Roadha Mihaaru

މީޑިއާ ބިލަކީ ގާނޫނުއަސާސީ އާއި ގާނޫނާ ހިލާފު ނުވެ މައުލޫމާތު ފެތުރުމަށް އޮތް މަގެއް: އުޝާމް

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ބޭނުމަކީ ގާނޫނުއަސާސީ އާއި ގާނޫނީ ތަރަހައިގެ ތެރެއިން ނޫސްވެރިކަން ކުރުމާއި މައުލޫމާތު ފެތުރުމަށް އޮތް މަގެއް ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
މާއިދާ މުހައްމަދު ރަޝާދު
މާއިދާ މުހައްމަދު ރަޝާދު

11 ސެޕްޓެމްބަރ 2025

މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލުގެ ބޭނުމަކީ ގާނޫނުއަސާސީ އާއި ގާނޫނީ ތަރަހައިގެ ތެރެއިން ނޫސްވެރިކަން ކުރުމާއި މައުލޫމާތު ފެތުރުމަށް އޮތް މަގެއް ކަމަށް ބަންޑާރަ ނައިބް އަހުމަދު އުޝާމް މިރޭ ވިދާޅުވެއްޖެ އެވެ.

އެ ބިލާ ގުޅޭ ގޮތުން ދައުލަތުގެ މީޑިއާ ޕީއެސްއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމްގައި ބަންޑާރަ ނައިބު ވިދާޅުވީ، މީޑިއާ ބިލަށް ހުށަހަޅާފައިވާ އިސްލާހުތައް ރައްޔިތުންގެ މަޖިލިހުން ފާސްވެއްޖެ ނަމަ ހުރިހާ ކަމަކަށް ހައްލު ލިބި، ނޫސްވެރިކަން ރެގިއުލޭޓް ކޮށްގެން ކުރިއަށް ދެވޭނެ ކަމަށެވެ.

"މީޑިއާ ބިލުގެ މަގުސަދަކީ ގާނޫނުއަސާސީ އާއި ގާނޫނީ ތަރަހައިގެ ތެރެއިން ނޫސްވެރިކަން ކުރުމާއި މައުލޫމާތު މީހުންނަށް ފޯރުކޮށްދިނުން ނުވަތަ ފެތުރުން. އަޅުގަނޑު ގަބޫލު ކުރަނީ އަޅުގަނޑުމެން މި ހުށަހަޅާފައިވާ އިސްލާހުތައް އެގޮތަށް ފާސްވެއްޖެ ނަމަ އެ ހުރިހާ ކަމަކަށް ހައްލެއް ލިބި، ރެގިއުލޭޓް ކުރެވޭ ނިޒާމެއްގެ ތެރެއިން ނޫސްވެރިކަން ކުރިއަށް ގެންދެވޭނެ ކަމަށް،" އުޝާމް ވިދާޅުވި އެވެ.

ތުޅާދޫ ދާއިރާގެ އަމިއްލަ މެމްބަރު އަބްދުލް ހަންނާން އަބޫބަކުރު ހުށަހެޅުއްވި މީޑިއާ ބިލްގައި ހިމަނާފައިވާ ތެދު މައުލޫމާތުގެ ބަޔަށް އިޝާރާތް ކުރައްވަމުން އުޝާމް ވިދާޅުވީ ބައެއް މީޑިއާތަކުން ކަނޑައެޅިގެން ތެދު ނޫން މައުލޫމާތު އާންމުކުރާ މައްސަލަ އެބައޮތް ކަމަށެވެ. މީހުންގެ އަބުރަށް އަރައިގަންނަ މައްސަލަތަކަށް ހައްލެއް ނުގެނެވި އޮތްކަން ފާހަގަކުރައްވަމުން ބަންޑާރަ ނައިބު ވިދާޅުވިގޮތުގައި، ކޮންމެ ސަރުކާރެއްގައި ވެސް ހަމަ އެ މައްސަލަތަކަށް ހައްލު ހޯދަން ހުށަހަޅަ އެވެ.

އެކަމަކު މިހާރު މީޑިއާ ބިލު އޮތް ގޮތުން އަދި ހުށަހަޅާފައިވާ އިސްލާހުތަކާ އެކު ދޮގު މައުލޫމާތު ފެތުރުން ވަރަށް ބޮޑަށް ހުއްޓުވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.

އުޝާމް ވިދާޅުވީ، ބިލް ދިރާސާ ކުރުމުގެ މަސައްކަތް ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީގައި މިހާރު ކުރިއަށް ގެންދާއިރު 14 އިސްލާހެއް ވާނީ ސަރުކާރުން ހުށަހަޅާފައި ކަމަށެވެ.

ބިލުގެ ހަތް ވަނަ މާއްދާއަށް އިސްލާހު ގެނެސް އިތުރު ކޮށްފައި ވަނީ އިސްލާމްދީނާ ހިލާފު ވާހަކަތަކާއި ބަދުއަހްލާގީ އަދި ފާހިޝް އަމަލުތައް ހުއްޓުވުމުގެ ޒިންމާ މީޑިއާ ކޮމިޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެ ކޮމިޝަނަށް މީހުން އައްޔަން ކުރުމާއި ވަކިކުރުމާއި ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް މަޖިލީހަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވާ ކަމަށް އުޝާމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ކުރިން ބިލުގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ ވެސް އުނިކުރަން ސަރުކާރުން ވާނީ އިސްލާހު ހުށަހަޅައިފަ އެވެ. އަދި މައްސަލަ ބެލުމާ ބެހޭ އިޖުރާއަތުތައް ބިލުގައި ތަފްސީލުކޮށް ނެތުމުން އެ ކަންކަން ވެސް ހިމަނާފައިވާ ކަމަށް ވިދާޅުވި އެވެ.

މިރޭގެ ޕްރޮގްރާމްގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު ވިދާޅުވީ، މީޑިއާ ކޮންޓްރޯލް ކުރުމުގެ އެއްވެސް ނިޔަތެއް ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި މި ސަރުކާރުގެ ވެސް ނެތް ކަމަށެވެ.

"... އެ ކަހަލަ އިންޓްރަކްޝަނެއް ވެސް އަޅުގަނޑަކށް ނާދޭ އަދި ރާއްޖޭގެ ނޫސްވެރިންނަކަށް ވެސް ނާދޭ. މި އަންނަނީ ރާއްޖޭގެ ނޫސްވެރިންނަށް ދަތިވެފައި ހުރި ކަންތައްތައް ހައްލު ކުރަން. އަޅުގަނޑުމެން އެ މީހުން ކުރިއަރުވަން، އެކަން މި ކުރަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

ނޫސްވެރިކަމުގެ މިނިވަން ކަމާއި ހިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ބޮޑެތި ހުރަސްތައް އެޅޭ ގޮތަށް ހުށަޙަޅާފައިވާ ބިލާ ގުޅިގެން ނޫސްވެރިން ވެސް ވަނީ ރައްޔިތުންގެ މަޖިލީހާއި ރައީސަށް ޕެޓިޝަނެއް ހުށަހަޅައިފަ އެވެ. އަދި މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީން ދިރާސާކުރަމުން އަންނަ އެ ބިލާ ގުޅިގެން ނޫސްވެރިން ވެސް ވަނީ ކޮމިޓީއަށް ކަންބޮޑުވުންތައް ހިއްސާކޮށް ބިލު އަނބުރާ ގެންދަން ގޮވާލައިފަ އެވެ.