Roadha Mihaaru
އޭޖީގެ ލަފައަކީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދިއުން

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އޭޖީ ލަފާ ދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ދާން

31 މާޗް 2021

ކޮވިޑް-19 ގެ ފަރުވާ އަށް ބޭނުންވި ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ލަފާދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގެ ފަރުވާ އަށް ބޭނުންވި ވެންޓިލޭޓަރުތަކަށް ދިވެހި ސަރުކާރުން ފައިސާ ދެއްކި ނަމަވެސް އެ ވެންޓިލޭޓަރުތައް ނުލިބުނު މައްސަލައިގައި އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ލަފާދެއްވީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދަން ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މަބްރޫކް އަޒީޒް މިއަދު ވިދާޅުވެއްޖެ އެވެ.

އެ އޮފީހުގައި ބޭއްވި މީޑިއާ ބްރީފިންއެއްގައި "މިހާރު" އިން ކުރި ސުވާލަކާ ގުޅިގެން މަބްރޫކް ވިދާޅުވީ، އާބިޓްރޭޝަން އޮންނާނީ ރާއްޖޭގައި ކަމަށެވެ. އެކަމުގައި ޔޫއޭއީ ސަރުކާރު ވެސް ހިމެނޭ ގޮތަށް ކުރިއަށް ގެންދާނެ ކަމަށް ވިދާޅުވި އެވެ.

"ދިވެއްސެއް ވިޔަސް ބޭރު މީހެއް ވިޔަސް މިކަމުގައި ޒިންމާދާރު ކުރުވާނަން،" މަބްރޫކް ވިދާޅުވި އެވެ.

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ރާއްޖެ އަށް ބޭނުންވި ވެންޓިލޭޓަރުތައް ނުލިބުމުން، އެ މައްސަލައިގައި އަމަލުކުރަންވީ ގޮތުގެ ލަފާ އޭޖީ ވަނީ މިދިޔަ ހަފުތާގައި ދެއްވައިފަ އެވެ. ނަމަވެސް އޭޖީން ލަފާ ދެއްވި ގޮތުގެ ތަފްސީލެއް ނުދެއްވަ އެވެ.

ވެންޓިލޭޓަރުތައް ގެންނަން ހަވާލުކުރީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ އެވެ.

ވެންޓިލޭޓަރުތަކާ ގުޅޭގޮތުން ހެލްތު މިނިސްޓަރު އަހުމަދު ނަސީމް މި މަހުގެ 6 ވަނަ ދުވަހު ވިދާޅުވެފައި ވަނީ އެ އެއްޗެހިތައް ލިބޭނެ ސީދާ ތާރީޚެއް އަދި ވެސް ނޭނގޭ ކަމަށެވެ. ދުބާއީގެ ކުންފުނީގެ އަމަލުތައް ހުރި ގޮތުން އެ އެއްޗެހި ލިބޭނެހެން ހީނުވާ ކަމަށާއި އެކަމުގައި އެހެން ގޮތަކަށް ފިޔަވަޅު އަޅަން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވި އެވެ.

ދިވެހި ސަރުކާރުން ދުބާއީގެ ކުންފުންޏާ ހަވާލުކުރީ 75 ވެންޓިލޭޓަރު ހޯދުމަށެވެ. އޭގެ ތެރެއިން މިހާތަނަށް ރާއްޖެ ފޮނުވީ 15 ވެންޓިލޭޓަރެވެ. މީގެ ތެރެއިން ފަހުން ފޮނުވި ފަސް ވެންޓިލޭޓަރުގެ ބައެއް އާލާތްތައް މަދެވެ. އެއްބަސްވުމުގައި ބުނާ ގޮތުން ނަމަ ރާއްޖެ އަށް އަދިވެސް 60 ވެންޓިލޭޓަރު ފޮނުވަން ޖެހެ އެވެ.

އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ޚިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.

މި އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ޕީޖީގެ އޮފީހަށް ފޮނުވީ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށެވެ.