މީޑިއާ ރެގިއުލޭޓް ކުރަން ކަމަށް ބުނެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތީ ވަރަށް ބިރުވެރިކޮށް ކަމަށާއި އެ ބިލް އަނބުރާ ގެންދިޔުން ނޫން ގޮތެއް ނެތް ކަމަށް ރާއްޖޭގެ ސީނިއާ ބައެއް ނޫސްވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
26 އޯގަސްޓް 2025
މީޑިއާ ރެގިއުލޭޓް ކުރަން ކަމަށް ބުނެ ތުޅާދޫ ދާއިރާގެ މެމްބަރު އަބްދުލް ހަންނާނު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު އޮތީ ވަރަށް ބިރުވެރިކޮށް ކަމަށާއި އެ ބިލް އަނބުރާ ގެންދިޔުން ނޫން ގޮތެއް ނެތް ކަމަށް ރާއްޖޭގެ ސީނިއާ ބައެއް ނޫސްވެރިން މިއަދު ވިދާޅުވެއްޖެ އެވެ.
"މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން"ގެ ނަމުގައި ހަންނާނު ހުށަަހަޅާފައިވާ ބިލަށް ސަރުކާރަށް ނިސްބަތްވާ ބައެއް މެންބަރުން ތާއިދުކޮށްފައިވާއިރު، އެ ބިލް އަނބުރާ ގެންދިޔުމަށް ގިނަ އަދަދެއްގެ ނޫސްވެރިން ވަނީ ގޮވާލައިފަ އެވެ. މޯލްޑިވްސް މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަނުން ވެސް ވަނީ ބިލު ބަލައިނުގަންނާނެ ކަން ހާމަކޮށްފަ އެވެ.
ބިލާ މެދު ކަންބޮޑުވުން ފާޅުކޮށް ރާއްޖޭގައި މި ވަގުތު ތިއްބެވި އެންމެ ސީނިއާ ބައެއް ނޫސްވެރިން މިއަދު ވަނީ ނޫސްވެރިންގެ ބައްދަލުވުމެއް ބާއްވައިފަ އެވެ.
އެ ބައްދަލުވުމުގައި "ދައުރު" ނޫހުގެ އެޑިޓަރު މޫސާ ލަތީފް ވިދާޅުވީ ބިލުން ހަމައެކަނި ކޮމިޝަނެއް އުފެއްދުމުގެ ބަދަލުގައި ނޫސްވެރިން އަމަލުކުރަން ޖެހޭ ގޮތް ވެސް ހަނިކޮށްފައިވާ ކަމަށެވެ.
"ބިލު ފަރުމާކޮށްފައި އޮތީ މެލޭޝިއާ ކަހަލަ ނޫސްވެރިކަމުގެ މިނިވަންކަން ނެތް ގައުމުތަކުގެ ގާނޫނުތަކުގެ ބައެއް މާއްދާތައް ނަގައިގެން. މިއީ ބޮޑު މަސްހުނިގަނޑެއް. ފަހަތުގައި ފޮރުވިފައި އޮތީ މިހާރު ރާއްޖޭގައި މި އޮތް މިނިވަން މީޑިއާ ކޮންޓްރޯލް ކުރުން،" ނޫސްވެރިކަމުގެ ދާއިރާއިން ޝަރަފުވެރިކަމުގެ އިނާމް ހާސިލް ކުރައްވާފައިވާ މޫސަ ވިދާޅުވި އެވެ.
މޫސަ ވިދާޅުވީ މަޖިލީހުގައި ޕީއެންސީގެ ސުޕަ މެޖޯރިޓީ މިހާތަނަށް އަމަލުކޮށްފައިވާ ގޮތަށް ބަލާއިރު ނޫސްވެރިކަމުގެ މިނިވަންކަން ފުޅާކޮށް ބޭއްވޭނެ ގޮތަކަށް ބިލު ކޮމިޓީ މަރުހަލާގައި އިސްލާހު ކުރާނެ ކަމަކަށް ނުބެލެވޭ ކަމަށާއި ބިލު އަނބުރާ ގެންދަން ނޫސްވެރިން ގޮވާލަމުންދަނީ އެހެންވެ ކަމަށެވެ.
