އުތުރު ޕްރޮވިންސް ގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓާ އެކު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
19 އެޕްރީލް 2019
އުތުރު ޕްރޮވިންސް ގައި ފެރީގެ ޚިދުމަތް ދިނުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރުން ދީބާޖާ އިންވެސްޓްމަންޓާ އެކު ސޮއިކުރި އެއްބަސްވުން ކުރީގެ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުން ބާތިލްކުރި މައްސަލައިގައި ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށް ދަށު ކޯޓުން ކުރި ހުކުމް ދަމަހައްޓަން ސުޕްރީމް ކޯޓުން ނިންމި ނިންމުން މުރާޖައާ ކުރަން ޖެހޭ ކަމަށް ކުރީގެ ބަންޑާރަ ނައިބު ހުސްނުއްސުއޫދު މިއަދު ވިދާޅުވެއްޖެ އެވެ.
ގާނޫނީ ވަކީލް ސުއޫދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ދީބާޖާއާ އެއްކޮޅަށް ސުޕްރީމް ކޯޓުން ކުރި ހުކުމް އެ ކޯޓުން މުރާޖައާ ކުރަންޖެހޭނެ ކަމަށެވެ. އެކަމާ ގުޅޭ ގޮތުން އިތުރަށް މީޑިއާގައި ވާހަކަ ދައްކަވަން، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އެކުލަވާލެއްވި ރިޔާސީ ކޮމިޝަންގެ ރައީސްކަން ވެސް ކުރައްވާ ސުއޫދު ބޭނުމެއް ނުވި އެވެ.
DHEEBAAJAA judgment of the Supreme Court should be reviewed by the Supreme Court. https://t.co/dDf2BACJmx
— Husnu Al Suood (@hsuood) April 19, 2019
ސުއޫދުގެ ޓްވީޓް
ދަށު ކޯޓުގެ ހުކުމް ދަމަހައްޓައި، ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދިނުމަށް ސުޕްރީމް ކޯޓުން ވެސް ތާއީދުކޮށް މިދިޔަ ބުދަ ދުވަހު ކުރި ހުކުމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ފާޑުކިޔަމުންނެވެ. ޚާއްސަކޮށް، ދައުލަތުން އެހާ ގިނަ ފައިސާ ކުންފުންޏަކަށް ދޭން ޖެހުމަކީ ބޮޑު މައްސަލައެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.
އެމްޑީޕީގެ ވެރިކަމުގައި އުތުރު ޕްރޮވިންސްގައި ފެރީގެ ޚިދުމަތް ދިނުމަށް، އެ ޕާޓީ އަށް ތާއީދުކުރާ ބަޔަކު ހިމެނޭ ދީބާޖާއާ އެކު ސަރުކާރުން 2010 ގައި ސޮއިކުރި އެއްބަސްވުން ވަހީދުގެ ސަރުކާރުން ބާތިލްކުރީ މެއި، 2013 ގަ އެވެ. އެ މައްސަލައިގައި ގެއްލުމުގެ ބަދަލަށް 2.4 ބިލިއަން ރުފިޔާ ހޯދަން ދީބާޖާ އިން ސިވިލް ކޯޓުގައި ދައުވާ ކުރުމުން އެ ކޯޓުން 2014 ގައި އަމުރުކުރީ ދައުލަތުން ދީބާޖާ އަށް 348 މިލިއަން ރުފިޔާ ދައްކަން ޖެހޭނެ ކަމަށެވެ.
