Roadha Mihaaru
ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރެވޭ ގޮތަށް މަޖުބޫރުކޮށްފި

ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރެވޭ ގޮތަށް މަޖުބޫރުކޮށްފި

18 ޖުލައި 2022

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމުން، ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ނޫސްވެރިންގެ ގިނަ ކަންބޮޑުވުންތަކެއް އޮތް ހެއްކާ ބެހޭ ބިލް، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ތަސްދީގުކުރެއްވުމުން، ބައެއް މައްސަލަތަކުގައި މަސްދަރު ހާމަކުރަން މަޖުބޫރުކޮށްފި އެވެ.

ރައީސް އޮފީހުން މިއަދު ބުނީ މިދިޔަ މަހުގެ 30 ގައި ރައްޔިތުންގެ މަޖިލީހުން ބޭއްވި ޖަލްސާގައި ފާސްކުރި ބިލް ތަސްދީގުކޮށްފައިވާ ކަމަށެވެ. ނަމަވެސް އެ ގާނޫނަށް އަމަލުކުރަން ފަށާނީ ހަ މަސް ދުވަސް ފަހުންނެވެ.

ހެއްކާ ބެހޭ ބިލް ރައީސް ތަސްދީގުކުރެއްވިއިރު، އެ ބިލު ތަސްދީގު ނުކޮށް އަނބުރާ ފޮނުވާލަން ގޮވާލައި 150 އަށް ވުރެ ގިނަ ނޫސްވެރިން ސޮއިކޮށް ރައީސަށް ޕެޓިޝަނެއް ހުށަހަޅާފައިވެ އެވެ.

އެ ގާނޫނުގައި މަދަނީ މައްސަލަތަކާއި ޖިނާއީ މައްސަލަތަކުގައި ހެކިބަސް ނެގުމާއި ހެކި ހުށަހެޅުމާއި ހެކި ބަލައިގަތުން އަދި ކަމެއް ކަމެއް ސާބިތުކުރުމަށް ހެކި ބޭނުންވާ ނިސްބަތް ކަނޑައަޅާފައިވެ އެވެ. ނަމަވެސް، އެ ގާނޫނުން މީޑިއާތަކާއި ނޫސްވެރިންނަށް އޮތް އެންމެ ބޮޑު ހުރަހަކީ ޓެރަރިޒަމް އަދި ގައުމީ ސަލާމަތަކާ ބެހޭ މައްސަލަތަކުގައި މަސްދަރު ހާމަކުރަން ކޯޓުތަކަށް އެންގިދާނެ އެވެ.

މަޖިލީހުން ބިލް ފާސްކުރީ އެ ގޮތަށް އެ މާއްދާ ބާއްވައިގެން ބިލު ފާސްނުކުރުމަށް ނޫސްވެރިން ތަކުރާރުކޮށް އެދި އިހުތިޖާޖު ވެސް ކޮށްފައި ވަނިކޮށެވެ.

ނޫސްވެރިންގެ ޕެޓިޝަންގައި ބުނެފައި ވަނީ މަސްދަރު ހާމަ ކުރަން މަޖުބޫރު ކުރެވޭނެ ހާލަތްތައް ފުޅާކޮށް މާނަ ކުރަން ހުޅުވާލެވޭ ގޮތަށް އޮތުމަކީ ނުފޫޒާއި ބާރު ހުރި ބަޔަކަށް އެކަމުގެ ނާޖާއިޒް ފައިދާ ނަގަން ހުޅުވާލެވޭ ދޮރެއް ކަމަށެވެ. އޭގެ ސަބަބުން ނޫސްވެރިންނާއި ނޫސްވެރިންގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅި ޖަލަށް ދާން ޖެހުމުގެ ފުރުސަތު ވެސް އޮންނާނެ ކަމަށް އެ ޕެޓިޝަންގައި ބުނެފައިވެ އެވެ.