އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ބޮޑެތި މައްސަލަތައް ބެލުމަށް ހާއްސަ ސެކްޝަނެއް ހެދުމަށް ކަންކަން ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.
04 އޯގަސްޓް 2025
އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި ބޮޑެތި މައްސަލަތައް ބެލުމަށް ހާއްސަ ސެކްޝަނެއް ހެދުމަށް ކަންކަން ހަމަޖައްސައިދޭން ފިނޭންސް މިނިސްޓްރީއަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ސަބް ކޮމިޓީން ނިންމައިފި އެވެ.
ފުލުހުންގެ ވެލްފެއާ ކުންފުނި، ޕޮލްކޯއާ ގުޅޭގޮތުން މާލިއްޔަތު ކޮމިޓީން ބެލި ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ގޮތުން މިއަދު ބޭއްވި ސަބް ކޮމިޓީގެ ބައްދަލުވުމުގައި ވަނީ، އެ ކޮމިޓީން އެ މައްސަލާގައި ފާހަގަ ކުރެވުނު ކަންކަން ހާމަކޮށްފަ އެވެ.
ސަބް ކޮމިޓީގެ މުގައްރިރު އަދި މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ ޕޮލްކޯއާ ގުޅޭގޮތުން ފެންމަތިވެފައިވާ ކޮރަޕްޝަނުގެ މައްސަލައާ ގުޅޭ ފަރާތްތަކުން އަދިވެސް ފުލުހުންގެ އިސް މަގާމުތަކުގައި ތިބުމުން ފުލުހުން އެ މައްސަލަ ބެލުމަކީ މަސްލަހަތު ފުށޫ އަރާނެ ކަމެއް ކަމަށެވެ. އަދި އޭގެ ތެރެއިން ބައެއް ފަރާތްތަކާ ގުޅޭގޮތުން ޖިނާއި ތަހުގީގެއް ހިންގޭނެ ވަރަށް ހެކި ހުރިކަން ވެސް ފާހަގަ ކުރެވުނު ކަމަށް އޭނާ ވިދާޅުވި އެވެ.
"ތުހުމަތު ކުރެވޭ ކުށްތަކަކީ ހައްސާސް މައްސަލަތަކެއްގެ މައްޗަށް އެކުލެވޭ ކުށްތަކަށްވާތީ، މި މައްސަލަތަކަކީ ކޮރަޕްޝަން އެކުލެވޭ ހައްސާސީ މައްސަލަތަކެއްގެ ގޮތުގައި ކަނޑައަޅާ އޭސީސީގެ 8 ޖުލައި ފޮނުވި ސިޓީގައިވާ ގޮތަށް އެދިފައިވާ ގޮތަށް، މިފަދަ ކޮރަޕްޝަން އެކުލެވޭ މައްސަލަތައް ބެލުމަށް ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން އޮފީހެއް ނުވަތަ ސެކްޝަނެއް އުފައްދާ، އެ އޮފީސް ނުވަތަ ސެކްޝަން ގާއިމްކުރަން ބޭނުންވާ މާލީ އެހީތެރިކަމާ މުއައްޒަފުންނާއި ވަސީލަތްތަކާއި ޖާގައިގެ މައްސަލަ ހައްލުކޮށްދީ އެ ސެކްޝަނުން ތަހުގީގުކުރުމަށް އެދެން،" އޭނާ ވިދާޅުވި އެވެ.
ސީރިއަސް އެންޑް ކޮމްޕްލެކްސް ފައިނޭންޝަލް އިންވެސްޓިގޭޝަން ސެކްޝަން އެކުލަވާލުމަށް ބޭނުންވާ މާލީ ކަންކަން ހަމަޖެއްސުމަށް ފިނޭންސް މިނިސްޓްރީއަށް އަންގަން ޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ކުރިން އެކަމުގައި އޮތީ ރިޔާސީ ކޮމިޝަނަކުން އެ މައްސަލަތައް ބެލުން ކަމަށް ވިޔަސް، އެ ކޮމިޓީން ވެސް އިސްކަން ދެނީ އޭސީސީ މިހާރަށް ވުރެ ހަރުދަނާކޮށް، އެ އިދާރާގެ ދަށުން އެފަދަ މައްސަލަތައް ބެލުމަށް ކަމަށެވެ.
ނާޒިމް ވިދާޅުވީ ޕޮލްކޯގެ ކޮރަޕްޝަންގެ މައްސަލާގެ ތެރެއިން ދައުލަތުގެ މުދާ ގެއްލުމާ ގުޅިގެން އެ މުދާ ވެސް ރިކަވާ ކުރުމަށް އެދިފައިވާނެ ކަމަށެވެ. އަދި ޕޮލްކޯ އާއި ހޯމް މިނިސްޓްރީ އާއި ކަސްޓަމްސްއަށް ވެސް ހާއްސަ އެންގުންތަކެއް އެ ކޮމިޓީން އަންގަން ވަނީ ނިންމައިފަ އެވެ.
"ކަސްޓަމްސްއަށް މި އަންގަނީ އެކި ޕްރޮޖެކްޓްތައް މި ނޫން ޕްރޮޖެކްޓެއް ވިޔަސް، ޑިއުޓީ މާފުކޮށްގެން ނޫނީ ރީއެކްސްޕޯޓުކޮށްގެން ކުރާ ގޮތަށް އެތެރެ ކޮށްފައިވާ ޑްރެޖާ، ޓަގް ފަދަ ކަނޑު އުޅަނދުތަކާއި އެކްސްކަވޭޓަރުތަކާއި އެ އުޅަނދު ފަހަރަށް ޓެކްސް ނުދައްކާ އެހެން ޕްރޮޖެކްޓްތަކަށް ބޭނުން ކުރެވުމުން، ޓެކްސް ދައްކައިގެން އެތެރެކޮށް ސައްހަ ގޮތުގައި ވިޔަފާރިކުރާ ފަރާތްތަކަށް ގެއްލުންވަމުންދާތީ، އެގޮތަށް ޑިއުޓީ މާފުކޮށްގެން އެތެރެކޮށްފައިވާ އުޅަނދު ފަހަރުގެ ލިސްޓަކާއި ސްޓޭޓަސް އެނގޭނެ ރިޕޯޓެއް 30 ދުވަހުގެ ތެރޭގައި މާލިއްޔަތު ކޮމިޓީއަށް ހިއްސާކުރުމަށް..،" އޭނާ ވިދާޅުވި އެވެ.
ސަބް ކޮމިޓީގެ ނިންމުންތައް މައި ކޮމިޓީއަށް ހުށަހެޅުމަށްފަހު އެކަންކަން ފާސްކުރާނެ އެވެ.
ކަސްޓަމްސްގެ އިތުރުން ބަންޑާރަ ނައިބަށް ވެސް އެންގުންތައް ވެސް އެންގުމަށް ނިންމާފައިވެ އެވެ. އެގޮތުން 15 އެންގުމެއް ބަންޑާރަ ނައިބަށް އަންގާފައިވެ އެވެ.
ހުޅުމާލެ 1 ގައި އިމާރާތް ކޮށްފައިވާ ފުލުހުންގެ ފްލެޓްތައް އިމާރާތް ކުރުމުގައި ވަކި ބަޔަކަށް ފައިދާވާ ގޮތަށް މިހާތަނަށް އެއް ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ކަމަށާއި އެއީ 355 މިލިއަން ރުފިޔާގެ ގެއްލުމުގައި ހިންގާފައިވާ މަޝްރޫއެއް ކަމަށް އޮޑިޓާ ޖެނެރަލްގެ އޮފީހުގެ ރިޕޯޓުން ވަނީ ހާމަވެފަ އެވެ.
ޖޫން، 23، 2013 ގައި ފެށި ފުލުހުންގެ ހައުސިން ޕްރޮޖެކްޓް، ބްލޫސް ހައުސިންއާ ގުޅިގެން ހަދާފައިވާ އޮޑިޓުގައި ބުނެފައިވާ ގޮތުގައި އެ މަޝްރޫއަށް މިހާތަނަށް 1.06 ބިލިއަން ރުފިޔާ ހަރަދު ކޮށްފައިވެ އެވެ. އެގޮތުން އަކަފޫޓަކަށް 1،851 ރުފިޔާގެ ރޭޓުން ހަރަދު ކޮށްފައިވާއިރު، މިހާތަނަށް ކުރި ހަރަދަކީ މަޝްރޫއުގެ އަގުގެ ދެ ގުނަ ކަމަށް އޮޑިޓުގައިވެ އެވެ.
ޕޮލްކޯގެ ހިޔާނާތުން ހޯދި މުދާތައް އަތުލަން ހުށަހަޅަނީ
މަޖިލިހާއި އޭސީސީ ގުޅިގެން ޕޮލްކޯގެ މައްސަލަ ބަލަނީ
ޕޮލްކޯ ފްލެޓް: އޭސީސީން ފޮނުވި ރިޕޯޓު ސިއްރުކޮށްފި
އެސްއޯއީތަކުގެ ކޮރަޕްޝަން އަދިވެސް ނުހުއްޓޭ: ނާޒިމް
އޭސީސީ ނުހިނގާ، ކޮރަޕްޝަނެއް ވެސް ނުހުއްޓުވޭ: ނާޒިމް
ތުހުމަތުވާ މުވައްޒަފުން ވަގުތުން ވަކިކުރަން ލަފާ ދެނީ
މުއައްސަސާތަކަށް "ވާކަމެއް ހަރާން"، ކީއްވެ؟
ނާޒިމްގެ ބަހުގެ ހަމަލާ އޭސީސީ އަށް: ވާ ކަމެއް ހަރާން
ޕޮލްކޯގެ ކުރީގެ ވެރިންނާ ބައްދަލުކުރުން ވެސް ސިއްރު!
ޕޮލްކޯގެ ވެރިން ހާޒިރުކުރި ބައްދަލުވުން ސިއްރުކޮށްފި