Roadha Mihaaru

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމަށް އެޗްއާރުސީއެމުން ދެކޮޅު

ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެނައުމާ އެކު، އެއީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް އެޗްއާރުސީއެމުން އެދިއްޖެ އެވެ.

މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

01 ސެޕްޓެމްބަރ 2025

ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ރެގިއުލޭޓް ކުރުމަށް މިހާރު ވެސް އަމަލު ކުރަމުން އަންނަ މޯލްޑިވްސް މީޑިއާ ކައުންސިލުގެ ގާނޫނާއި ބްރޯޑްކާސްޓް ކުރުމުގެ ގާނޫނު އިތުރަށް ފުރިހަމަ ކުރުމަށް ގެންނަންޖެހޭ އިސްލާހުތައް އެ ގާނޫނުތަކަށް ގެނައުމާ އެކު، އެއީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަށް އެޗްއާރުސީއެމުން އެދިއްޖެ އެވެ.

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހެޅުއްވި އެ ބިލު ދިރާސާ ކުރުމުގެ މަސައްކަތް ކުރަމުން އަންނައިރު އެ ބިލަށް ގެންނަން ފެންނަ އިސްލާހުތައް އެޗްއާރުސީއެމުން ވެސް ވަނީ ހުށަހަޅައިފަ އެވެ.

އެޗްއާރުސީއެމުން ބުނީ ޑިމޮކްރަސީ އޮންނަ ގައުމުތަކުގައި ވެސް ބްރޯޑްކާސްޓް މީޑިއާ އާއި ޕްރިންޓް މީޑިއާ ހިންގަމުން އަންނަނީ އަސާސީ ގޮތުން ތަފާތު އޮނިގަނޑެއްގެ ދަށުން ކަމަށާއި އެއް ކޮމިޝަނަކުން އެއް ސުލޫކީ މިންގަނޑެއް ބޭނުންކޮށްގެން އެ ދެ ނިޒާމު ރެގިއުލޭޓް ކުރުމަކީ އެ ގައުމުތަކުގައި އަމަލުކުރާ އުސޫލު ނޫން ކަމަށެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި، އެގޮތަށް އޮންނަނީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރެއިން ވެސް ހާއްސަކޮށް ސިޔާސީ ވާހަކަތަކަށް ސަރުކާރު ޖަވާބުދާރީ ކުރުމަށް ފުޅާ ދާއިރާއެއްގެ މިނިވަންކަމެއް ދޭންވާނެ ކަމަށް ބައިނަލްއަގްވާމީ މިންގަނޑުތަކުގައި ބަޔާންކޮށްފައިވާތީ އެވެ.

އެޗްއާރުސީއެމުން ބުނީ ބްލޮގަރުންނާއި އޮންލައިންކޮށް އަދި އަމިއްލަ ހިޔާލުފާޅުކުރާ ނުވަތަ ވާހަކަ ހިއްސާކުރާ ނުވަތަ އާ ހިޔާލުތައް ހުށަހަޅާ ކޮންމެ ފަރުދަކު ރަޖިސްޓަރީވެ، ލައިސަންސް ހޯދައި ދައުލަތުގެ ކޮމިޝަނެއްގެ ބެލުމުގެ ދަށުން ރެގިއުލޭޓްކުރަން ހުށަހަޅާފައިވާ ހުށަހެޅުމަކީ ކަންބޮޑުވާ ކަމެއް ކަމަށެވެ. އެފަދަ އުސޫލެއް ގެންގުޅުމަކީ ބައިނަލްއަގްވާމީ އެންމެ ރަނގަޅު އުސޫލުތަކާ ހިލާފު އަދި ހިޔާލުފާޅުކުރުމުގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާނެ ކަމެއް ކަމަށެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ ތެރެއިން: ކޮމިޓީގައި ވާހަކަ ދެއްކި ހުރިހާ މީޑިއާއަކުން ވަނީ ބިލާ ދެކޮޅު ކަން ހާމަކޮށްފައި - ފޮޓޯ: ނިޝާން އަލީ / މިހާރު

އެޗްއާރުސީއެމުން ބުނީ ޑިމޮކްރެޓިކް ގައުމުތަކުގައި މިނިވަން އަޑުތަކާއި ރައްޔިތުންގެ ނޫސްވެރިން ރައްކާތެރިކޮށްދޭ ކަމަށާއި އެއީ ދައުލަތުގެ ބާރުގެ ދަށަށް ގެންނަން ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އިނގިރޭސި ވިލާތުގައި ޕްރިންޓް މީޑިއާ ބަލަހައްޓަނީ އައިޕީއެސްއޯ ފަދަ މިނިވަން މުއައްސަސާތަކުން ކަމަށާއި ބްލޮގް އަދި އޮންލައިންކޮށް ހިޔާލު ފާޅުކުރާ ފަރާތްތަކުން ލައިސަންސް ނުވަތަ ރަޖިސްޓްރޭޝަން ހޯދަން ނުޖެހޭ ކަމަށް އެ ކޮމިޝަނުން ބުންޏެެވެ.

އެޗްއާރުސީއެމުން ބުނީ، އެމެރިކާ އާއި ކެނެޑާ އަދި ޔޫރަޕްގައި ވެސް ބްލޮގިން އަދި އޮންލައިން ހިޔާލުފާޅުކުރުމަކީ ހިޔާލުފާޅުކުރުމުގެ މިނިވަންކަމުގެ ތެރޭގައި ހިމެނޭ ކަމެއްގެ ގޮތުގައި ބަލައިގަންނަ ކަމަށާއި އެ ކަމަށް ދައުލަތުގެ ރަޖިސްޓްރޭޝަނެއް ހޯދަން ނުޖެހޭ ކަމަށެެވެ. ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމަށް ކަނޑައަޅާ ކޮމިޝަންތަކާ ހިލާފަށް ޕްރިންޓް މީޑިއާ އަށް އޮންނަނީ ސެލްފް ރެގިއުލޭޓަރީ ނިޒާމެއް ކަމަށް ބުންޏެެވެ.

އެހެންވެ، ދެ ނިޒާމަކީ ވަކިން އޮންނަ ދެ ނިޒާމުގެ ގޮތުގައި ބޭއްވުމަަށް ހުށަހެޅުމާ އެކު، އެޗްއާރުސީއެމުން ވަނީ އެއް އިދާރާއެއްގެ ދަށުން އެ ނިޒާމު ކުރިއަށް ގެންދިއުމަށް ނިންމިޔަސް ޕްރިންޓް މީޑިއާ އާއި ބްރޯޑްކާސްޓް މީޑިއާ ރެގިއުލޭޓް ކުރުމުގައި ގާއިމުކުރުމަށް ބަޔާންކޮށްފައިވާ ފަރަގު ގާއިމުކޮށްގެން ރެގިއުލޭޓްކުރުމުގެ ނިޒާމު އެކަށައަޅާށެވެ.

އެ ބިލުގައި ނޫހެއް ނުވަތަ މަޖައްލާއެއް ޝާއިއު ކުރަން ވާނީ ކޮމިޝަނުގައި ރަޖިސްޓްރީ ކުރުމަށް ފަހު ކަމަށާއި އެ ނޫން ގޮތަކަށް އެކަން ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ބަޔާންކޮށްފައިވާތީ އެކަމުގެ ކަންބޮޑުވުން އެޗްއާރުސީއެމުން ފާޅުކުރި އެވެ. އަދި މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އިން ބަލަމުން އައި މައްސަލަތައް އަލަށް އެކުލަވާލާ ކޮމިޝަނުން ބަލާނެ ކަމަށް ބަޔާންކުރާތީ އެޗްއާރުސީއެމުން ބުނީ އޭގެ ސަބަބުން އެ ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިން ހުށަހެޅިފައިވާ ނުވަތަ ތަހުގީގުކުރަމުން އަންނަ މައްސަލަތަކަށް އެ މައްސަލަތައް ހުށަހެޅުނުއިރު ނެތް އިޖުރާއަތްތަކާއި ޒިންމާތަކާއި އަދަބުތަކެއް ކުރިމަތިވާނެ ކަމަށެވެ.

އެހެންވެ، އެޗްއާރުސީއެމުން ވަނީ އެ ބިލުގެ 72 ވަނަ މާއްދާގައި ކުރީގެ ގާނޫނުގެ ދަށުން އެ މައްސަލަތައް ބަަލއި ކުރީގެ ގާނޫނުތަކުގައި ބަޔާންކުރާ އިޖުރާއަތުތަކާއި ޒިންމާތަކާއި އަދި އަދަބުތަކުގެ އެއްވެސް ފިޔަވަޅެއް ނޭޅުމަށް ބަޔާންކުރަން ހުށަހަޅައިފަ އެވެ.

