Roadha Mihaaru
މައުސޫމްގެ ކުންފުންޏަކަށް 22 މިލިއަން ދޭން ޖެހިއްޖެ

މައުސޫމް ހިއްސާވާ ކުންފުންޏަކަށް 22 މިލިއަން ދައްކަން ކަސްޓަމްސްގެ މައްޗަށް ހުކުމްކޮށްފި

14 މާޗް 2019

ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް މިދިޔަ ހަފުތާގެ ބުދަދުވަހު ހުކުމްކޮށްފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

ފެން ކުންފުނީގެ ޗެއާމަން އަހުމަދު މައުސޫމްގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ އަނބުރާ ދައްކަން ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް މިދިޔަ ހަފުތާގެ ބުދަދުވަހު ހުކުމްކޮށްފި އެވެ.

މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ ޕްރައިވެޓް ލިމިޓެޑަށް 22 މިލިއަން ރުފިޔާ ދައްކަން ހުކުމްކުރީ އެ ކުންފުނިން ރާއްޖެ އެތެރެކޮށްފައިވާ ސިނގިރޭޓަށް ދެއްކި ޑިއުޓީގެ މައްސަލައެއްގަ އެވެ.

ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ސިނގިރޭޓް އެތެރެ ކުރާ އެ ކުންފުނިން ދައުވާކުރީ ޑިއުޓީގެ ގޮތުގައި ދައްކަން ކަސްޓަމްސް އިން ކަނޑައެޅި އަދަދާ މެދު ހިތްހަމަނުޖެހިގެންނެވެ. އެނގިފައިވާ ގޮތުގައި، މި މުއާމަލާތް ހިނގީ ސިނގިރޭޓްގެ ޑިއުޓީ މާޗް، 2017 ގައި ބޮޑުވި ދުވަސްވަރު އެވެ.

އެ ކުންފުނިން އެ ފަހަރު ސިނގިރޭޓް ޝިޕްމެންޓް އެތެރެކުރިއިރު، ސިނގިރޭޓްގެ ޑިއުޓީ ބޮޑުކޮށްފައި އޮތުމުން، ހިލާފު އުފެދުނީ ބޮޑުކުރި ޑިއުޓީ ދެއްކުމާ މެދުގަ އެވެ. އެކަމަކު ޑިއުޓީ ބޮޑުވުމުން އިތުރަށް އެރި 22 މިލިއަން ރުފިޔާ ކަސްޓަމްސް އަށް ދެއްކުމަށް ފަހު ސީޖީޓީން ދެން ދިޔައީ އެ ފައިސާ އަނބުރާ ހޯދަން ކޯޓަށެވެ.

ސިނގިރޭޓް ޝިޕްމެންޓް، ޑިއުޓީ ބޮޑުކުރި ދުވަހުގެ ކުރިން ރާއްޖެ އެތެރެކުރިއިރު، އެ އަށް އޭރު ހުރީ ކުރީގެ ޑިއުޓީ ދައްކައި ނިންމައިފަ އެވެ. އެކަމަކު، އެ ޝިޕްމެންޓަކީ ކަސްޓަމްސްގެ ބޮންޑެޑް ވެއާ ހައުސް ގައި އެ ވަގުތު ބަހައްޓާ ގޮތަށް ގެނައި މުދަލެއް ކަމަށް ވުމުން، ސިނގިރޭޓް ޝިޕްމެންޓް ސީޖީޓީން ނެރުނުއިރު އޮތީ ބޮޑުކުރި ޑިއުޓީ އަށް އަމަލުކުރަން ފަށައިފަ އެވެ. އެހެންވެ ކަނޑައަޅާފައިވާ އުސޫލުގެ ދަށުން އެ ސިނގިރޭޓް ޝިޕްމެންޓަށް ކަސްޓަމްސް އިން އެޕްލައި ކުރީ ބޮޑު ޑިއުޓީ އެވެ.

ކަސްޓަމްސް ކޮންޓްރޯލް ސަރަހައްދު، ބޮންޑެޑް ވެއާ ހައުސްގައި ހުންނަ މުދަލެއް ނެރޭއިރު ނަގަނީ އެ ވަގުތަކު އެ މުދަލަކަށް ކަނޑައަޅާފައިވާ ޑިއުޓީ އެވެ. ބޮންޑެޑް ވެއާ ހައުސް އަށް ވައްދާއިރު ކަނޑައަޅާފައިވާ ޑިއުޓީއެއް އެ މުދަލަކަށް ނުނަގާނެ އެވެ.

ކުރީގެ ބަންޑާރަ ނައިބު މުހައްމަދު އަނިލްގެ ދުވަސްވަރު ބޭއްވި ޝަރީއަތުގެ އަޑުއެހުންތަކުގައި ދައުލަތުން ބުނަމުން ދިޔައީ ޑިއުޓީގެ ގޮތުގައި ނެގި އަދަދު ރަނގަޅު ކަމަށާއި އެހެންވެ، ސީޖީޓީ އަށް ކަސްޓަމުން އަނބުރާ ފައިސާ ދޭން ނުޖެހޭ ކަމަށެވެ. އެކަމަކު އާ ސަރުކާރާ އެކު ދައުލަތުގެ ސްޓޭންޑް ބަދަލުވެ އެއްބަސްވީ ސީޖީޓީން އިތުރަށް އެ ފަހަރު ދެއްކި ނުވަތަ ބޮޑު ޑިއުޓީގެ ގޮތުގައި ދެއްކި 22 މިލިއަން ރުފިޔާ އަނބުރާ ދޭން ޖެހޭ ކަމަށެވެ. މި މައްސަލަ ނިންމި އިރު، ސީޖީޓީގެ ވަކީލުގެ ގޮތުގައި ތަމްސީލު ކުރެއްވީ ހިސާން ހުސެއިންގެ ލޯފާމެވެ.

ބުދަދުވަހު ސިވިލް ކޯޓުން ކަސްޓަމްސްގެ މައްޗަށް އަމުރުކުރީ ސީޖީޓީން ހޯދަން އެދުނު 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ހަ މަސް ތެރޭގައި ކޯޓަށް ދައްކައި ހަލާސް ކުރުމަށެވެ. ހުކުމުގައިވާ ގޮތުން، އެއީ ސީޖީޓީ އަށް ކަސްޓަމްސް އިން އަނބުރާ ދޭން ޖެހޭ ފައިސާ ކަން ދައުލަތުގެ އިއުތިރާފުން ޝަރީއަތަށް ވަނީ ސާބިތުވެފަ އެވެ.

އެމްޑަބްލިއުއެސްސީގެ ޗެއާމަން މައުސޫމް. އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ހުކުމް ކުރީ މިދިޔަ ބުދަ ދުވަހު.

އެމްޑަބްލިއުއެސްސީގެ ޗެއާމަން މައުސޫމް. އޭނާގެ ހިއްސާ އޮންނަ ކުންފުންޏަކަށް 22 މިލިއަނަށް ވުރެ ގިނަ ރުފިޔާ ދައްކަން ކަސްޓަމްސްގެ މައްޗަށް ހުކުމް ކުރީ މިދިޔަ ބުދަ ދުވަހު.

ޑިއުޓީ ބޮޑުކޮށް ދައްކަން ޖެހުނީ ކީއްވެ؟

ސިނގިރޭޓްގެ ޑިއުޓީ ބޮޑުކުރި ބިލް ގާނޫނަކަށް ވީ އިރު ސިނގިރޭޓް އެ ޝިޕްމެންޓް ރާއްޖެ ނުގެނެ އެވެ. އެނގިފައިވާ ގޮތުގައި އޭރު ބޯޓު އުޅެނީ ދަތުރުމަތީގަ އެވެ. އެ ޝިޕްމެންޓްގެ އަގުގެ ގޮތުގައި ސީޖީޓީން ޖަހާފައި އޮތީ ޑިއުޓީ ބޮޑުކުރުމުގެ ކުރީގެ އަގެވެ. އެކަމަކު ޝިޕްމެންޓް އައި އިރު ޑިއުޓީ ވަނީ ބޮޑުވެފަ އެވެ.

ސީޖީޓީ އާއި ކަސްޓަމްސްއާ ދެމެދު ހިލާފު އުފެދުނީ ދައްކަން ޖެހޭނީ ކުޑަ ޑިއުޓީތޯ ނުވަތަ ބޮޑު ޑިއުޓީތޯއާ މެދުގަ އެވެ. ޑިއުޓީ ޑިކްލަރޭޝަން ފޯމުގައި އަގު ޖަހާފައި އޮތަސް، ޑިއުޓީ ދެއްކި ކަމަށް ކަސްޓަމްސް އިން ގަބޫލުކުރަނީ އެތަނަށް ފައިސާ ލިބުމުންނެވެ. އެހެންކަމުން ކުޑަ ޑިއުޓީ އޮތް އިރު ގެންނަން އުޅުނު ސިނގިރޭޓް ޝިޕްމެންޓް ރާއްޖެ އައި އިރު ޑިއުޓީ އޮތީ ބޮޑުވެފައި ކަމުން އެ މުދާ ސީޖީޓީއަށް ދޫކުރީ ބޮޑުވި އަދަދު ދެއްކުމުންނެވެ.

ކަސްޓަމްސް އިން އަބަދުވެސް އަމަލްކުރަމުން އަންނަނީ އެގޮތަށް ކަމަށް ވެ އެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި ސީޖީޓީން ބުނަމުން ދިޔައީ އެ ޝިޕްމަންޓަށް ދައްކަން ޖެހޭނީ ކުޑަ ޑިއުޓީ ކަމަށެވެ. އެހެންކަމުން 22 މިލިއަން ރުފިޔާ އަނބުރާ ހޯދަން ކޯޓަށް ދިޔައީ އެވެ.

މައުސޫމް އަދިވެސް ސަސްޕެންޝަނުގައި

އެމްއެމްޕީއާރުސީން ހިންގި 1.3 ބިލިއަން ރުފިޔާގެ ބޮޑު ހިޔާނާތާ ގުޅިގެން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކުރި ތަހުގީގު ރިޕޯޓުގައިވާ ގޮތުން އެސްއޯއެފުން މައުސޫމްގެ ހިއްސާ އޮންނަ ސީޖީޓީ އަށް 5.7 މިލިއަން ޑޮލަރު (88.5 މިލިއަން ރުފިޔާ) ޖަމާކޮށްފައިވެ އެވެ. އެ މައްސަލަ ބަލައި ނިމެންދެން މައުސޫމް ގޭގައި މަޑުކުރަން ސަރުކާރުން ވަނީ އަންގައިފަ އެވެ.

އެކަމަކު މައުސޫމް ވިދާޅުވެފައި ވަނީ އެސްއޯއެފްއާ އެކު އެސްޖީޓީން ކުރީ ސައްހަ ވިޔަފާރީގެ މުއާމަލާތެއް ކަމަށެވެ. އަދި އެކަން ސާބިތުކޮށްދެވޭ ވަރަށް ލިޔެކިޔުންތައް އެބަހުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ސަސްޕެންޑްކުރުމާ އެކު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މައުސޫމަކީ ނަޒާހަތްތެރި ބޭފުޅެއް ކަމަށް ވިދާޅުވެ، މައުސޫމްގެ ދިފާއުގައި ނުކުންނަވައިފަ އެވެ.

މައުސޫމަކީ ނަޝީދުގެ ވެރިކަމުގައި ރައީސް އޮފީހުގެ ޗީފް އޮފް ސްޓާފް އަދި އެ ޕާޓީގެ ކުރީގެ ޗެއާޕާސަންގެ ނައިބު (މާލީ)ގެ މަގާމް ފުރުއްވި ބޭފުޅެކެވެ.

އޭސީސީގެ ރިޕޯޓުގައިވާ ގޮތުން، ސީޖީޓީގައި މައުސޫމްގެ އިތުރުން ހިއްސާ އޮންނަނީ، އަބްދުﷲ ރާފިއު، މއ. ޝޭޑީ ކެބިން އާއި އުމަރު ޖަމާލް، މއ. ތިނަދޫ އާއި އަހްމަދު ޒާހިރު، މާހީ، ސ. ހިތަދޫ، އެވެ.