12 ޑިސެމްބަރ 2018
ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް މާ މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ، ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް މާ މުހިންމު ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިރޭ ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ނޫސްވެރިކަމަށް 75 އަހަރު ފުރުމުގެ މުނާސަބާ ފާހަގަ ކުރުމަށާއި ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އިނާމު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ޖަލްސާ ޝަރަފްވެރިކޮށް ދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ގާނޫނެއްގައި ލިޔެފައި ނެތަސް، ނޫސްވެރިކަމަކީ ހަތަރު ވަނަ ބާރު ކަމަށާއި އެއީ ޑިމޮކްރަސީގެ އެންމެ ބާރު ގަދަ ބާރު ވެސް މެ ކަމަށެވެ. ޚިޔާލު ފާޅުކުރުމާއި މިިނިވަން ނޫސްވެރިކަމަކީ މި ސަރުކާރު ދެމިއޮތުމުގެ މައިބަދަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން މުހިންމު ކަމަށެވެ.
"އަޅުގަނޑުމެން ކުރިއަށް ދާނީ ބިނާކުރަނިވި ފާޑު ކިޔުންތަކާ އެކުގައި. ނޫސްވެރިކަމާ ނުލައި ސަރުކާރެއް އޮތުމަށް ވުރެ ސަރުކާރަކާ ނުލައި ނޫސްވެރިކަން އޮތުން ވެސް ރައްޔިތުންގެ ހައްގުތައް ރައްކާތެރި ކުރުމަށްޓަކައި އަޅުގަނޑަށް މުހިންމު." ފުރަތަމަ ފަހަރަށް ރައީސަކު ބައިވެރިވެ ވަޑައިގަތް ނޫސްވެރިންގެ އެ ހަފުލާގައި، މީޑިއާއާ އަބަދުވެސް ގާތްގުޅުމެއް ބާއްވަވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އެންމެ މޮޅު ވީޑިއޯ ގްރާފަރު ޗެނަލް 13ގެ ލަޔާލް އަށް ހަނދާނީ ލިޔުން މިރޭ ދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
މިދިޔަ އަހަރުތަކުގައި ނޫސްވެރިންނަށް ބިރު ދެއްކުމާއި ފިއްތުންތައް ބޮޑު ފަސް އަހަރު ކަމަށް ވިދާޅުވެ، އޭރު ދައުލަތުގެ ތެރޭގައި ހިނގަމުން ދިޔަ ގޯސް ކަންކަން ގެނެސް ދިނުމުގައި ނޫސްވެރިން ކުރި ހިތްވަރަށް ސެލިއުޓް ކުރައްވައި، ސާބަސް ވިދާޅުވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ. އަދި އެކަންކަން ނޫސްވެރިން ރައްޔިތުންނާ ހަމައަށް ގެނެސް ނުދިން ނަމަ، ރާއްޖެ އަދިވެސް އޮންނާނީ ކޮރަޕްޝަނާއި ފަސާދަ އާއި އަނިޔާވެރިކަން ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ މިދިޔަ އަހަރުގެ އެވޯޑް ހާސިލްކުރި "މިހާރު" ފަސް ނޫސްވެރިންގެ ތެރެއިން ހަތަރު ނޫސްވެރިއަކު އެވޯޑާ އެކު ފޮޓޯއެއް ނަގަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
"ބިރު ދައްކަމުން ދިޔައިރު ވެސް ގައުމުގެ ހައްގުގައި ވެސް ނޫސްވެރިން އެ މަސްއޫލިއްޔަތު އުފުލި. ގާނޫނަކުން އެ މީހުންނާ އެ ޒިންމާތަކެއް ހަވާލު ކޮށްގެނެއް ނޫން. ގާނޫނީ އެއްވެސް ހިމާޔަތެއް ލިބިގެނެއް ވެސް ނޫން. ނޫސްވެރިން އެދުވަހު ބިރު ފަހަނައަޅައި ނުކުމެ ސަރުކާރުގެ އަމަލުތައް ހާމަކުރީ މި ގައުމަށް ހޮޔެ އެދޭތީ." މިދިޔަ ރިޔާސީ ކެމްޕެއިންގައި ވެސް ނޫސްވެރިކަމުގެ މިނިވަންކަމަށް ވަކާލާތު ކުރެއްވި ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ނޫސްވެރިންގެ ސަބަބުން ނުރައްކަލެއް ކުރިމަތިވެދާނެ ކަމަށް ގަބޫލު ކުރެވުނަސް، އެކަމުގައި އެންމެ ރަނގަޅު ހައްލަކީ "ލޯ މަރާލާފައި ނަމަވެސް" ނޫސްވެރިންނަށް އިތުރު މިނިވަންކަން ދިނުމެވެ. ނޫސްވެރިންގެ ފާޑު ކިޔުންތަކާއި ޚިޔާލުތަކަށް ސަރުކާރުން އަބަދުވެސް މަރުހަބާ ކިޔާނެ ކަން ތަކުރާރު ކުރައްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ ހަމަ މަގުން ސަރުކާރުން ހިންގަން ބޭނުން ނަމަ، ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ވެސް އެގޮތަށް ނޫސްވެރިންނަށް ފުރުސަތު ދިނުމަށް ގޮވާލައްވައިފަ އެވެ.
