Roadha Mihaaru

ވަކިވަކި ނޫސްވެެރިންނަށް ފިޔަވަޅު އެޅުމާއި ވަގުތީ ގޮތުން ރަޖިސްޓަރީ ބާތިލްކުރާ މާއްދާ އުނިކުރަން އޭޖީގެ އިސްލާހެއް

ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން ހިމެނޭ ގޮތުން، އެ ބިލަށް ގިނަ ބަދަލުތަކެއް ގެންނަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅުއްވައިފި އެވެ.

ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

10 ސެޕްޓެމްބަރ 2025

ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލްގައި އޮތް މާއްދާ އުނިކުރުން ހިމެނޭ ގޮތުން، އެ ބިލަށް ގިނަ ބަދަލުތަކެއް ގެންނަން އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ރައްޔިތުންގެ މަޖިލީހަށް އިސްލާހުތަކެއް އިއްޔެ ހުށަހަޅުއްވައިފި އެވެ.

އޭޖީ އުޝާމް މިރޭ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މީޑިއާ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުން މީޑިއާއެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ބާތިލް ކުރުމަށް އެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ބިލްގައި ބަޔާން ކޮށްފައިވާ މާއްދާ ވެސް އުނިކުރަން ސަރުކާރުން ވާނީ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައި ކަމަށެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތައް އެޅޭ ގޮތަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް، ނޫސްވެރިން ގެންދަނީ ސިލްސިލާކޮށް އިހުތިޖާޖުތަކެއް ކުރަމުންނެވެ. އެ ބިލު ދިރާސާކުރަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުން ސިއްރުކުރުމުން އެކަމާ ދެކޮޅަށް ވެސް ބައެއް ނޫސްވެރިން އިހުތިޖާޖުކުރި އެވެ.

އޭގެ ފަހުން އެޓާނީ ޖެނެރަލްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނީ، އެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް ރައްޔިތުންގެ މަޖިލީހަށް އިއްޔެ ހުށަހަޅައިފައިވާ ކަމަށެވެ. އޭގެ ތެރޭގައި 15 އިސްލާހެއް ހިމެނެ އެވެ.

އެ ބިލަށް ހުށަހެޅި ކަމަށް އޭޖީ އޮފީހުން ބުނި އިސްލާހުތަކުގެ ލިސްޓުގައި ހިމެނޭ އެއް ކަމަކީ ބިލުގެ 67 ވަނަ މާއްދާގެ ދަށުން ވަކިވަކި ނޫސްވެެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް އޮތް ބައި އުނިކުރުމެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ބުނީ، ބިލުގެ 44 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ "ހިޔާލުތަފާތުވެފައިވާ މައްސަލައެއްގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު" އުނިކުރަން ވެސް އެ އޮފީހުން ވާނީ ރައްޔިތުންގެ މަޖިލިހަށް ހުށަހަޅާފައި ކަމަށެވެ. އޭގެ ބަދަލުގައި ހުށަހެޅީ "އާއްމު މަސްލަހަތާ ގުޅޭ މައްސަލަތަކުގައި މައުލޫމާތު ހާމަކުރުމުގެ މިންގަނޑު"ގެ ނަމުގައި ބައެއް އިތުރުކުރުމަށެވެ.

އޭޖީ ހުށަހެޅުއްވި އަނެއް ކަމަކީ މީޑިއާ ރެގިއުލޭޓް ކުރަން ބިލުން އުފައްދާ ކޮމިޝަނަށް މެންބަރުން އައްޔަންކުރުމާއި ވަކިކުރުމުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް، ބިލުގެ 17 ވަނަ މާއްްދާ އާއި 19 ވަނަ މާއްދާ އަދި 20 ވަނަ މާއްދާ އިސްލާހު ކުރުމަށެވެ.

އޭގެ ބަދަލުގައި ކޮމިޝަނުގެ މެންބަރެއްގެ ޝަރުތެއް ނުވަތަ ސިފައެއް އުނިވެއްޖެ ނަމަ އެ މެންބަރު ވަކިކުރުމުގެ ބާރު އޭނާ އިންތިހާބުކުރާ ފަރާތަށް ދޭ ގޮތަށް ބައެއް އިތުރުކުރަން ވެސް އޭޖީ ހުށަހެޅުއްވި އެވެ.

މީގެ އިތުރުން ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ އިތުރު އިސްލާހުތައް ވެސް ބަންޑާރަ ނައިބުގެ އޮފީހުން ވަނީ ރައްޔިތުންގެ މަޖިލިހަށް ފޮނުވާފައި ކަމަށް އެ އޮފީހުން ބުންޏެވެ.

މީޑިއާ ރެގިއުލޭޝަން ބިލް ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ ތަނުން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް، ބިލު ބޭރުކުރަން އެދިފަ އެވެ.