ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ކޮމިޓީ މަރުހަލާގައި ގެންނަ އިސްލާހުތަކާ އެކު، އެއީ ވަރަށް ރަނގަޅު ބިލަކަށް ވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
15 ސެޕްޓެމްބަރ 2025
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ މީޑިއާ ބިލަށް ކޮމިޓީ މަރުހަލާގައި ގެންނަ އިސްލާހުތަކާ އެކު، އެއީ ވަރަށް ރަނގަޅު ބިލަކަށް ވާނެ ކަމަށް ދިއްގަރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ރޭ ވިދާޅުވެއްޖެ އެވެ.
މަޖިލީހަށް ހުށަހަޅާފައިވާ ބިލުން މީޑިއާގެ މިނިވަންކަން ވަރަށް ބޮޑަށް ހަނިވާ ކަމުގެ ކަންބޮޑުވުން ނޫސްވެރިން ދަނީ ފާޅުކުރަމުންނެވެ. ބިލު ބޭރުކޮށްލަން ނޫސްވެރިން ގޮވާލަމުން ދަނީ ނޫސްވެރިންނާ މަޝްވަރާނުކޮށް، އެކުލަވާލި އެ ބިލުގައި އިސްލާހު ކުރެވޭ ވަރަށް ވުރެ މައްސަލަތައް ގިނަ ކަމަށް ބުނެ އެވެ.
އެކަމާ ގުޅިގެން ނޫސްވެރިންނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ، ނާޒިމް ވިދާޅުވީ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިހާތަނަށް ފެނިވަޑައިގެންފައިނުވާ ކަމަށާއި އެކަމަކު ގަބޫލު ކުރައްވަނީ އާންމުންގެ ހިޔާލާއި ދައުލަތުގެ މުއައްސަސާތަކުން ހުށަހެޅި ހިޔާލަށް ރިއާޔަތްކޮށް ވަރަށް ރަނގަޅު ބިލެއް ތަޅުމަށް ފޮނުވާނެ ކަމަށެވެ.
"ވަރަށް ރަނގަޅު ބިލެއް އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހުށަހެޅިގެންދާނެ އޭތި [ކޮމިޓީގައި މިހާރު އޮތް ބިލް] އިސްލާހުކޮށްފައި،" ނާޒިމް ވިދާޅުވި އެވެ.
ސަންގު ޓީވީގެ ޕްރޮގްރާމެއްގައި ވާހަކަ ދައްކަވަމުން ނާޒިމް ވިދާޅުވީ، ކޮމިޓީ މަރުހަލާގައި އެ ބިލަށް އިސްލާހު ގެނެސް، އާ ކަންކަން ހިމެނުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ. ބިލަށް ބަންޑާރަ ނައިބު އަހުމަދު އުޝާމް ވެސް ވަނީ 14 އިސްލާހެއް ހުށަހަޅުއްވާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މީޑިއާ ކޮމިޝަނުން މައްސަލައެއް ބަލައި ނިމެންދެން، އިދާރީ ފިޔަވަޅެއްގެ ގޮތުން މީޑިއާއެއްގެ ރަޖިސްޓަރީ ވަގުތީ ގޮތުން ބާތިލް ކުރުމަށް އެ ކޮމިޝަނަށް ބާރު ލިބޭ ގޮތަށް ބިލްގައި ބަޔާން ކޮށްފައިވާ މާއްދާ އާއި ވަކިވަކި ނޫސްވެރިންނާއި މީޑިއާތަކުގައި މަސައްކަތްކުރާ މީހުންނާ ދެކޮޅަށް ފިޔަވަޅު އަޅާ ގޮތަށް ބިލްގައި ބަޔާންކޮށްފައިވާ މާއްދާ ވެސް އިސްލާހު ކުރަން ބަންޑާރަ ނައިބު އުޝާމް ވަނީ މަޖިލިހަށް ހުށަހަޅުއްވައިފަ އެވެ.
އޭގެ އިތުރުން ވެސް ނޫސްވެރިންގެ ކަންބޮޑުވުންތަކާ ގުޅޭ ގިނަ އިސްލާހުތަކެއް ހިމެނޭ ކަމަށް އުޝާމް ވިދާޅުވެފައި ވެ އެވެ.
މަޖިލީހުގެ ނައިބް ރައީސް ނާޒިމް ވިދާޅުވި ގޮތުގައި ބިލު އިސްލާހުކުރުމުގެ މަރުހަލާގައި ވެސް ނޫސްވެރިން ބައިވެރިއެއް ނުވެ އެވެ. އެއީ ކުރުމަކީ އިހުލާސްތެރިކަމާއި ހެޔޮ ނިޔަތް ނެތުން ކަމަށް އޭނާ ވިދާޅުވި އެވެ.