"ހަވީރު" ނޫހުގެ އެޑިޓަރު ކަން ވެސް ކުރެއްވި މޫސަ ވިދާޅުވީ މި ބިލުން އޮތީ ގާނޫނުއަސާސީގެ ބާރު ކަނޑުވާލާފައި ކަމަށާއި ބިލު ފާސްކުރާ ހިސާބުން ހިޔާލު ފާޅުކުރުމުގެ މިނިވަންކަމުގައި ތަޅު އެޅުވޭނެ ކަމަށެވެ.
"ރައްޔިތުން ވޯޓެއް ނުދޭ ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރާކަށް. ރައްޔިތުން ވޯޓު ދިނީ ވެރިކަން ކުރައްވަން. ރައްޔިތުން ވޯޓު ދިނީ ގާނޫނުއަސާސީގައި އޮތް ގޮތަށް މެންބަރުން މަޖިލިސް ހިންގުމަށް. އެއްގޮތަކަށް ވެސް ނޫސްވެރިކަމުގެ ހައްގު ހަނިކުރާކަށް ނުދޭ. އެކަމަކު ބިލު ފާސްވުމަށް ފަހު ހަމަ އެ ދިޔައީ އަޅުގަނޑުމެންނަށް ގާނޫނުއަސާސީން އެންމެ ފުޅާކޮށް ލިބިފައިވާ ހައްގު،" މޫސަ ވިދާޅުވި އެވެ.
ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"ދައުރު"ގެ އެޑިޓަރު އަހުމަދު ޒާހިރު (ހިރިގާ) ވިދާޅުވީ ގާނޫނުއަސާސީން ލިބިދޭ އަސާސީ ހައްގުތައް ހަނި ކުރެވޭނެ ގޮތަށް މަޖިލިސް މެންބަރަކު ހަމަ ހިތަށް އަރާއިރަށް ގާނޫނެއް ނުހެދޭނެ ކަމަށެވެ. އޭނާ ވިދާޅުވީ މި ބިލު ބަލައިގަނެ، އެއަށް އިސްލާހު ގެނައުމަކީ ނޫސްވެރިން ގަބޫލުކުރާނެ ކަމެއް ނޫން ކަމަށާއި ޖަލަށް ލިޔަސް އެ ސްޓޭންޑް ބަދަލު ނުކުރާނެ ކަމަށެވެ.
"ބިލު އޮތީ ހައްގުތައް މާބޮޑަށް ހަނިކޮށްފައި. އެ ބިލު ކޮށާމަށައިގެން ހައްލު ކުރެވޭނެ ކަމަކަށް އަޅުގަނޑުމެން ގަބޫލެއް ނުކުރަން. އަޅުގަނޑުމެން މިކަން ކުރަން ޖެހޭނީ ބޭރުގެ ފަންނީ މީހުންގެ އެހީ ހޯދައިގެން. އަޅުގަނޑުމެން ގާނޫނެއް ހަދާއިރު ގާނޫނުއަސާސީން ލިބިދޭ ހައްގުތަކަށް ފުށުނާރާ ގޮތެއްގެ މަތިން އެ ގާނޫނެއް ވުޖޫދު ކުރެވެން ޖެހޭނީ. އެއިން އެއްވެސް ކަމަކަށް ބެލުމެއް ނެތި މި ބިލު މިއޮތީ. އެހެންވީމަ އަޅުގަނޑުމެންގެ ސްޓޭންޑަކީ މި ބިލު ގެންގޮސް، ވަޑައިގަންނަވަށޭ އަޅުގަނޑުމެން ވެސް މި ތިބީ ސެލްފް ރެގިއުލޭޓް ކުރުމުގެ ތެރެއިން މީޑިއާ ރެގިއުލޭޓް ކުރާށޭ،" ނޫސްވެރިކަމުގެ ތަޖުރިބާރުކާރު ހިރިގާ ވިދާޅުވި އެވެ.
ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
"އަދަދު" ނޫހުގެ އެޑިޓަރު ހުސެއިން ފިޔާޒު މޫސާ ވިދާޅުވީ ބިލު އޮތީ ވަރަށް ނުބައި މަކަރުވެރި ވިސްނުމެއްގައި ކަމަށާއި ބިލު އޮތީ ސީދާ ރައީސުލްޖުމްހޫރިއްޔާގެ އަތްދަށަށް މީޑިއާ ގެންދާ ގޮތަށް ކަމަށެވެ. ރާއްޖޭގައި މި ވަގުތު އޮތް ސެލްފް ރެގިއުލޭޓްރީ ނިޒާމާ މުޅިން އިދިކޮޅަށް އާ ނިޒާމެއް ގެންނަން އުޅެނީ މީޑިއާތަކަށް ރަނގަޅުކުރަން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
ފިޔާޒު ވިދާޅުވި ގޮތުގައި މައްސަލައެއް ބަލަން ފަށާ ހިސާބުން ވެސް މީޑިއާތައް ބަންދު ކުރެވޭ ގޮތަށް ކޮމިޝަނަށް ބާރުދޭ ގޮތަށް އޮތުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށާއި އެއީ ގާނޫނުއަސާސީގެ ހަމަތަކާ ވެސް ހިލާފު ކަމެއް ކަމަށެވެ. އަދި ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް ބެލެވޭ ކަމަށް ބުނެ ފުލުހުން މެދުވެރިކޮށް މީޑިއާތަކަށް ވަދެވޭ ގޮތަށް އޮތުމަކީ ވެސް ނުހަނު ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
ނޫސްވެރިކަން ހިފަހައްޓައި، ނޫސްވެރިން ފަހަތަށް ޖެއްސުމުގެ ނިޔަތުގައި ބިލު ފާސްކުރިޔަސް، އެ ނަތީޖާ ނެނުރެވޭނެ ކަމަށް ފިޔާޒު ވިދާޅުވި އެވެ. ބިލު ފާސްކުރުމުން ވެސް ނޫސްވެރިން ފަހަތަށް ނުޖެހި މަސައްކަތުގައި މާގަދަކޮށް ތިބޭނެ ކަމަށާއި ޖަލަށް ދާން ޖެހުނަސް ނޫސްވެރިން ތިބޭނީ އެގޮތުގައި ކަން ފިޔާޒު ސަރުކާރަށް ހަނދާންކޮށްދިނެވެ. މާޒީން ވެސް ފެންނަން އޮތީ އެ މަންޒަރު ކަމަށް ފިޔާޒު ވިދާޅުވި އެވެ.
ސީނިއާ ނޫސްވެރިންގެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: މީޑިއާ ބިލު ހުށަހަޅާފައިވާ ނޫސްވެރިކަމުގެ މިނިވަންކަން އެކީ ހިފެހެއްޓުމުގެ މަގުސަދުގައި ކަމަށް އެ ބޭފުޅުން ވިދާޅުވި - ފޮޓޯ: ފަޔާޒު މޫސާ / މިހާރު
- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.
- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.
- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.
- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.
- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުމުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.
- ވަކި ވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމުން، ނޫސްވެރިންނަށް މައުލޫމާތު ހާމަކޮށް، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން. ވަކި ވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން.
- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު
މީޑިއާ ބިލް: ނަޝީދަށް ފެނުނީ ޕާޓީތައް ބައްދަލުވާން!
މީޑިއާ ކޮންޓްރޯލް ބިލް މާދަމާގެ ޖަލްސާގެ އެޖެންޑާއަށް
މީޑިއާ ކޮންޓްރޯލް ބިލާ ދެކޮޅަށް ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލު އަނބުރާ ގެންދަން އައިއެފްޖޭއިން ގޮވާލައިފި
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
އެންމެ މުހިއްމު ވާންޖެހޭނީ ނޫސްވެރިކަމުގެ މިނިވަންކަން