15 ޖޫން 2022
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިންނަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމަކީ ކުރިމަގުގައި ބޮޑުތަޅު އަޅުވާ ހިސާބަށް ނޫސްވެރިކަން ހިނގައިދާނެ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.
ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ހެއްކާ ބެހޭ ބިލުގައި، ނޫސްވެރިންނަށް މައުލޫމާތު ދިން މަސްދަރު ހާމަކުރަން މަޖުބޫރުވާ މާއްދާއެއް އޮތުމަކީ ކުރިމަގުގައި ބޮޑުތަޅު އަޅުވާ ހިސާބަށް ނޫސްވެރިކަން ހިނގައިދާނެ ކަމެއް ކަމަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އިން ރައްޔިތުންގެ މަޖިލީހުގެ ކަމާ ގުޅޭ ކޮމިޓީގައި މިއަދު ބުނެފި އެވެ.
ސަރުކާރުގެ ފަރާތުން ތިނަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުލް މުޣުނީ ހުށަހެޅުއްވި ހެއްކާ ބެހޭ ބިލަށް ކަމާ ގުޅޭ އިދާރާތަކުގެ ހިޔާލު ހޯދުމުގެ މަސައްކަތް މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން އަންނަނީ ކުރަމުންނެވެ.
މީޑިއާ ކައުންސިލާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަން (އެމްޖޭއޭ) އިން މިއަދު ވަނީ މިހާރު ބިލު އޮތް ގޮތުން ހުރި ކަންބޮޑުވުންތައް ޖުޑިޝަރީ ކޮމިޓީއާ ހިއްސާކޮށްފަ އެވެ.
މީޑިއާ ކައުންސިލްގެ މެމްބަރު މުއިއްޒު އިބްރާހިމް ވިދާޅުވީ، ބިލު މިހާރު އޮތް ގޮތުން އޭގެ އަސަރުކުރަނީ ހަމައެކަނި ނޫސްވެރިންނަށް ނޫން ކަމަށެވެ. އޭނާ ގަބޫލުކުރާ ގޮތުގައި ބިލުގެ ސަބަބުން ވިސްލްބްލޯކުރާ މީހުންނަށް ވެސް ވަރަށް ބޮޑު އަސަރެއް ކުރާނެ އެވެ. އައިޓެންޓިޓީ ރައްކާތެރި ނުކުރެވޭ ނަމަ، ވިސްލްބްލޯކުރަން އެ މީހުން ފަސްޖެހޭނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.
"މި ގޮތަށް ގާނޫނު ފަރުމާ ކޮށްފި ކަމަށްވާ ނަމަ، ވިސްލްބްލޯ ކުރާ ފަރާތްތައް، އެ މީހުންގެ އައިޑެންޓިޓީ ރައްކާތެރިވާނެ ކަމުގެ ޔަގީންކަން ނެތަތީ ވިސްލްބްލޯކުރުމަށް ފަސްޖެހޭނެ ކަމަށް ގަބޫލުކުރަން،،" މުއިއްޒު ވިދާޅުވި އެވެ.
މީޑިއާ ކައުންސިލްގައި "މިހާރު" އޮންލައިން ތަމްސީލު ކުރައްވާ މުއިއްޒު ސުވާލު އުފެއްދެވި އެއް ކަމަކީ، މައުލޫމާތު ދިން މީހާ ހާމަކުރުމުގެ ސަބަބުން ކުރާނެ އަސަރު ފަނޑިޔާރު ދެނެގަންނާނެ ގޮތެކެވެ.
"ނޫސްވެރިންގެ އާންމު ޕްރެކްޓިސް އަށް ބަލާއިރު ނޫސްވެރިން، ނޫސްވެރިންނާ ވެސް އެ މީހުންގެ ކޮންފިޑެންޝަލް ސޯސްތައް ހިއްސާ ނުކުރާނެ ވަރަށް މަދު ހާލަތެއްގައި މެނުވީ. އެއީ އެހެން ނޫސްވެރިއަކަށް ވެސް އެކަން އެނގިއްޖިއްޔާ ސޯސް އަށް ނުރައްކާ ބޮޑުވެދާނެތީ،" ޝަރުއީ ދާއިރާގެ ޚަބަރުތައް ކަވަރު ކުރުމުގައި ތަޖުރިބާކާރު އެއް ނޫސްވެރިޔާ މުއިއްޒު ވިދާޅުވި އެވެ.
