Roadha Mihaaru
މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!

މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިން ޖަލަށް!

19 ޖުލައި 2022

ރައީސް އިއްޔެ ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނާ އެކު ނޫސްވެރިކަމަށް އޮތް ބިރުވެރިކަމުގެ އާ ބާބެއް ފެށުނީ އެވެ. އެ ގާނޫނުގައި، ނޫސްތަކުގައި ލިޔާ ލިޔުންތަކުގެ ތެރެއިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭ ގޮތަށް އޮތް މާއްދާތަކަކީ، މިނިވަން ނޫސްވެރި ކަމަކަށް އަނެއްކާ ވެސް ކުރިމަތިވި ވަރަށް ބޮޑު ހުރަހެކެވެ.

އިސްމާއިލް ނަސީރު އިސްމާއިލް ނަސީރު

ރައީސް އިއްޔެ ތަސްދީގުކުރެއްވި ހެއްކާ ބެހޭ ގާނޫނާ އެކު ނޫސްވެރިކަމަށް އޮތް ބިރުވެރިކަމުގެ އާ ބާބެއް ފެށުނީ އެވެ. އެ ގާނޫނުގައި، ނޫސްތަކުގައި ލިޔާ ލިޔުންތަކުގެ ތެރެއިން މަސްދަރު ހާމަކުރަން މަޖުބޫރު ކުރުވޭ ގޮތަށް އޮތް މާއްދާތަކަކީ، މިނިވަން ނޫސްވެރި ކަމަކަށް އަނެއްކާ ވެސް ކުރިމަތިވި ވަރަށް ބޮޑު ހުރަހެކެވެ.

ނޫސްވެރިކަމުގެ މިނިވަންކަން ހަނިކުރުމަށް ޓަކައި، އޭރަކު އޮންނަ ސަރުކާރަކުން އަބަދުވެސް އެކި ގޮތްގޮތަށް ގާނޫނުތައް ހަދަ އެވެ. ގާނޫނުގެ ދަށުން ހަދާ ގަވައިދުތަކުގެ ދަށުން ވެސް އެ މިނިވަންކަން ވަރަށް ބޮޑަށް ހަނިކޮށްފައި އެބަހުއްޓެވެ. މިދިޔަ ސަރުކާރުގައި، އަބުރުގެ ގާނޫނެއް ހަދައި، ނޫސްވެރިކަމުގެ އިންތައް އިންތިހާ އަށް ހަނިކޮށްލި އެވެ. އެ ގާނޫނު އުވާލުމަކީ، މި ސަރުކާރު ވެރިކަމަށް އަންނަން އެންމެ ބޮޑަށް ވައުދުވި އެއް ކަންތައް ވެސް މެ އެވެ. އެ ގާނޫނު އުވާލިޔަސް، އާޚިރުގައި ކަން ނިމިގެން ދިޔައީ، އޭގެ ބަދަލުގައި އެހެން ބިރުވެރިކަމެއްގެ ތެރެއަށް ނޫސްވެރިން ފައްތައިފަ އެވެ.

ނޫސްވެރިކަމުގައި ފަހަތަށް އެޅި ފިޔަވަޅެއް

މި ގާނޫނާ އެކު ނޫސްވެރިން ގެންދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. މޯލްޑިވްސް މީޑިއާ ކައުންސިލްގެ ރައީސް މުހަންމަދު ޝަފާއު އިއްޔެ ވިދާޅުވި ގޮތުގައި "މިއަދަކީ ނޫސްވެރިކަމުގެ އާއިލާ އަށް ކަޅު، އަނދިރި ދުވަހެ"ކެވެ. އަދި "ފިޔަވަޅެއް މި އެޅުނީ ފަހަތަށް" ކަމަށް އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވެ އެވެ.

މަޑުއްވަރީ ދާއިރާގެ ޕީއެންސީ މެމްބަރު އާދަމް ޝަރީފު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި ގޮތުގައި ރާއްޖޭގެ ޑިމޮކްރަސީ މި ސޮއްސައިލީ 70 އަހަރު ފަހަތަށެވެ. އޭނާ ވިދާޅުވި ގޮތުގައި އިއްޔެ އަކީ ނޫސްވެރިކަމުގައި ކަޅު ސޮފްހާއަކުން ލިޔެވޭނެ ދުވަހެކެވެ. އަދި އެއީ އިއާދަނުކުރެވޭނެ ވަރުގެ ބޮޑު ގެއްލުމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބައެއް ނޫސްތަކުގެ އެޑިޓަރުން ބުނެފައިވާ ގޮތުގައި، އެ މީހުން ޖަލަށް ދާން ޖެހުނަސް މަސްދަރެއް ހާމައެއް ނުކުރާނެ އެވެ. އަދި "ސަރުކާރުން ކުރާނެ ކަމެއް ކުރަންވީ" ކަމަށް ބުނެ އެ މީހުންގެ ހިތްހަމަނުޖެހުންތައް އޮއްސާލި އެވެ.

މަސްދަރު ހާމަކުރުމާ އެންމެ ބޮޑަށް ވަކާލާތު ކުރި، ނޫސްވެރިންގެ ޖަމިއްޔާ، މޯލްޑިވްސް ޖާނަލިސްޓްސް އެސޯސިއޭޝަނުން އިއްޔެ ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާ ގޮތުގައި ހެއްކާ ބެހޭ ބިލްގައި ހުރި ކަންބޮޑުވުންތައް، 150 އަށް ވުރެ ގިނަ ނޫސްވެރިންގެ ސޮޔާ އެކު ރައީސަށް ހުށަހެޅުމުން އެއަށް ބެއްލެވުމެއް ނެތި އެ ގާނޫނު ރައީސް ތަސްދީގު ކުރެއްވުމަކީ ވަރަށް ހިތާމަ ހުރި ކަމެކެވެ. އަދި މަސްދަރު ހިމާޔަތް ކުރުމަށް ދެން ކުރެވެން އޮތް ކަމެއް ވެސް ކުރާނެ ކަމުގެ ޔަގީންކަން އެ ޖަމިއްޔާ އިން ދިނެވެ.

މަސްދަރުގެ މައްސަލާގައި ނޫސްވެރިންގެ ޝަކުވާތައް މަޖިލީހުގެ ރައީސް އައްސަވަނީ: އެދެވޭ ޖަވާބެއް ނުދެއްވާ -- ފައިލް ފޮޓޯ: މިހާރު

މަސްދަރުގެ މައްސަލާގައި ނޫސްވެރިންގެ ޝަކުވާތައް މަޖިލީހުގެ ރައީސް އައްސަވަނީ: އެދެވޭ ޖަވާބެއް ނުދެއްވާ -- ފައިލް ފޮޓޯ: މިހާރު

ހެކި ހޯދަން މި ނޫން ގޮތެއް ނެތީތަ؟

ހެއްކާ ބެހޭ ބިލްގައި ބުނެފައިވާ ގޮތުން ވަކި ހާލަތްތަކެއްގައި ނޫސްވެރިން ލިޔާ ލިޔުންތަކުގެ މަސްދަރު، ނުވަތަ އެއަށް މައުލޫމާތު ދީފައިވާ ފަރާތްތައް ހާމަކުރަން ޝަރީއަތަށް މަޖުބޫރު ކުރުވިދާނެ އެވެ. އެއީ ގައުމީ ސަލާމަތާއި ޓެރަރިޒަމްގެ ކުށްތަކެވެ. މަސްދަރު ހާމަނުކޮށްފިއްޔާ ނޫސްވެރިޔާ އަށް ޖަލު ހުކުމެއް އައުން ކައިރި އެވެ. އެ ގާނޫނުގައި ބުނެފައިވާ ގޮތުން އެހެން ހަދަނީ، ނޫސްވެރިޔާގެ ވެސް ރައްކަލަކަށެވެ.

އެކަމަކު ނޫސްވެރިންނާއި ނޫސްވެރިންގެ ހައްގުގައި ވަކާލާތު ކުރާ ޖަމާއަތްތައް ކަންބޮޑުވަނީ، ރާއްޖޭގެ މާހައުލު އޮތް ގޮތުން ޓަރިޒަމް ކުށްތަކަކީ ކޮބައިތޯ އާއި ގައުމީ ސަލާމަތަށް ނުރައްކާ އޮތް ކަންތައްތައް ސާފުކޮށް ބަޔާންކޮށްފައި ނެތުމުންނެވެ.

ރާއްޖޭގައި ޓެރަރިޒަމްގެ ކުށްތައް ވަރަށް ފުޅާކޮށް މާނަކުރެ އެވެ. ޓެރަރިޒަމްގެ ކުށްތަކުގައި އެތައް ބަޔަކު ހައްޔަރުކުރާ އިރު، އެ މީހުންގެ ވަނަވަރާއި ފަތިފުށް އާންމުކުރުން ވެސް އެއީ މި ގާނޫނު ބުނާ ގޮތުން ޓެރަރިޒަމްގެ ކުށް ކަމަށް ބެލެވިދާނެ އެވެ. ހަމަ އެހެންމެ، ގައުމީ ސަލާމަތަކީ، ލިޔުމަކުން ބަޔާންކޮށްފައި އޮންނަ އެއްޗަކަށް ނުވާއިރު، ނޫސްވެރިޔާ ވަކި ގޮޅިއަކަށް ފައްތަން ބޭނުންވާ ހާލަތެއްގައި ގައުމީ ސަލާމަތޭ ބުނެ އޭނާ އަށް އަދަބު ދިނުމުގެ ފުރުސަތު ވަރަށް ބޮޑެވެ.

"އެ ބިލްގެ 136 ވަނަ މާއްދާ މިހާރު އޮތީ އެ މާއްދާ ފުޅާކޮށް މާނަކޮށް، ބާރުގަދަ ބަޔަކަށް އޭގެ ނާޖާއިޒު ފައިދާ ނަގަން ފުރުސަތު ހުޅުވާލެވޭ ފަދަ ގޮތަކަށެވެ. މިފަދަ ގޮތްތަކަކަށް ގާނޫނު ބައްޓަން ކުރުމަކީ ރައްޔިތުންގެ އިތުބާރު އޮތް ދައުލަތުގެ ނިޒާމެއް ގާއިމްވެފައި ނެތް ގައުމެއްގައި، ބާރާއި ނުފޫޒުގައި ތިބޭ ފަރާތްތަކަށް ނޫސްވެރިކަމުގެ ހައްގަށް ހުރަސް އަޅަން ފުރުސަތު ލިބޭ ކަމެއްކަން މާޒީއިން ވެސް ވަނީ އެނގިގެން ގޮސްފަ އެވެ،" އެމްޖޭއޭ އިން ޖުލައި 3 ގައި ނެރެފައިވާ ބަޔާނެއްގައި ވެ އެވެ

"އެއީ ނޫސްވެރިޔާ އާއި ނޫސްވެރިޔާގެ މަސްދަރު ވެސް ނުރައްކަލަށް ހުށަހެޅިގެންދާނެ ހާލަތެކެވެ. އަދި މިކަމުގެ ސަބަބުން ނޫސްވެރިން ޖަލަށް ލެވުމުގެ ފުރުސަތު ވެސް އޮތްކަން ފާހަގަ ކުރަމެވެ."

މަސްދަރު ހާމަކުރަން ދެކޮޅު ހަދައި ނޫސްވެރިން މަޖިލީސް އިދާރާގެ ދޮރުމަތީގައި ހިތްހަމަނުޖެހުން ފާޅުކުރަނީ -- ފައިލް ފޮޓޯ: މިހާރު

މަސްދަރު ހާމަކުރަން ދެކޮޅު ހަދައި ނޫސްވެރިން މަޖިލީސް އިދާރާގެ ދޮރުމަތީގައި ހިތްހަމަނުޖެހުން ފާޅުކުރަނީ -- ފައިލް ފޮޓޯ: މިހާރު

