Roadha Mihaaru

މީޑިއާ ބިލުގެ އެނަލިސިސްއަކާއި ނިޒާމުގެ ރިވިއުއެއް ހަދަން ހަތަރު މަސް ދޭން އެދިއްޖެ

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އެނާލިސިސްއެއް ހެދުމާއި މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމުގެ މަސައްކަތްތަކަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.

މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

02 ސެޕްޓެމްބަރ 2025

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލުގެ އެނާލިސިސްއެއް ހެދުމާއި މިހާރު އޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއުއެއް ހެދުމުގެ މަސައްކަތްތަކަށް ހަތަރު މަސް ދުވަހުގެ މުއްދަތެއް ދިނުމަށް މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން އެދިއްޖެ އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ ގުޅިގެން އިއްޔެ ވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް ނޫސްވެރިން ހާޒިރުކޮށްފަ އެވެ.

ގާތްގަނޑަކަށް ހަތަރު ގަޑިއިރަށް ކުރިއަށް ދިޔަ އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ބައްދަލުކުރައްވައި އެމްޖޭއޭގެ ޑިރެކްޓަރު މުހައްމަދު ޖުނައިދު ވިދާޅުވީ އެހާ އަވަސް އަރުވާލައިގެން މި ބިލުގެ މަސައްކަތްކުރަންޖެހޭ ސަބަބަކީ ކޮބައިތޯ ނޫސްވެރިން ކޮމިޓީގައި ސުވާލުކުރުމުން ވެސް އެކަމަށް މެމްބަރުން ޖަވާބެއް ދެއްވާފައި ނުވާ ކަމަށެވެ.

ޖުނައިދު ވިދާޅުވީ ބިލުގެ މަސައްކަތް އަވަސް އަރުވާލައިގެން ކުރަންޖެހޭ ހާލަތެއް އަދި ސަބަބެއް ވެސް ނެތް ކަމަށެވެ.

"[އެމްޖޭއޭ] ގެ ފަރާތުން ސިޓީއަކުން ކޮމިޓީއަށް އެދިފައިވާނެ މަދުވެގެން 4 މަސް ދުވަހުގެ މުއްދަތެއް ދިނުމަށް. މިހާރު މިިއޮތް ރެގިއުލޭޓަރީ ނިޒާމުގެ ރިވިއު ހެދުމާއި މިހާރު ހުށަހަޅާފައި އޮތް ބިލުގެ އެނާލިސިސްއެއް ހެދުމާ އެކީގައި އެމްޖޭއޭގެ ފަރާތުން ރިކޮމެންޑޭޝަންސް ކޮމިޓީއަށް ގެންނަން،" އޭނާ ވިދާޅުވި އެވެ.

ޖުނައިދު ވަނީ މަޝްވަރާކޮށްގެން ރަނގަޅަށް ބިލުގެ މަސައްކަތްކުރެވެން އޮއްވައި ގޯސް މަގުން ނުދިއުމަށް ވެސް އެދިފަ އެވެ.

އެ ބިލާ ގުޅިގެން މިނިވަން މުއައްސަސާތަކުގެ ކޮމިޓީން ވަނީ މިހާތަނަށް ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) ގެ ބޭފުޅުންނާ ބައްދަލުކުރައްވައިފަ އެވެ. ވަކިވަކިން ބޭއްވި އެ ހުރިހާ ބައްދަލުވުމެއްގައި ވެސް ފާހަގަކޮށްފައި ވަނީ މަޝްވަރާނުކޮށް ހުށަހަޅާފައިވާ އެ ބިލުގައި ކަންބޮޑުވާ ގިނަ ކަންތައްތަކެއް ހުރުމުން ބިލު ބޭރުކޮށްލާށެެވެ.

ޖުނައިދު ވިދާޅުވީ ނޫސްވެރިކަން ރެގިއުލޭޓްކުރުމަށް ދެކޮޅު ނުހަދާ ކަމަށާއި އެކަމަކު މިހާރު ދެކެވެނީ މީޑިއާ ކޮންޓްރޯލްކުރުމާއި ރެގިއުލޭޓްކުރުމާ އޮތް ފަރަގު ކަމަށެވެ. އަދި ބަންޑާރަ ނައިބާއި މަޖިލީހާއި ސަރުކާރުގެ އެހެން ފަރާތްތަކާ ވެސް މަޝްވަރާކޮށްގެން ކުރިއަށް ދިއުމަށް ތައްޔާރަށް އޮތް ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި އިއްޔެ ޖުނައިދު ވިދާޅުވި ގޮތުގައި އެމްޖޭއޭގައި ކުރި ދިރާސާއިން ވެސް އެނގުނީ އާންމު ރައްޔިތުންގެ ކަންބޮޑުވުން އޮތް އޮތީ ނޫސްތައް ސިޔާސީ މީހުންގެ އަތްދަށުވެފައި ތިބި ތިބުމަށެވެ. ނަމަވެސް، އެކަން ހައްލު ކުރަން ބިލުގައި އެއްވެސް ކަމެއް ހިމަނާފައި ނެތް ކަމަށް ވިދާޅުވި އެވެ.

ނޫސްވެރިންނަށް އެކި ކަހަލަ އިންޒާރުތަކާއި ހަމަލާތައް އަމާޒުވަމުންދާއިރު، ނޫސްވެރިންގެ ހިމާޔަތުގައި ބިލުގައި އެއްވެސް ކަމެއް ވެސް ލިޔެފައި ނެތް ކަން ޖުނައިދު ވެސް ފާހަގަކުރެއްވި އެވެ.

ކޮމިޓީގައި ހުރިހާ މީޑިއާއަކުން ވެސް ފާހަގަކުރީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިކަމަށް ނުރައްކާ ހުރި މާއްދާތަކެވެ. ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާއެކު ފުޅާކޮށް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.