"ދެން ކިހިނެއްތޯ ނޫސްވެރިކަމާ ގުޅުން ނެތް ދާއިރާއަކުން، ކޯޓެއްގައި ޝަރީއަތް ކުރަން ހުންނަ ފަނޑިޔާރަކަށް ކޮން މިންގަނޑަކުންތޯ ވަޒަން ކުރެވޭނީ މައުލޫމާތު ދިން މީހާ އަށް ލިބޭނެ ގެއްލުމަކީ ކޮބައިކަން. މި ބިލު މި ގޮތަށް އޮވެއްޖެ ނަމަ، މިއީ ފަހުގެ ތާރީހެއްގައި ނޫސްވެރިކަމަށް ކުރިމަތިވާނެ އެންމެ ބޮޑު ގޮންޖެހުމަށް ވާނެ."
މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ ވިދާޅުވީ ރާއްޖޭގައި ހެއްކާ ބެހޭ ބިލެއް ފުރަތަަމަ ފަހަރަށް ހަދާއިރު ވަރަށް ގިނަ ކަންކަމަށް ރިއާޔަތް ކުރާނެ ކަމަށެވެ. ނޫސްވެރިންގެ މަސްދަރު ހިމަނާފައި ވަނީ އެ ނުހިމަނައިފި ނަމަ، ކޮންމެވެސް އެހެން ބަޔަކު، ހަމަހަމަ ކަމެއް ނެތް ކަމަށް ބުނެ ޝަކުވާ ކުރާނެތީ ކަމަށް ބެލެވޭ ކަމަށާއި އެކަމަކު ސިޔާސަތެއް ކަނޑައަޅާއިރު، ގައުމުގެ ހާލަތަށް ވެސް ރިއާޔަތް ކުރާނެ ކަމަށް އިމްތިޔާޒު ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގެ ޖުޑީޝިއަރީ ކޮމިޓީއިން ހެއްކާބެހޭ ބިލާ ގުޅޭގޮތުން، މޯލްޑިވްސް މީޑިއާ ކައުންސިލް އާއި މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަންގެ ބޭފުޅުންނާ ބައްދަލުކުރުން pic.twitter.com/4Js59xEN04
— People's Majlis (@mvpeoplesmajlis) June 15, 2022
އޭނާ ވަނީ އެންމެ ބޮޑަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ދީފައިވާ ގައުމުތަކުގައި ވެސް ކޮންމެެވެސް ވަރަކަށް ގާނޫނުތައް ހަދައިގެން ހިފެހެއްޓުންތައް އެބަހުރި ކަމަށް ވިދާޅުވެފަ އެވެ.
އިމްތިޔާޒު ވިދާޅުވިގޮތުގައި، ބިލް މިހާރު ޑްރާފްޓް ކޮށްފައި އޮތް ވަރަށް ވުރެ ވެސް ހަނި ފުރުސަތެއް ފަނޑިޔާރަށް ލިބިދެވޭނެ ގޮތަށް އޮތުމާ ވެސް ދެކޮޅު ހަދާފާނެ ކަމުގެ ސުވާލު އުފެދެ އެވެ.
"ޓެރަރިޒަމްގެ މައްސަލަތަކާއި ކުޑަކުދިންގެ ހައްގު ގެއްލިގެންދާ މައްސަލަތަކާއި އެ ކަހަލަ ހާއްސަ ކޭސްތަކަށް އެކަނި ލިމިޓް ކުރެވޭނީ. ބައެއް އެހެން ޑިމޮކްރެޓިކް ގައުމުތަކުގައި ދީފައިވާ މިންވަރަށް ނޫނަސް، އެ އަށް ވުރެ ހަނިކޮށްގެން ވެސް ބިލުގައި ގެނައުމަށް ހަމަ މުޅިން ދެކޮޅީތޯއޭ. އެހެން މަސްލަހަތުތަކަށް ވެސް އިހުތިރާމުކުރުމުގެ ގޮތުން ޓެރަރިޒަމްގެ މައްސަލަތައް ވެސް ބެލޭނެ ގޮތަށް ނޫސްވެރިންގެ ހައްގު ވެސް ރައްކާތެރިވުމުގެ ގޮތަށް އެކަން ކުރަން ދެކޮޅީތޯ،" އެމްއެމްސީ އާއި އެމްޖޭއާ އިމްތިޔާޒު ސުވާލު ކުރެއްވި އެވެ.
އެކަމާ ގުޅިގެން މުއިއްޒު ވިދާޅުވީ ވަރަށް މަދު ހާލަތުތަކެއްގައި މަސްދަރު ހާމަނުކުރެވޭނެ ކަމަށް ނުބުނާ ކަމަށެވެ.