މަސްދަރު ހާމަކުރަން ޖެހިދާނެދާނެ ހާލަތްތަކެއް އަތުވެދާނެތަ؟

ގާނޫނުގައި ބުނެފައިވާ ގޮތުން ލިޔުމެއްގައި މައްސަލަ ޖެހި ޝަރީއަތަށް ދާ ހިސާބުން މަސްދަރު ހާމަކުރަން ޖެހިއްޖެ ކަމަށް ފަނޑިޔާރަށް ފެނިއްޖެ ހާލަތެއްގައި މަސްދަރު ހާމަކުރަން ޖެހެ އެވެ. ސުވާލަކީ، ރާއްޖޭގައި މިފަދަ ހާލަތެއް ކުރިމަތިވެއްޖެ ހެއްޔޭ އެވެ!

ނޫސްވެރިކަމުގެ ދިގު ތާރީހުގައި ނޫސްވެރިން، އެކި ލިޔުންތަކުގެ މައްސަލާގައި ޖަލަށް ލައިފައި އެބަހުއްޓެވެ. އެކަމަކު އެއީ މަސްދަރު ހާމަނުކޮށްގެނެއް ނޫނެވެ. އޭރު އޮންނަ އެކި ގާނޫނުތަކުގެ ތެރެއިން އެކިއެކި ސަބަބުތައް ދެއްކުމަށް ފަހު އެވެ. އަމުރަށް ނުކިޔަމަންތެރިވުމާއި، ސަރުކާރާއި ރައްޔިތުން ޖެއްސުމާއި މިކަހަލަ އެކިއެކި ސަބަބުތަކެވެ. ސީދާ މަސްދަރު ހާމަނުކޮށްގެން އެއްވެސް ހުކުމެއް ނަޔަސް، އެފަދަ ހުކުމަކާ ކުރިމަތިލާން ޖެހިދާނެ ވަރަށް ގިނަ މައްސަލަތަކެއް ދާދިފަހުން ވެސް ވަނީ ކުރިމަތިވެފަ އެވެ. އެފަދަ ހާލަތްތަކުގައި ނޫސްވެރިން ޖަލަށް ދާން ނުޖެހި ސަލާމަތްވީ، ގާނޫނުއަސާސީން ލިބިދީފައިވާ މަސްދަރު ހާމަކުރަން ނުޖެހޭ ކަމަށް ބުނެފައިވާ މާއްދާ އިންނެވެ.

އެކަމަކު އިއްޔެ ތަސްދީގު ކުރި ގާނޫނުގެ ސަބަބުން ކުރިއަށް އޮތް ތާނގައި ޖަލު ހުކުމްތަކާ ބައެއް ނޫސްވެރިން ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އެބައޮތެވެ. އެފަދަ ވަރަށް ގިނަ ލިޔުންތައް މިހާރު ވެސް ބައެއް ނޫސްތަކުން އެބަ ފެނެ އެވެ.

ބިލާ ގުޅިގެން އޮތް ކަންބޮޑުވުންތައް އެމްޖޭއޭ އިން މަޖިލީހަށް ހުށަހަޅަނީ: މަޖިލީހަކުން އަޅައެއް ނުލި

ބިލާ ގުޅިގެން އޮތް ކަންބޮޑުވުންތައް އެމްޖޭއޭ އިން މަޖިލީހަށް ހުށަހަޅަނީ: މަޖިލީހަކުން އަޅައެއް ނުލި

މަސްދަރު ހިމާޔަތް ކުރަން ޖެހެނީ ކީއްވެ؟

ރާއްޖޭގައި މިހާރު އޮންލައިން ވަރަށް ގިނަ މީޑިއާތައް އެބަ ހިންގަ އެވެ. ފަހަރެއްގައި އާބާދީގެ ނިސްބަތުން އެންމެ ގިނަ ނޫސް ހިންގަނީ ރާއްޖޭގައި ކަމަށް ވުން ވެސް އެކަށީގެންވާހާ ގިނައިން ނޫސްތައް އެބަ ހިންގަ އެވެ. އޭގެ ތެރޭގައި، ސަރުކާރުގެ ސިޔާސަތަށް ފާޑުކިޔާ ނޫސްތައް ވެސް ހިމެނެ އެވެ. އަދި މައުލޫމާތު ދޭ ފަރާތްތައް ސިއްރުކޮށްގެން އެކި މައުލޫއުތައް ތަހުގީގުކޮށްގެން ރިޕޯޓްތައް ހަދާ ނޫސްތައް ވެސް އެބަހުއްޓެވެ.

އިއްޔެ އަމަލުކުރަން ފެށި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ދެން ފެންނާނެ އެއް މަންޒަރަކީ، ސިއްރުން ހޯދާ މައުލޫމާތު ޝާއިއުކުރުމުގައި އޮތް ބިރުވެރި ކަމެވެ. ނޫސްވެރިން މިހާރު ވެސް މައުލޫމާތު ހޯދަނީ ފަސޭހަކޮށެއް ނޫނެވެ. ކުޑަކުޑަ މުޖުތަމައަކަށް ވާތީ، މައުލޫމާތު ދޭ މީހުން ގިނަ ފަހަރު އެނގެން ބޭނުމެއް ނޫނެވެ.

ރާއްޖޭގައި ސަރުކާރުގެ ތެރޭގައި ހިނގާ ކޮރަޕްޝަނާއި ވައްކަންތަކާއި ތަހުގީގުތަކުގައި ހިނގާ ނޭދެވޭ ކަންތައްތަކާއި ސަރުކާރުން އެކުލަވާލާ އެއްބަސްވުންތަކާއި އޭގެ އަޑިން ހިނގައިދިޔަ ކަންތައްތަކާއި އެކިއެކި ސިއްރު ޑީލްތަކާއި މިހެން ގޮސް މިކަހަލަ ކިތަންމެ ކަމެއް އެއީ، ދުނިޔޭގެ އެއްވެސް ތަނެއްގައި އެއްވެސް މީހަކު ފާޅުގައި ދައްކާނެ ވާހަކައެއް ނޫނެވެ. ކަންކަން ހުއްޓުވަން، ސިފައިން ވެސް، އަދި ފުލުހުން ވެސް އަދި އެ ކަމެއް ހުއްޓުވަން ބޭނުންވާ ކޮންމެ މީހަކު ވެސް އިހުތިޔާރު ކުރާ މަގަކީ މީޑިއާ އެވެ. އެކަމަކު، އެ މައުލޫމާތާއި ލިޔުންތަކާއި ފޮޓޯތައް ހިއްސާކޮށް ހަދަނީ ނޫސްވެރިންނާ ދޭތެރޭ އޮންނަ އިތުބާރެއްގެ ސަބަބުންނާއި މަސްދަރު ހާމަކުރަން ޖެހޭ ގާނޫނީ އެއްވެސް ހަމައެއް ނެތުމުން ކަމަށް މައުލޫމާތު ދޭ މީހާ ގަބޫލު ކުރެ އެވެ. އެކަމަކު މަސްދަރު ހާމަކުރަން ޖެހޭގޮތަށް ގާނޫނުގައި ހިމެނުމުން ސިއްރުން މައުލޫމާތު ދޭ މީހާ ވެސް ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލެވުނީ އެވެ.

ނޫސްވެރިން ގަބޫލުކުރާ ގޮތުގައި މިއީ ސަރުކާރުގެ ވައްކަމާއި ކޮރަޕްޝަންތައް ހުއްޓުވާލުމަށް އެޅި ފިޔަވަޅެކެވެ. މަސްދަރު ހާމަކުރަން މަޖުބޫރުވާ ގޮތަށް ގާނޫނެއްގައި ހިމެނި އިރު، އެއާ ގުޅިގެން ދެން ކުރަން ޖެހޭ ކަންކަން ނުކޮށް ނޫސްވެރިންގެ ދުލުގައި މި އެޅުވީ ތަޅެއް ކަމަށް އެ މީހުން ގަބޫލު ކުރެ އެވެ.