Roadha Mihaaru

ވަގަށް ބޭރުކުރި ސިނގިރޭޓުގެ ޑިއުޓީއަށް 14 ދުވަސް ތެރޭ 20.7 މިލިއަން ރުފިޔާ ދައްކަން ހުކުމްކޮށްފި

ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސް އިން ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކަށް 20 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

ވަގު ސިނގިރޭޓަށް 20 މިލިއަން ދައްކަން ހުކުމެއް
އާސިމާ ނިޒާރު
އާސިމާ ނިޒާރު

13 ސެޕްޓެމްބަރ 2025

ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސް އިން ވަގަށް ނެރުނު ސިނގިރޭޓު ފޮށިތަކަށް 20 މިލިއަން ރުފިޔާ ދައްކަން ސިވިލް ކޯޓުން ހުކުމްކޮށްފި އެވެ.

އެސްޖީއެމް ޕްރައިވެޓް ލިމިޓެޑްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ވެއާ ހައުސްގައި އޭޕްރީލް 27، 2018 އަދި އެ އަހަރުގެ ޖޫން 4 ވަނަ ދުވަހު ރާއްޖެ އައި ބޯޓުން ގެނައި 1،060 ފޮށި ސިނގިރޭޓު ބޮންޑުކުރުމަށް ފަހު، އިމްޕޯޓު ޑިއުޓީގެ ގޮތުގައި 20.7 މިލިއަން ރުފިޔާ ނުދައްކައި އަދި ކަސްޓަމްސްއަށް ނާންގައި ބޮންޑެޑް ވެއާ ހައުސް އިން ބޭރުކުރި މައްސަލައިގައި ކަސްޓަމްސް އިން އެސްޖީއެމް އަށް ދައުވާކުރީ މިދިޔަ ޖުލައި މަހު އެވެ.

ކަސްޓަމްސްގެ ދައުވާގައި ވަނީ އެ ބޮންޑެޑް ވެއާ ފާސްކުރުމަށް ކަސްޓަމްސް އިން ކުރި މަސައްކަތް ކާމިޔާބުވެފައި ނުވާ ކަމަށެވެ. އޭގެ ފަހުން ކޯޓު އަމުރެއްގެ ދަށުން މިދިޔަ ޑިސެމްބަރު 29 ގައި އެ ތަން ފާސްކުރިއިރު އެ ތަނުގައި ހުންނަން ޖެހޭ މުދާ ނެތް ކަމަށާއި މ. ނިއު ސަނީވޭގައި ހަދާފައިވާ އެތަނުގައި ހުރީ މީހުން ދިރިއުޅޭ އެޕާޓްމަންޓެއް ކަމަށް ވެސް ބުންޏެވެ.

އޭގެ ފަހުން، ސިނގިރޭޓު ފޮށިތަކަށް ޑިއުޓީ ދެއްކުމަށް ފެބްރުއަރީ 4، 2025 ގައި ފަސް ދުވަހުގެ މުއްދަތެއް ދިން ނަމަވެސް އެ ފައިސާ ދައްކާފައިނުވާ ކަމަށް ދައުވާގައިވެ އެވެ.

ދައުވާގައިވާ ގޮތުން، އޭޕްރީލް 27، 2018 އަދި ޖޫން 4، 2018 ގައި، އެސްޖީއެމްގެ ނަމުގައި ރަޖިސްޓްރީކޮށްފައިވާ ބޮންޑެޑް ވެއާ ހައުސް އަށް އެމެރިކަން ލެޖެންޑުގެ 430 ކޭސް، އަފްޒަލް މޮލްސެސްގެ ބްރޭންޑުގެ 250 ކޭސް ޕައިޕް ޓޮބޭކޯ ގެނެސްފައިވާ ކަމަށެވެ. މި މުދާ އޭޕްރީލް 5، 2018 ގައި މާލޭ ކޮމާޝަލް ހާބަރުން ނެރެފައިވާކަން އެނގެން އޮންނަ ކަމަށާއި އެ ތަކެތި ބޮންޑެޑް ވެއާ ހައުސް އަށް ގެންގޮސް އެންމެ ފަހުން އެ ތަނުން އެއްޗެއް ނެރުނުކަން، ލިޔުންތަކުން އެނގެން އޮންނަނީ ސެޕްޓެމްބަރު 20، 2018 ގައި ކަމަށް ވެސް ބުނެފައިވެ އެވެ.

ގެނައި މުދަލުގެ ޑިއުޓީ ދައްކަން ކަސްޓަމްސް އިން އެންގުމުން ސެޕްޓެމްބަރި 20، 2018 ގައި ކަސްޓަމްސް އަށް ޗެކެއް ހުށަހެޅި ކަމަށާއި އެކަމަކު އެ މަހުގެ 25 ވަނަ ދުވަހު ވަނީ ކުންފުނީގެ އެކައުންޓުގައި ފައިސާ ނެތިގެން ޗެކް ބައުންސްވެފައި ކަމަށް ވެސް ވަނީ ބުނެފަ އެވެ. އެ ހިސާބުން ވަނީ ކަސްޓަމްސް އިން އެ ކުންފުންޏަށް ހިދުމަތް ދިނުން މެދުކަނޑާލައިފަ އެވެ.

ބޮންޑެޑް ވެއާ ހައުސް ހެދި ތަނުގައި އެތަން ނެތްކަން އެނގުނީ ޑިސެމްބަރު 29، 2024 ގައި ކަމަށާއި ކޯޓު އަމުރެއް ހޯދައިގެން އެތަނަށް ވަނީ އެ ހިސާބުން ކަމަށް ކަސްޓަމްސްގެ ދައުވާގައިވެ އެވެ. ތަން ފާސްކުރި އިރު މުދާ ނެތުމުން، 30 ދުވަހުގެ ތެރޭގައި 20،720،412.54ރ. ދައްކަން ކަސްޓަމްސް އިން އެންގި އެވެ. އެ މުއްދަތުގައި ނުދެއްކުމުން ފެބްރުއަރީ 4، 2024 ގައި ވަނީ ފަސް ދުވަސް ތެރޭ އެ ފައިސާ ދައްކަން ދެ ވަނަ ފަހަރަށް އަންގައިފަ އެވެ.

އެހެންވެ، ސިވިލް ކޯޓަށް ހުށަހަޅައި ދައުވާ ރައްދުވާ ފަރާތުގެ ޣައިރު ހާޒިރުގައި އެ ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނީ އެ ފައިސާއަކީ ދައުލަތަށް ލިބެންޖެހޭ އެއްޗެއްކަން މަދަނީ މިންގަނޑުތަކުން ޝަރީއަތަށް ސާބިތުވާ ކަމަށެވެ. އަދި ދައުވާ ލިބޭ ފަރާތުން ކޯޓަށް ހާޒިރުވެފައި ނުވާތީ އެ ފަރާތުގެ ބަހެއް ދައުވާއާ ގުޅޭ ގޮތުން ނެތްކަން ހުކުމުގައި ފާހަގަކޮށްފައިވެ އެވެ.

ހުކުމުގައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުން ފެށިގެން 14 ދުވަހުގެ ތެރޭގައި 20.7 މިލިއަން ރުފިޔާ ސިވިލް ކޯޓު މެދުވެރިކޮށް ދެއްކުމަށް ހުކުމްކޮށްފަ އެވެ.