Roadha Mihaaru

މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.

މީޑިއާ ބިލް ދިރާސާކުރާ ކޮމިޓީ ސިއްރުކޮށްފި
ނާޒިމް ހަސަން
ނާޒިމް ހަސަން

09 ސެޕްޓެމްބަރ 2025

މީޑިއާގެ މިނިވަންކަން ހަނިކުރެވޭ މާއްދާތަކާ އެކު ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލް ދިރާސާކުރަން ބޭއްވި މަޖިލީހުގެ ކޮމިޓީ ސިއްރުކޮށްފި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލާ މެދު ނޫސްވެރިންނާއި މީޑިއާ ކައުންސިލާއި ޖާނަލިސްޓްސް އެސޯސިއޭޝަން އަދި ބޭރުގެ ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާ ވަނިކޮށް، ދައުރުން ބޭރު ޖަލްސާއެއްގައި އެ ބިލް މަޖިލީހުން ވަނީ ބަލައިގެންފަ އެވެ.

ބިލު ބަލައިގަނެ ކޮމިޓީ މަރުހަލާ ކުރިއަށް ގެންދާނީ މަޝްވަރާ އާއި ހިޔާލު ހޯދައިގެން ކަމަށް ކުރިން ބުނެފައިވީ ނަމަވެސް، އެކަމަށް މިއަދު ބޭއްވި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ވަނީ ސިއްރުކޮށްފަ އެވެ.

ކޮމިޓީ ސިއްރުކުރަން ހުށަހެޅީ އާންމުންގެ ފަރާތުން ބިލަށް ލިބިފައިވާ ކޮމެންޓްތައް ހުށަހަޅާއިރު ޒާތީ މައުލޫމާތު އާންމުވެދާނެ ކަމަށް ބުނެ އެވެ. ބިލުގެ ކޮންމެ މާއްދާއަކަށް ވެސް 10-12 ކޮމެންޓް އާންމުންގެ ފަރާތުން ލިބިފައިވާ ކަމަށް ކޮމިޓީގެ މުގައްރިރު ހުސެއިން ރިޒާ ވިދާޅުވި އެވެ.

މީގެކުރިން ކޮމިޓީން ވަނީ ބިލާ ގުޅޭ ގޮތުން ހިޔާލު ހޯދަން ބަންޑާރަ ނައިބުގެ އޮފީހާއި ޔޫތު މިނިސްޓްރީ އަދި މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނާ އެކު ތާވަލުކުރި ބައްދަލުވުންތައް ކެންސަލްކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މިއަދު ބޭއްވި ބައްދަވުމުގެ ތެރެއިން.-- ފޮޓޯ: ނިޝާން އަލީ | މިހާރު

ބިލާ ދިރާސާކުރުމުގެ ތެރެއިން ބްރޯޑްކާސްޓިން ކޮމިޝަން އަދި މީޑިއާ ކައުންސިލް ކޮމިޓީއަށް ހާޒިރުކުރުމުން އެ ދެ ތަނުން ވެސް ވަނީ ބިލާ ދެކޮޅު ހަދައިފަ އެވެ. އޭގެ ފަހުން މީޑިއާތައް ހާޒިރުކުރި ކޮމިޓީގައި ވާހަކަ ދެއްކި 20 ވަރަކަށް ނޫސްވެރިން ވެސް ވަނީ ބިލާ ދެކޮޅުކަން ހާމަކޮށް ބިލު ބޭރުކުރަން އެދިފަ އެވެ.

ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރުކުރިއިރު، މި ބައްދަލުވުމުގައި ބިލު ފާސްކުރާނެ ކަމަށް ބެލެވެ އެވެ. ކޮމިޓީން މީގެކުރިން ވަނީ މި މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބިލު މަސައްކަތް ނިންމަން ފާސްކޮށްފަ އެވެ.

އަންނަ ހޯމަ ދުވަހަށް ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރު ޖަލްސާއެއް ވެސް ވަނީ ތާވަލުކޮށްފަ އެވެ.

ބިލްގައި ހުރި ބައެއް ބޮޑެތި ކަންބޮޑުވުންތައް

- ރައީސުލްޖުމްހޫރިއްޔާ އައްޔަނު ކުރާ ތިން މެންބަރުން ހިމެނުމަކީ ނޫސްވެރިކަމުގެ ދާއިރާގައި ދުނިޔޭގައި ވެސް އަމަލު ކުރަމުން އަންނަ "ބެސްޓް ޕްރެކްޓިސް" ނިޒާމު، ސެލްފް ރެގިއުލޭޓަރީ ނިޒާމު ގެއްލި، ސަރުކާރުގެ ނުފޫޒު މީޑިއާއަށް ވަންނާނެ ކަމެއް.

- ނޫސްވެރިން ވޯޓުލައިގެން ހޮވާ މެންބަރުން ވަކި ކުރުމުގެ ބާރު މަޖިލީހަށް އޮތުން. އޭގެ ސަބަބުން ނޫސްވެރިން ހޮވާ މެންބަރުންނަށް ވެސް ސަރުކާރާއި މަޖިލީހުން ނުފޫޒު ފޯރުވުމުގެ ފުރުސަތު އޮވޭ.

- ނޫސްވެރިކަމުގެ ސުލޫކީ ހަމައެއްގެ ގޮތުގައި، ގާނޫނީ ވެރިކަން ދެމެހެއްޓުމުގެ އަސާސްތައް ކުރިއެރުވުން ހިމަނާފައިވުން. މިފަދަ މާއްދާއެއް ނޫސްވެރިކަމާ ގުޅޭ ގާނޫނެއްގައި އޮތުމުން، ސަރުކާރުން ޖަވާބުދާރީ ކުރުވުމާއި ޒިންމާދާރު ކުރުމަށް ނޫސްވެރިންނަށް ހުރަސް އެޅޭނެ.

- ކޮމިޝަނުން މައްސަލަ ބަލަމުން ދާ ވަގުތު، ވަގުތީ ގޮތުން ލައިސެންސް ހިފެހެއްޓުމުގެ ބާރު ކޮމިޝަނަށް އޮތުމުން، ނޫސްތަކަށް ޓާގެޓުކޮށް، ވަކި މުއްދަތެއް ނެތް ގޮތަށް، ނޫސް އިދާރާތައް ބަންދުކުރުމުގެ ފުރުސަތު އެބަ އޮތް: އަދި ލައިސެންސް ބާތިލް ކުރުމުގެ ބާރު އޮންނާނީ ކޯޓަށް ކަމަށް ބިލުގައި އެއް މާއްދާގައި ހިމަނައި، ވަގުތީ ގޮތުން ލައިސެންސް ބާތިލް ކުރުމުގެ ބާރު ކޮމިޝަނަށް އޮތުމުން، އެއީ ހަމަޖެހޭ އުސޫލެއް ނޫން.

- ގައުމީ ސަލާމަތަށް ނުރައްކާވާ ކަމަށް "ބެލެވޭ" ހާލަތެއްގައި ފުލުހުން ފަދަ އިދާރާތައް މެދުވެރިކޮށް ނޫސްތަކާއި ޓީވީ ތަކުގެ އޮފީސްތަކަށް ވަދެ ހުއްޓުވުމުގެ ބާރު ކޮމިޝަނަށް ދީފައި އޮތުން. ގައުމީ ސަލާމަތަކީ ވަރަށް ފުޅާ ގޮތެއްގައި މާނަ ކުރެވެން އޮތް ކަމެއް.

- ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތުމުން، ނޫސްވެރިންނަށް މައުލޫމާތު ހާމަކޮށް، މަސައްކަތުގެ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސް އެޅި، ނޫސްވެރިން ބިރުވެރިކަމެއްގެ ތެރޭގައި ތިބެން ޖެހުން. ވަކިވަކި ނޫސްވެރިންނާ މެދު ފިޔަވަޅު އެޅުމަކީ މިހާރު އޮތް ނިޒާމުގައި ދަންނަ ކަމެއް ނޫން.

- ތެދު ނޫން މައުލޫމާތު ހާމަކޮށްފި ނަމަ މައާފަށް އެދެން ޖެހޭނެ ކަމަށް ބުނެފައިވާ އިރު "ތެދު" ނުވަތަ 'ދޮގު" ކަނޑައަޅަނީ ކޮން ފަރާތަކުން ކިހިނެތް ކަމެއް އެނގޭކަށް ނެތް.

- ބިލުގެ 60 ވަނަ މާއްދާ އޮތް ގޮތުން ބިލުގައި ހިމެނޭ ކަންކަން ސޯޝަލް މީޑިއާއަށް ވެސް ހިނގާނެ. މާއްދާގައިވާ ގޮތުން ގާނޫނުގައި ނޫހާ ގުޅޭ ގޮތުން ބަޔާންކޮށްފައިވާ ހުރިހާ އުސޫލުތަކެއް އިލެކްޓްރޯނިކް މީޑިއާއަށް ވެސް ހިނގާނެ.