"މިސާލަކަށް ޕަބްލިކް ސެކިއުރިޓީ، ނޭޝަނަލް ސެކިއުރިޓީއާ ގުޅުން ހުރި ހާލަތުތައް. އެކަމަކު މި ދަންނަވާ އެއްޗަކީ މިހާރު މި ބިލުގައި މިއޮތީ އެކްސެޕްޝަނެއް ގޮތަކަށް ނޫނޭ،" އިމްތިޔާޒުގެ ސުވާލުތަކާ ގުޅިގެން މުއިއްޒު ވިދާޅުވި އެވެ.
އިސްތިސްނާ ގޮތެއްގައި ފަށާ ކަންކަން ވަރަށް ފުޅާވެފައިވާ މަންޒަރު މާޒީގައި ވެސް ފެނިފައިވާތީ، ހެއްކާ ބެހޭ ގާނޫނުގެ ސަބަބުން ނޫސްވެރިންނަށް ގޮންޖެހުންތައް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އޭނާ ހިއްސާ ކުރެއްވި އެވެ.
ޖާނަލިސްޓް އެސޯސިއޭޝަންގެ ބޭފުޅުން ވަނީ މަސްދަރުގެ މައުލޫމާތު އާންމުކުރުމުން، އެ މީހަކާއި އެ މީހަކާ ގުޅުން ހުރި ބަޔަކަށް އަނިޔާއެއް ނުލިބޭނެ ކަމުގެ ޔަގީން ކަމެއް ނެތް ކަމަށް ބުނެ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގްވާމީ މުއާހާދަތަކުގައި ހިޔާލުފާޅުރުމުގެ އަސާސީ އެއް ސިފައިގެ ތެރޭގައި ހިމެނޭ އެއް ކަމަކީ ނޫސްވެރިންގެ މަސްދަރު ނުވަތަ މައުލޫމާތު ދޭ މީހާ ހިމާޔަތްކުރުމުގެ ހައްގު ލިބިގެންވުން ކަމަށް އެ ދެ ޖަމިއްޔާ އިން ފާހަގަކުރި އެވެ.
ޖުޑިޝަރީ ކޮމިޓީން ބުނީ، ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށާއިރު، އެ ހުރިހާ ކަމަކަށް ރިއާޔަތް ކުރާނެ ކަމަށެވެެ.
ވަކި ހާލަތްތަކެއްގައި ނޫސްވެރިންގެ މަސްދަރު ހާމަކުރަން މަޖުބޫރު ކުރެވޭ ގޮތަށް އޮތީ ހެއްކާ ބެހޭ ގާނޫނުގެ 136 ވަނަ މާއްދާގަ އެވެ. އެ މާއްދާގެ (ހ) ގައި ވަނީ މަސްދަރު ހާމަކުރުމުގެ ސަބަބުން އެ މީހާ އަށް ނުވަތަ އެހެން ފަރާތަކަށް ވެސް ވެދާނެ ގެއްލުމަށް ވުރެ މަސްދަރު ހާމަކުރުމުގެ އާންމު މަސްލަހަތު ބޮޑުވާ ހާލަތްތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކުރެވިދާނެ ކަމަށެވެ. ފަނޑިޔާރަށް ލިބިފައިވާ ބާރުގެ ތެރޭގައި މަސްދަރު ހާމަކުރަން ނޫސްވެރިންނަށާއި އޭނާ މަސައްކަތްކުރާ މީޑިއާއަށް މަޖުބޫރު ކުރެވިދާނެ އެވެ.
ހެއްކާ ބެހޭ ގާނޫނަށް އަމަލުކުރަން ފަށައިފި
"މީޑިއާގެ މިނިވަންކަން ކަށަވަރުކުރަން ހެޔޮ ނިޔަތެއް ނެތް"
މަސްދަރު ހާމަކުރަން މަޖުބޫރުވުން:ކަންބޮޑުވާންވީ ކީއްވެ!
ހެއްކާ ބެހޭ ބިލް: މަސްދަރު ހާމަކުރުވާ މާއްދާއެއް
ބިލަކީ މިނިވަން ނޫސްވެރިކަމަށް ނުރައްކަލެއް:އެމްޖޭއޭ
"މީޑިއާ ކޮމިޝަން ބިލް އެންޑޯޒް ކުރާނީ ދިރާސާކޮށްފައި"
އެމްއެމްސީ އާއި ބްރޯޑްކޮމް އެއްކޮށްލާ ބިލް މަޖިލީހަށް
މަސްދަރު ހާމަކުރަން މަޖުބޫރުކުރެވޭނީ ހައި ކޯޓަށް
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރެވޭ ގޮތަށް މަޖުބޫރުކޮށްފި