މީޑިއާ ބިލަށް ހިޔާލު ދިނުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

މީޑިއާ ބިލަށް ހިޔާލު ދިނުމަށް މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުމަށް ދިޔަ ބައެއް ނޫސްވެރިން.---ފޮޓޯ: ނިޝާން އަލީ| މިހާރު

އެ ބިލުގެ 68 ވަނަ މާއްދާގައި ވަނީ މީޑިއާގެ އެއްވެސް ވަސީލަތެއް މެދުވެރިކޮށް ސައްހަ ނޫން މައުލޫމާތެއް އާންމުކޮށްފި ނަމަ، އެ މައުލޫމާތަކީ ސައްހަ ނޫން މައުލޫމާތެއްކަން އެނގޭހިނދު، ވީއެންމެ އަވަސް ފުރުސަތެއްގައި މާފަށް އެދި، އެފަދަ މައުލޫމާތެއް އަނބުރާ ގެންދިޔަކަން ނުވަތަ އިސްލާހުކުރިކަން އާންމުކޮށް އެނގޭނެ ގޮތަށް ހާމަކުރުމަކީ އެފަރާތެއްގެ ޒިންމާއެއް ކަމަށް ކަނޑައަޅާފައިވެ އެވެ. އެކަން އިސްލާހުކުރުމަށް ނުވަތަ އެކަމަށް މާފަށް އެދުމުގެ އިހްތިޔާރު ކޮމިޝަނަށް ދޭއިރު އެ މާއްދާގެ ދަށުން އަންގާ އެންގުމަކަށް އަމަލުނުކުރާ ނަމަ، ފިޔަވަޅު އެޅުމުގެ ބާރު އޮވެ އެވެ.

އެކަމާ ގުޅިގެން އެޗްއާރުސީއެމުން ބުނީ އެއީ މަދަނީ އަދި ސިޔާސީ ހައްގުތަކާ ބެހޭ ބައިނަލްއަގްވާމީ މުއާހަދާގައި ބަޔާންކުރާ ހިޔާލުފާޅުކުރުމާއި ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ހަނިވުމުގެ ފުރުސަތު އުފެދޭނެ ކަމެއް ކަމަށެވެ.

އެ ބިލާ ގުޅިގެން 22 އިސްލާހެއް ގެނައުމަށް އެޗްއާރުސީއެމުން ހުށަހަޅާފައިވެ އެވެ. އަދި އިސްލާހުކުރަން ހުށަހަޅާ ގޮތާއި ސަބަބު ވެސް ބަޔާންކޮށްފައިވެ އެވެ.

އެ ކޮމިޝަނުން ބުނި ގޮތުގައި އެ އިސްލާހުތަކަކީ ކޮމިޝަނުން ގެންނަން ބޭނުންވާ އިސްލާހުތައް ނަމަވެސް އެ އިސްލާހުތަކާ އެއްގޮތަށް ބަދަލުނުކުރެވޭ ހާލަތުގައިވެސް އެ ވަކިވަކި މާއްދާތަކަށް ކޮމިޝަނުން ހުށަހެޅި އިސްލާހުތަކަށް ރިއާޔަތް ކުރުމަށް އެދިފައިވެ އެވެ.

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގެ މިއަދުގެ ބައްދަލުވުން.-- ފޮޓޯ: ނިޝާން އަލީ / މިހާރު

ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ބިލް މަޖިލީހުން ބަލައިގަތީ ދައުރުން ބޭރު ޖަލްސާއެއްގައި މިދިޔަ ބުދަ ދުވަހު އެވެ.

ނޫސްވެރިކަމުގެ ދާއިރާގައި މަސައްކަތްކުރާ ފަރާތްތަކުގެ މަޝްވަރާއެއް ނެތި އެކުލަވާލާފައިވާ އެ ބިލަށް ނޫސްވެރިންގެ ހިޔާލު ހޯދުމަށް މިއަދު ވަނީ ކޮމިޓީއަށް އެކި މީޑިއާތައް ހާޒިރުކޮށްފަ އެވެ. އެކަމަކު ބިލުގެ ކަންބޮޑުވުމާ އެކު ނޫސްވެރިން ގޮވާލާފައި ވަނީ ބިލު އަނބުރާ ގެންދިއުމަށެވެ.