Roadha Mihaaru
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި

ނޫސްވެރިންގެ ކަންބޮޑުވުންތައް އޮތް ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި

18 ޖެނުއަރީ 2023

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ. މިއީ، ގާތްގަނޑަކަށް ބައިގަރުނު ފަހުން ވުޖޫދުވި އާ ގާނޫނެކެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ގާނޫނަށް މިއަދު އަމަލުކުރަން ފަށައިފި އެވެ. މިއީ، ގާތްގަނޑަކަށް ބައިގަރުނު ފަހުން ވުޖޫދުވި އާ ގާނޫނެކެވެ.

މިދިޔަ އަހަރުގެ ޖުލައި މަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރައްވައި، ހަ މަސް ފަހުން އަމަލުކުރަން ފެށި ގާނޫނު އޮތީ ނޫސްވެރިން ފަތުރާ މައުލޫމާތުތަކުގެ މަސްދަރު ހާމަކުރެވޭނެ ހާލަތްތަކެއް ބަޔާންކޮށްފަ އެވެ.

އެ ގާނޫނުގެ 136 ވަނަ މާއްދާގައިވާ ގޮތުން ޓެރަރިޒަމާއި ގައުމީ ސަލާމަތާ ގުޅުން ހުރި މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓަށް މަޖުބޫރު ކުރެވޭނެ އެވެ.

ނަމަވެސް، އެއީ މަސައްކަތަށް ހުރަސް އެޅުން ކަމަށް ބުނެ ނޫސްވެރިން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެހެންވެ، އެ ގާނޫނަށް ބަދަލު ގެނައުމަށް އެޓާނީ ޖެނެރަލްގެ އޮފީހުން ވަނީ ރައީސް އޮފީހަށް އިސްލާހެއް ފޮނުވައިފަ އެވެ.

އޭޖީ އޮފީހުން ބުނެފައި ވަނީ ނޫސްވެރިންގެ ކަންބޮޑުވުންތަކަށް ރިއާޔަތްކޮށް، ހެއްކާބެހޭ ގާނޫނުގައި ހިމެނޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ މާއްދާ އިސްލާހުކުރަން ފޮނުވާފައިވާ ކަމަށެވެ. ސަރުކާރުގެ ފަރާތުން އެ ބިލު ހުށަހެޅުމުގެ ބޭނުމަކީ ނޫސްވެރިންނަށް މައުލޫމާތު ދޭ މަސްދަރު ހާމަކުރުމަށް ލާޒިމުކުރާ ހާލަތްތައް މިހާރު އެ ގާނޫނުގައި އޮތްގޮތުން، ނޫސްވެރިންގެ މެދުގައި އުފެދިފައިވާ ކަންބޮޑުވުންތަކަށް ހައްލެއް ހޯދުން ކަމަށް އެ އޮފީހުން ބުންޏެވެ.

އެކަމަކު، އާ ގާނޫނު އޮތީ ހެކީގެ ބާވަތްތަކާއި ހެކި ދަރަޖަ ކުރެވިގެންވާ ގޮތާއި ކަމެއް ސާބިތު ކުރަން ހެކި ބޭނުންވާ ނިސްބަތާއި ހެކި ހުށަހެޅުމާއި ބަލައިގަތުމާއި ވަޒަން ކުރުމުގައި އަމަލު ކުރަންޖެހޭ އުސޫލުތައް ބަޔާން ކޮށްފަ އެވެ.

މިހާތަނަށް އަމަލު ކުރަމުންދިޔައީ 1976 ވަނަ އަހަރު އެކުލަވައި ހެއްކާ ބެހޭ ގާނޫނެކެވެ. އެ ގާނޫނުގައި އޮންނަނީ ވެސް އެންމެ ހަތް މާއްދާ އެވެ. ދެން ހެއްކާ ބެހޭގޮތުން އަމަލު ކުރާ ގާނޫނަކަށް އޮންނަނީ 1972 ވަނަ އަހަރުގެ އަންހެނުންގެ ހެކިބަހުގެ ގާނޫނެވެ.

ނޫސްވެރިން އެދުނު ބައެއް އިސްލާހުތައް ގާނޫނަށް ގެންނަން ސަރުކާރުން އެއްބަސް ވިޔަސް ގައުމީ ސަލާމަތުގެ ލަފްޒު ހިމަނައިގެން ހެއްކާ ބެހޭ ގާނޫނު އިސްލާހު ކުރަން ނޫސްވެރިންގެ ޖަމިއްޔާ، އެމްޖޭއޭ އިން ދެކޮޅު ހަދަ އެވެ.

އެ ޖަމިއްޔާ އިން ވަނީ ކޯޓަށް މައްސަލަ ހުށަހެޅުމުގެ ކުރިން ވެސް ނޫސްވެރިޔާ އަށް މަސްދަރު ހާމަކުރަން އިދާރާތަކަށް މަޖުބޫރު ކުރުވޭ ފަދަ މާއްދާއެއް ހިމަނާފައި ވާތީ އެ މާއްދާ އިސްލާހުކޮށްދިނުމަށް ވެސް އެމްޖޭއޭ އިން އެދިފައިވެ އެވެ.