އެކަމަކު، އެ މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރުމުން މިދިޔަ އަހަރު ހައި ކޯޓުން ވަނީ ސިވިލް ކޯޓުގެ ހުކުމް ބާތިލްކޮށް، އެ ފައިސާ ދައްކަން ނުޖެހޭނެ ކަމަށް ހުކުމްކޮށްފަ އެވެ. ހައި ކޯޓުގެ އެ ހުކުމް ދީބާޖާ އިން ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން، އެ ކޯޓުން ކުރި ހުކުމުގައި ވަނީ ސިވިލް ކޯޓުގެ އެ ހުކުމް ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފް ކުރީ އިސްތިއުނާފް ކުރުމުގެ މުއްދަތު ހަމަވި ފަހުން ކަމަށެވެ. އެހެންވެ، އެ މުއްދަތު ހަމަވި ފަހުން އެ މައްސަލަ ހައި ކޯޓުން ބަލައިގަނެ މައުޟޫއީ ގޮތުން ބަލާފައިވަނީ ގާނޫނީ އުސޫލުތަކާ ޚިލާފަށް ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައި ވެ އެވެ.
އެ މައްސަލަ ދައުލަތުން އިސްތިއުނާފަށް ހުށަހަޅާފައިވަނީ އިސްތިއުނާފް މުއްދަތު ހަމަވިތާ ދެ މަސް ފަހުން ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ. އަދި އެ މުއްދަތު ހަމަވުމުގެ ކުރިން އެ މައްސަލަ އިސްތިއުނާފަށް ހުށަނޭޅުނީ ދަށު ކޯޓުން މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ލިބުން ލަސްވުމާއި އެ މައްސަލަ ހަވާލުކުރި ވަކީލުގެ އިހުމާލުން އެ މުއްދަތުގައި މައްސަލަ ހުށަނޭޅި އޮތުމުން ކަމަށް ދައުލަތުން ބުނެފައިވިޔަސް، އިސްތިއުނާފުގެ މުއްދަތު ހަމަވުމުގެ އެއް މަސް ކުރިން ދަށު ކޯޓުން އެ މައްސަލަ ނިމުނު ގޮތުގެ ރިޕޯޓް ދައުލަތަށް ދޫކޮށްފައިވާ ކަމަށް ސުޕްރީމް ކޯޓުގެ ހުކުމުގައިވެ އެވެ.
އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ ރިޔާސަތު ބެލެހެއްޓެވި އެ މައްސަލަ ބެއްލެވި ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދެވެ. ޕަބްލިކް ޕްރައިވެޓް ޕާޓްނާޝިޕްގެ ދަށުން އެމްޑީޕީގެ ވެރިކަމުގައި ހަތް ޕްރޮވިންސެއްގައި ފެރީގެ ޚިދުމަތް ދިނުމަށް އެކި ކުންފުނިތަކާ ސަރުކާރުން ހަވާލުކުރި އެވެ. އެކަމަކު ފަހުން ވަހީދުގެ ސަރުކާރުން ވަނީ އޭގެ ތެރެއިން ގިނަ އެއްބަސްވުންތަކެއް ބާތިލްކޮށްފަ އެވެ.
"ދީބާޖާ މައްސަލާގައި ނުރަނގަޅު ކަންތައްތަކެއް ހިނގި"
ހާދަ ބޮޑެތި މާލީ ބަދަލުތަކެއް! އެހެން ގޮތެއް ނެތް؟!
ދީބާޖާ މައްސަލައިގެ ހުކުމް ތަންފީޒު މަރުހަލާ ފަށަނީ
ދީބާޖާ މައްސަލާގައި ކުރި ހުކުމް މުރާޖައާ ކުރަން އެދެނީ
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން ފާސްކޮށްފި
ދީބާޖާގެ މައްސަލަ މުރާޖައާ ކުރަން މަޖިލީހުން އެދެނީ
ދީބާޖާގެ ބަދަލާ މެދު ޔައުގޫބުގެ ތުހުމަތު!
ސަރުކާރުން ދީބާޖާއާ އެކު މަޝްވަރާ ފަށައިފި
ރިވިއު ލަސްވަނީ ފަނޑިޔާރުގެ އަށް ކުރާ ތުހުމަތާ ހެދި
އޭޖީ ދެއްކެވީ ގޯސްތަކެއް، 348 މިލިއަން ދޭން ދެކޮޅު