"އެހެންވީމަ ކޮމިޓީ މަރުހަލާގައި އިސްލާހުކުރުމުގެ ފުރުސަތު އޮވެމެ، އަނެއްކާ އިސްލާހުކުރުމަށް ބޭނުންވާ އެއްވެސް ކޮންޓްރިބިއުޝަނެއް ނުދެއްދެއްވާ އަނެއްކާ މިއީ ރަނގަޅު ކުރެވޭ ގޮތަށް އޮތް ބިލެއް ނޫނޭ ކިޔާފައި މި ބިލު ބޭރުކޮށްލުމަކީ ހަމަ އޮތް ހަމައެކަނި އޮޕްޝަންސް ކަމަށް މި ދައްކަވަނީ މީޑިއާގެ ފަރާތްތަކުން،" ނާޒިމް ވިދާޅުވި އެވެ.
"އަޅުގަނޑު ގަބޫލެއް ނުކުރަން އެއީ އިހުލާސްތެރިކަމާ އެކު ހެޔޮ ނިޔަތުގައި ދައްކަވާ ވާހަކަތަކެއް ކަމަށް،"
ނާޒިމް އެހެން ވިދާޅުވިޔަސް މަޖިލީހުގެ މިނިވަން މުއައްސަސާތަކުން ބިލު ދިރާސާ ކުރިއިރު މީޑިއާ ކައުންސިލާއި ބްރޯޑްކާސްޓިން ކޮމިޝަނުގެ ބޭފުޅުންގެ އިތުރުން 30 އަށް ވުރެ ގިނަ މީޑިއާ އިން ވަނީ ކޮމިޓީއަށް ހާޒިރުވެ ކަންބޮޑުވުންތައް ހިއްސާކޮށްފަ އެވެ.
މީޑިއާތަކުން ވެސް ފާހަގަކުރީ، ބިލުގައި ހުރި ކަންބޮޑުވުންތަކާއި ނޫސްވެރިކަމަށް ނުރައްކާވާ މާއްދާތަކެވެ. ގިނަ މީޑިއާތަކުން ގޮވާލާފައިވަނީ ބިލު އަނބުރާ ގެންގޮސް، މީޑިއާތަކާއި ޖަމިއްޔާތައް އަދި ކަމާ ގުޅޭ އިދާރާތަކާ އެކު ފުޅާކޮށް މަޝްވަރާކޮށްގެން އާ ބިލެއް އެކުލަވާލުމަށެވެ.
ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލްހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ އެ ބިލަށް ޕީއެންސީގެ ހުރިހާ މެމްބަރުން ވެސް ތާއީދުކުރެ އެވެ. ނާޒިމް ވަނީ ބިލު އިސްލާހުކުރުމުގައި އެންމެންގެ މަޝްވަރާއާ އެކު ކުރިއަށް ގޮސްގެން އެއްގަލަކަށް އެރޭނެ ކަމަށް ވިދާޅުވެފަ އެވެ.
ބިލުގެ ދަށުން އުފައްދާ ކޮމިޝަނަށް މީހުން އައްޔަންކުރުމާއި ވަކިކުރުމާއި ކޮމިޝަނަށް ރައީސަކު އައްޔަން ކުރުމުގެ މަސައްކަތުގައި ރައީސުލްޖުމްހޫރިއްޔާގެ އެއްވެސް ދައުރެއް ނޯންނަ ގޮތަށް ވަނީ ހުށަހަޅައިފަ އެވެ. އަދި ބިލުގައި ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅު އެޅޭ ގޮތަށް އޮތް މާއްދާ ވެސް އުނިކުރުމާއި މައްސަލަ ބެލުމާ ބެހޭ އިޖުރާއަތުތައް ބިލުގައި ތަފްސީލުކޮށް ނެތުމުން އެ ކަންކަން ވެސް އިސްލާހުކުރަން ވަނީ ހުށަހަޅައިފަ އެވެ.
މީޑިއާ ބިލް ރައީސް ތަސްދީގު ކުރައްވައިފި
މީޑިއާ ބިލް ތަސްދީގު ނުކުރަން އެމްޖޭއޭއިން އެދިއްޖެ
މިއީ ރާއްޖޭގެ ޑިމޮކްރަސީއަށް ހިތާމަވެރި ދުވަހެއް: އިބޫ
ދެކޮޅު ހެދުންތަކުގެ ތެރޭގައި މީޑިއާ ބިލް ފާސްކޮށްފި
އެޑިޓާސް ގިލްޑުގެ ރައީސްކަމުން ހިރިގާ އިސްތިއުފާދީފި
"ބިލުގެ ބޭނުމަކީ ގާނޫނާހިލާފުނުވެ މައުލޫމާތު ފެތުރުން"
ވަކިވަކި ނޫސްވެރިންނަށް ފިޔަވަޅުނާޅަން އޭޖީގެ އިސްލާހެއް
މީޑިއާ ބިލް ބޭރުކޮށްލަން އެދި ނޫސްވެރިންގެ ޕެޓިޝަނެއް
މީޑިއާ ބިލުގެ ރިކޮމެންޑޭޝަނަށް 4މަސް ދޭން އެދިއްޖެ
މީޑިއާ ކައުންސިލާއި ބްރޯޑްކޮމް އެއްކޮށްލުމާ ދެކޮޅު