12 ނޮވެމްބަރ 2024
މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
މީޑިއާތަކުގެ އިތުރުން ވަކިވަކި ނޫސްވެރިން ވެސް ޖޫރިމަނާ ކުރެވޭ ގޮތަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އެއްކޮށްލުމުގެ ބިލެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައިފި އެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލްހަންނާން އަބޫބަކުރު ހުށަހަޅުއްވާ ބިލްގައި ވަނީ މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަންގެ ނަމުގައި އާ ކޮމިޝަނެއް އުފައްދަން ހުށަހަޅުއްވައިފަ އެވެ.
އެ ބިލްގެ ފުރަތަމަ ކިޔުން މަޖިލިހުގެ މާދަމާގެ ޖަލްސާ އަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަން އުފެދުމާ އެކު، ވަކި ދެ ގާނޫނަކުން އުފައްދާފައިވާ މީޑިއާ ކައުންސިލާއި ބްރޯޑްކޮމްގެ އުވާލައި، އެ ދެ މުއައްސަސާގެ ދަށުގައި ހުރި މުދަލާއި މުވައްޒަފުންނާ އެކު މަސްއޫލިއްޔަތުތަކާއި ޒިންމާތައް ވެސް ބަދަލުވާނެ ކަމަށް ބިލްގައި ބަޔާން ކޮށްފައި ވެ އެވެ.
އޭގެ ތެރޭގައި ބްރޯޑްކާސްޓު ކުރުމާއި ފްރީކުއެންސީ ލައިސަންސާއި ނޫސް މަޖައްލާ ރަޖިސްޓަރީ ކޮށްދީ، މީޑިއާތައް ފަތުރާ މައުލޫމާތު މޮނީޓާކޮށް، ނޫސްވެރިކަން ކުރިއަރުވައި، ރެގިއުލޭޓް ކުރުމުގެ މަސްއޫލިއްޔަތުތައް ހިމެނެ އެވެ.
ބިލްގައިވާ ގޮތުން، ޖުމްލަ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ އާ ކޮމިޝަނުގައި ތިބޭނީ ރައްޔިތުންގެ މަޖިލީހުގެ ރުހުން ލިބިގެން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރާ ހަތަރު މީހަކާއި މީޑިއާތަކުން އައްޔަންކުރާ ތިން މީހެކެވެ.
މީޑިއާ ތަމްސީލުކުރާ ތިން މެމްބަރުން އިންތިހާބު ކުރަން ވޯޓުލެވޭނީ، ގާނޫނުތަކުގެ ދަށުން ރަޖިސްޓަރީ ކޮށްގެން ހިންގާތާ ފަސް އަހަރު ވެފައިވާ ބްރޯޑްކާސްޓަރުންނާއި މީޑިއާތަކާއި އެތަންތަނުގައި މަސައްކަތް ކުރާ ނޫސްވެރިންނަށެވެ.
މި ކޮމިޝަނުގެ ރައީސާއި ނައިބު ރައީސް އައްޔަން ކުރުމުގެ ބާރު، ބިލުގައި ދީފައިވަނީ މަޖިލީހުގެ ރުހުމާ އެކު ރައީސުލްޖުމްހޫރިއްޔާ އަށެވެ.
ޕޭ ކޮމިޝަނުން މުސާރަ ކަނޑައަޅަންޖެހޭ ގޮތަށް ބިލް ފަރުމާކޮށްފައިވަނީ، ކޮމިޝަންގެ މެމްބަރުންގެ މުއްދަތު ގިނަވެގެން ފަސް އަހަރުގެ މުއްދަތަށް ލިމިޓް ކުރުމަށް ފަހު އެވެ.
މި ގާނޫނު ވުޖޫދަށް އައިސް، އައްޔަންކުރާ މެމްބަރުން މަސްއޫލިއްޔަތުތަކާ ހަވާލުވުމާ ހަމައަށް، އާ ކޮމިޝަން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އައްޔަންކުރާ ފަސް މެމްބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށް ބިލްގައި ވަނީ ބަޔާންކޮށްފަ އެވެ.
އާ ކޮމިޝަނާ ހަވާލުކޮށްފައިވާ ޒިންމާތަކުގެ ތެރޭގައި، މީޑިއާތަކާއި ނޫސްވެރިންގެ މަޝްވަރާގެ މަތިން، މީޑިއާތަކާއި ނޫސްވެރިން އަމަލުކުރަންޖެހޭ ސުލޫކީ މިންގަނޑެއް އެކުލަވައިލުން ވަނީ ހިމަނައިފަ އެވެ.
މީގެއިތުރުން، ނޫސްވެރިންނާއި އެޑިޓަރުންގެ ދަފްތަރެއް އެކުލަވާލައި ބެލެހެއްޓުމުގެ އިތުރުން ނޫސްވެރިއެއްކަން އަންގައިދޭ ފާހެއް ދޫކުރުމުގެ ޒިންމާ ވެސް ކޮމިޝަނާ ވަނީ ހަވާލުކޮށްފަ އެވެ.
ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފުވާ މީޑިއާތައް ޖޫރިމަނާ ކުރުމާއި ލައިސަންސް ހިފެހެއްޓުމާއި ޕްރޮގްރާމެއް ނުވަތަ ޕްރޮގްރާމެއް ބައެއް ހުއްޓުވައި، މާފަށް އެދެން އެންގުން ފަދަ ބޮޑެތި ބާރުތަކެއް ވެސް ކޮމިޝަނަށް އެ ބިލުން ލިބިދެ އެވެ.
ސުލޫކީ މިންގަނޑާ ތަކުރާރުކޮށް ހިލާފު ވެއްޖެ ނަމަ 5،000ރ. އާއި 50،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ ކަމަށް ބިލްގައި ވެ އެވެ.
މީޑިއާތަކުގެ އިތުރުން، ވަކިވަކި ނޫސްވެރިން ވެސް 5،000ރ. އާއި 10،000ރ. އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމުގެ ބާރު ކޮމިޝަނަށް ލިބެ އެވެ.
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
އަބުރުގެ ބިލް މާދަމާ އަށް އެޖެންޑާ ކޮށްފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
އިންޒާރު ދެކޮޅެއް ނުޖެހޭ، ޚަބަރު ގެނެސްދޭން ދަތި
ބިލްގައި ހުރި ކަންބޮޑުވުންތައް މެމްބަރުންނާ ހިއްސާކުރަނީ
އަނެއްކާވެސް ދިވެހި އޮބްޒާވަރުގެ ޒަމާނަށް!
އެއް ތަނަކުން މީޑިއާ ބެލެހެއްޓުމާ ގުޅޭ ބިލެއް ހަދައިފި
މީޑިއާގެ ބެލެނިވެރިން ނޫސްވެރިކަން ރަށްމެދުކޮށްފި
މީޑިއާގެ ދިފާއުގައި އެމްއެމްސީގެ ކުރީގެ ހަތަރު ރައީސުން