މިދިޔަ އަހަރު، ކުޅިވަރުގެ ނޫސްވެރިކަމުގެ ދާއިރާގެ އެންމެ މޮޅު ދެ ނޫސްވެރިންގެ ތެރެއިން "މިހާރު"ގެ އައްޒާމަށް އެޓާނީ ޖެނެރަލް ރިފްއަތު މިރޭ އެވޯޑް ދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
"ނޫސްވެރިންގެ ފާޑު ކިޔުންތަކަކީ މި ސަރުކާރުގެ ދިރުން. މި ސަރުކާރުގެ އައިބުތައް ދެނެގަނެވޭނީ ނޫސްވެރިންގެ ލޯގަނޑުން މި ސަރުކާރުގެ ފަސް ބައި ބެލި މިންވަރަކުން. އެކަމަށް މި ސަރުކާރުން އިޖާބަ ދޭނެ." މިނިވަން ނޫސްވެރިކަމަށްޓަކައި މީގެ އަހަރުތަކެއް ކުރިން އުފެއްދި "ސަންގު" ނޫހުގެ އެޑިޓަރެއްގެ ގޮތުގައި ވެސް މަސައްކަތްޕުޅު ކުރައްވާފައިވާ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވި އެވެ.
ރައީސް ވިދާޅުވި ގޮތުގައި ރާއްޖޭގައި ފުރަތަމަ އެކުލަވައިލި ގާނޫނުއަސާސީއާ ހިސާބުން ފެށިގެން ވެސް ރާއްޖޭގެ ދުސްތޫރީ ނިޒާމުގައި ނޫސްވެރިކަމާއި ޚިޔާލު ފާޅު ކުރުމުގެ މިނިވަން ކަމަށް ޖާގަ ދީފައި އޮތަސް، 2008 ގައި ތަސްދީގުކުރި އާ ގާނޫނުއަސާސީއާ ހަމައަށް ނޫސްވެރިންނަށް އޮތީ ވަރަށް ބިރުވެރި މާހައުލެކެވެ.
ޖަލުގެ ބިރުވެރިކަމުގެ ނޫސްވެރިކަން އޭރު އޮތީ ސަރުކާރުގެ ކޮންޓްރޯލްގެ ދަށުގައި ކަން ފާހަގަ ކުރައްވައި، ރައީސް ވިދާޅުވީ ވޭތުވެދިޔަ ފަސް އަހަރު ވެސް ރާއްޖޭގެ ނޫސްވެރިކަން އޮތީ އެފަދަ ހާލަތެއްގައި ކަމަށެވެ. އެ ބޭނުމުގައި ކުރީގެ ސަރުކާރުން ބޭނުންވެގެން ހެދި އަބުރުގެ ގާނޫނަކީ އެފަދަ ގާނޫނެއް ކަމަށާއި އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން، އެ ގާނޫނު އުވާލުމަކީ ލިބިވަޑައިގަތް ޝަރަފެއް ކަމަށް ވިދާޅުވި އެވެ.
"ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުންކޮށް، ނޫސްވެރިކަން އޮތީ މަރާލާފައި. ސަރުކާރުގެ ބިރު ދެއްކުންތަކުގެ ސަބަބުން ނޫސްވެރިން ތިބީ އިންތިހާއަށް ކަންބޮޑުވެފައި." ރައީސް ވިދާޅުވި އެވެ.
މިދިޔަ އަހަރުގެ އެންމެ އުންމީދީ ނޫސްވެރިޔާ "އަވަސް" އޮންލައިންގެ ނާޒިމް ހަސަނަށް، އެޑިއުކޭޝަން މިނިސްޓަރު މިރޭ އެވޯޑް ދެއްވަނީ.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
ރައީސް ވިދާޅުވީ ނޫސްވެރިން ރެގިއުލޭޓް ކުރުމަށްޓަކައި ގާނޫނަކުން ދެ މުއައްސަސާއެއް އުފައްދާފައި އޮތަސް، އެ ދެ މުއައްސަސާގެ ބޭނުން ވޭތުވެދިޔަ ތަނުގައި ހިފާފައިވަނީ ނޫސްވެރިންނަށް ބިރު ދައްކަން ކަމަށެވެ. ނޫސްވެރިން ރެގިއުލޭޓް ކުރަން އޮންނަން ޖެހޭނީ އެހެން ގައުމުތަކުގައި ވެސް އޮންނަ ފަދަ ސެލްފް ރެގިއުލޭޓްރީ ބޮޑީއެއް ކަމަށް ވިދާޅުވި އެވެ. އަދި ނޫސްވެރިން ހިފަހައްޓަން ގާނޫނީ ބަނދެވުންތަކެއް އޮންނަން ޖެހޭ ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ރައީސް ވިދާޅުވި އެވެ.
ނޫސްވެރިކަމުގެ ގަލަން މިރޭ ހާސިލް ކުރި ބައެއް ނޫސްވެރިން ފޮޓޯއަކަށް އެތުރިގެން.---ފޮޓޯ: އަހުމަދު ނިޝާތު/މިހާރު
"އަޚްލާގީ މިންގަނޑުތަކާއި ނޫސްވެރިކަމުގެ އުސޫލީ ހަމަތައް އިންތައް ކަނޑައެޅުމަކީ ނޫސްވެރިންގެ އަމިއްލަ ޒިންމާއެއް." ރައީސް ވިދާޅުވި އެވެ.
މިރޭގެ ހަފުލާގައި ނޫސްވެރިކަމަށް ގިނަ ދުވަހު ޚިދުމަތް ކުރެއްވި ބޭފުޅުންނަށް ނޫސްވެރިކަމުގެ އަލިމަސް ގަލަމާއި ނޫސްވެރިކަން ކުރިއަރުވަން މަސައްކަތް ކުރެއްވި ބޭފުޅުންނަށް އަލިމަސް ޝަރަފުގެ ގަލަން ވެސް ވަނީ އަރުވައިފަ އެވެ.
ނޫސްވެރިންގެ އެވޯޑް ހަފުލާއަށް ސަރުކާރު ހާޒިރެއް ނުވޭ!
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މީޑިއާތައް ހުއްޓުވުމުގެ ބާރު އަލަށް އުފައްދާ ކޮމިޝަނަށް
އަލަށް އުފައްދާ މީޑިއާ ކޮމިޝަންގައި ހަތް މެމްބަރުން
ނޫސްވެރިކަމުގެ އިނާމު ދިނުން މި މަހު 11 ގައި
ނޫސްވެރިކަމުގެ އިނާމަށް ހުޅުވާލައިފި
ނޫސްވެރިންގެ އެވޯޑު "ގެއްލިއްޖެ"؟
އިސްތިއުނާފް ކުރެވޭ ގޮތާއި ޖޫރިމަނާއާ މެދު ވިސްނަންޖެހޭ
"ސިޔާސީ ހަބަރުތައް ލިޔުން ހުއްޓުމަކަށް އަންނާނެ"
ބިލުގައި ހުރި ބޮޑެތި ކަންބޮޑުވުންތައް ވަގުތީ ކޮމެޓީ އަށް