ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ ހެއްކާ ބެހޭ ބިލް އިސްލާހްކުރަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިންގެ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވަނިކޮށް، އެ ބިލު ތަސްދީގުކުރުމުން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތްކަން އެނގިއްޖެ ކަމަށް ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
18 ޖުލައި 2022
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރުވާ ހެއްކާ ބެހޭ ބިލް އިސްލާހްކުރަން ގޮވާލައި ގިނަ އަދަދެއްގެ ނޫސްވެރިންގެ ޕެޓިޝަނެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފައިވަނިކޮށް، އެ ބިލު ތަސްދީގުކުރުމުން މީޑިއާގެ މިނިވަންކަން ކަށަވަރުކޮށް ދިނުމަށް ދައުލަތުގެ އިދާރާތަކުގެ ހެޔޮ ނިޔަތެއް ނެތްކަން އެނގިއްޖެ ކަމަށް ނޫސްވެރިންގެ ޖަމިއްޔާއިން މިއަދު ބުނެފި އެވެ.
އެ ބިލް ތަސްދީގުކުރުމުން އެކަން ކުށްވެރިކޮށް ނެރުނު ބަޔާނެއްގައި ބުނީ 158 ނޫސްވެރިއަކު ސޮއިކޮށް، ޕެޓިޝަން ހުށަހަޅާފައިވަނިކޮށް، ބިލް ތަސްދީގު ކުރުމަކީ ގާނޫނުއަސާސީން ކަށަވަރުކޮށްދޭ ހިޔާލުފާޅުކުރުމުގެ މިނިވަންކަމާއި މީޑިއާގެ މިނިވަންކަން އަދި ރައްޔިތުންނަށް ސައްހަ މައުލޫމާތު ލިބުމުގެ ހައްގަށް ސަރުކާރުން ހުރަސް އަޅައި އެ ހައްގުތައް ހަނިކުރުމަށް ހިންގި އަމަލެއް ކަމަށެވެ.
"ގާނޫނުއަސާސީން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ހަނިކުރުމުގައި ރައްޔިތުންގެ މަޖިލީހާއި ސަރުކާރުން އަމަލުކޮށްފައިވާ ގޮތަކީ ވަރަށް ގައިރު ޒިންމާދާރު ގޮތެއް ކަމުގައި މި ޖަމްއިއްޔާއިން ފާހަގަކޮށް އެކަމާ ހިތާމަކުރަމެވެ،" ހަ މަސް ފަހުން އަމަލުކުރަން ފަށާ ގާނޫނާ ގުޅޭ ކަންބޮޑުވުންތަކާ ގުޅޭގޮތުން ނެރުނު ބަޔާނުގައި ބުންޏެވެ.
އެ ޖަމިއްޔާއިން ވަނީ މަސްދަރު ހާމަކުރުމަށް މަޖުބޫރު ކުރެވޭ ގޮތަށް އޮތް ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާ އިސްލާހުކުރުމަށް ދިވެހި ހުރިހާ ނޫސްވެރިންގެ ހައްގުގައި ކުރަމުން އަންނަ މަސައްކަތް ހުއްޓާނުލާ ކުރާނެ ކަމުގެ ޔަގީންކަން ދީފަ އެވެ.
ހެއްކާ ބެހޭ ބިލް ތަސްދީގުކޮށްފި ނަމަ އެ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅާނެ ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ވަނީ މީގެ ކުރިން ބުނެފަ އެވެ.
އެ ގާނޫނުގައި މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުން އަދި ކަމެއް ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތް ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ ގާނޫނުން މީޑިއާތަކާއި ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތަކާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓުތަކަށް އެންގިދާނެ އެވެ.
ނޫސްވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް އޮތުމަކީ ނުފޫޒާއި ބާރު ހުރި ބަޔަކަށް އެކަމުގެ ނާޖާއިޒު ފައިދާ ނަގަން ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އޭގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅި، ޖަލަށް ދާން ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.
މީޑިއާ ކޮމިޝަންގެ ބިލް އަނބުރާ ގެންދަން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
ހެއްކާ ބެހޭ ގާނޫނަކީ ބޮޑު ނުރައްކަލެއް: ޖަމިއްޔާތައް
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރެވޭ ގޮތަށް މަޖުބޫރުކޮށްފި
މަސްދަރު ހާމަ ކުރުމާ ބެހޭ މާއްދާ އުނިކުރަން ގޮވާލައިފި
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް
"ސަރުކާރަކާ ނުލައި ވެސް ނޫސްވެރިކަން އޮތުން މުހިންމު"
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