ ޖަމިއްޔާ "ރިޕޯޓާސް ވިތައުޓް ބޯޑާސް" ވެސް ވަނީ ބިލަކީ މިނިވަން މީޑިއާއަށް އޮތް ނުރައްކަލެއް ކަމަށް ބުނެ ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ. އެކަމަކު ސަރުކާރުން ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީން ބިލް ފާސްކޮށްފައި ވަނީ، ނޫސްވެރިން ބޭނުންވި އިސްލާހުތަކާ އެކުގައި ކަަމަށެވެ. މިނިވަންކަމާ އެކު ނޫސްވެރިކަން ކުރަން އެ ބިލުން ނޫސްވެރިންނާއި މީޑިއާތަކަށް ހުރަހެއް ކުރިމަތިނުވާނެ ކަމަށް ވެސް ސަރުކާރުން ބުންޏެވެ.
ކޮމެޓީތަކުގެ މަސައްކަތަށް ހުރަސްއަޅާނަމަ ފިޔަވަޅު އަޅަނީ
ކައުންސެލް ޖެނެރަލްގެ ލަފަޔާ އެކު ބިލު ފާސްކޮށްފި
މަޖިލީހުގެ ޖަލްސާއެއް މިއަދު، އެޖެންޑާ އާންމެއް ނުކުރޭ
ނޫސްވެރިން ބޭނުންވި އިސްލާހުތައް ގެނައިން: އަސްވާޑް
"ޑިމޮކްރަސީއަކީ ހިތުހުރި ވާހަކަ ދެއްކުމެއް ނޫން"
މީޑިއާ ބިލް އިސްލާހުތަކާއެކު ކޮމިޓީން ފާސްކޮށްފި
މީޑިއާ ބިލަށް ވޯޓަށް އެހުމާއެކު ކޮމިޓީގައި އިހުތިޖާޖް
އިސްލާހުތަކާ އެކު ރަނގަޅު ބިލެއް އަންނާނެ: ނާޒިމް
މީޑިއާ ބިލަށް ހޭލުންތެރިކުރުމުގެ ފޯރަމް ބާއްވައިފި
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް