Roadha Mihaaru

މީޑިއާ ބިލްގެ ކޮމިޓީ މިއަދު ވެސް ސިއްރުކޮށް، ނޫސްވެރިން ނެރެފި

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފި އެވެ.

މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ މިއަދު ވެސް ސިއްރުކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

10 ސެޕްޓެމްބަރ 2025

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާއެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ ކޮމިޓީގެ މިއަދުގެ ބައްދަލުވުން ވެސް ސިއްރުކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.

އިއްޔެ ވެސް ކޮމިޓީ ބައްދަލުވުން ސިއްރުކުރަން ނިންމީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. އަދި މިއަދު ވެސް ބައްދަލުވުން ސިއްރުކުރަން ފާސްކުރި އެގޮތަށެވެ.

ކޮމިޓީއަށް ބައެއް ނޫސްވެރިން ހާޒިރުވެ ތިބިއިރު، އެ ނޫސްވެރިން ވަނީ ބައްދަލުވުން ސިއްރުކުރަން ނިންމީ މަޖިލީހުގެ ގަވައިދުގެ ކޮން މާއްދާއަކާ ހަވާލާދީތޯ އެ ކޮމެޓީގެ މުގައްރިރު އަދި ގުރައިދޫ ދާއިރާގެ މެމްބަރު ހުސެއިން ރިޒާއާ ސުވާލު ކުރައްވައިފަ އެވެ. ނަމަވެސް އެ ސުވާލަށް އޭނާ ޖަވާބެއް ނުދެއްވަ އެވެ.

އެވަގުތު ކޮމެޓީގައި ތިބި ނޫސްވެރިން ގަދަކަމުން ވަނީ ނެރެފަ އެވެ.

މީގެކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭގޮތުން ހިޔާލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފަ އެވެ.

ބިލާ ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ ތަނުން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް މީޑިއާއިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް، ބިލު ބޭރުކުރަން އެދިފަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރިއިރު، މި ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. އަދި ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.

އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.