Roadha Mihaaru
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް

ހެއްކާ ބެހޭ ބިލުން މަސްދަރު ހާމަކުރަން މަޖުބޫރުކުރާތީ ކަންބޮޑުވޭ: އުޝާމް

22 ސެޕްޓެމްބަރ 2021

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިން، އެ މީހުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް މާއްދާއެއް އޮތުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިން، އެ މީހުން މައުލޫމާތު ހޯދި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް މާއްދާއެއް އޮތުމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު އުޝާމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.

ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް މަޖިލީހުގެ މިއަދުގެ ޖަލްސާގައި ކުރި ބަހުސްގައި އުޝާމް ވިދާޅުވީ ނޫސްވެރިން، މައުލޫމާތު ހޯދި މަސްދަރު ހަމާކަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތް މާއްދާ އިސްލާހުކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

ނޫސްވެރިން މައުލޫމާތު ހޯދާ މަސްދަރު، ވަކި ހާލަތްތަކެއްގައި ހާމަކުރަން މަޖުބޫރުކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި އޮތީ މަސްދަރު ހާމަކުރުމުގެ ސަބަބުން، އެ މީހާ އަށް ނުވަތަ އެހެން ފަރާތަަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ، މަސްދަަރު ހާމަކުރުމުގެ އާއްމު މަސްލަހަތު ބޮޑުވާ ހާލަތުގައި މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވިދާނެ ކަމަށެވެ. މަސްދަރު ހާމަކުރަން ނޫސްވެެރިޔާއަަށާއި އޭނާ މަސައްކަތްކުރާ މީޑިއާ އަށް މަޖުބޫރު ކުރުމުގެ ބާރު ވެެސް އެ މާއްދާ އިން ފަނޑިޔާރުންނަށް ލިބިދެ އެވެ.

އުޝާމް ވިދާޅުވީ ރާއްޖޭގެ ޖުޑިޝަރީގެ ހާލަތު މިހާރު އޮތް ގޮތުން ފަނޑިޔާރުންނަށް އެފަދަ ބާރުތަކެއް ދިނުމަކީ ރަނގަޅުކަމެއް ނޫން ކަމަށެވެ.

"އަޅުގަަނޑުގެ ހަމަ ކަންބޮޑުވުމެއް އެބައޮތް މި ބިލުގެ 136 ވަނަ މާއްދާ މިހާރު އޮތް ގޮތުން. ގާނޫނުއަސާސީން ނޫސްވެރިންނަށް ލިބިދީފައި އޮތް، ނޫސްވެރިކަމުގެ މިނިވަންކަމުގެ ހައްގު ކޮންމެވެސް ވަރަކަށް ހިފެހެއްޓޭ ގޮތަކަށް 136 ވަނަ މާއްދާ މިހާރު ޑްރާފްޓްކޮށްފައި އޮތީ،" އުޝާމް ވިދާޅުވި އެވެ.

ހެއްކާ ބެހޭ ބިލުން އޭނާ ދެއްކެވި އަނެއް މައްސަލައަކީ ހެކިބަސްދޭ މީހުން ހިމާޔަތް ކުރާނެ މާއްދާތަކެއް ނެތުމެވެ. ހެކިބަސްދޭ މީހުން ހިމާޔަތްކުރާނެ ގޮތްތަކެއް ބިލުގައި އޮންނާނެ ކަަމަށް، ސަރުކާރުން ބިލު ހުށަހެޅުމުގެ ކުރިން ހީކުރެއްވުނު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެެހެން ނަމަވެސް އެކަމާ [ހެކިން ހިމާޔަތްކުރުމާ ބެހޭ] އެއްވެސް ވާހަކައެއް ވެސް ނެތީމާ، ވިޓްނަސް ޕްރޮޓެކްޝަނާ ބެހޭ ކޮންމެވެސް އުސޫލުތަކެއް މި ބިލުގައި ހިމެނުމަކީ މުހިއްމު ކަމެއް،" އުޝާމް ވިދާޅުވި އެވެ.

މަސްދަރު ހާމަނުކުރުމުގެ ހައްގަކީ ގާނޫނުއަސާސީގެ 28 ވަނަ މާއްދާ އިން ނޫސްވެރިންނަށް ލިބިދީފައިވާ ހައްގެކެވެ. އެ މާއްދާގައި ބުނެފައިވާ ގޮތުގައި، މަސްދަރު ހާމަކުރުމަށް ނޫސްވެރިންނަށް އެއްވެސް ފަރާތަކުން މަޖުބޫރު ކޮށްގެން ނުވާނެ އެވެ.

ރާއްޖޭގައި މިހާރު އަމަލު ކުރަމުން އަންނަނީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނަކަށެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް ދެން އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ. މަޖިލީހުގައި މިހާރު އަމަލުކުރަމުން އަންނަ ހެއްކާ ބެހޭ ބިލު ފާސްކުރުުމުން އެ ދެގާނޫނު އުވޭނެ އެވެ.