Roadha Mihaaru
ވެންޓިލޭޓަރު އެއްބަސްވުން ބާތިލުކުރަން ނޯޓިސްދީފި

ވެންޓިލޭޓަރުތައް ގެނައުމުގެ އެއްބަސްވުން ބާތިލުކުރަން ނޯޓިސް ފޮނުވައިފި

04 މެއި 2021

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ދިވެހި ސަރުކާރުން ހަވާލުކުރި، ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު ހެދި އެއްބަސްވުން ބާތިލުކުރުމަށް ހެލްތު މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނޯޓިސް ފޮނުވައިފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ކޮވިޑް-19 ގައި ހާލު ބޮޑުވާ މީހުންނަށް ފަރުވާ ކުރުމަށް ބޭނުންވާ ވެންޓިލޭޓަރު ގަތުމަށް ދިވެހި ސަރުކާރުން ހަވާލުކުރި، ދުބާއީގެ އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއާއެކު ހެދި އެއްބަސްވުން ބާތިލުކުރުމަށް ހެލްތު މިނިސްޓްރީން މިދިޔަ އާދިއްތަ ދުވަހު ނޯޓިސް ފޮނުވައިފި އެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ބޭނުންވާ ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ދެމެދު އެއްބަސްވީ މިދިޔަ އަހަރުގެ އޭޕްރީލްް ދެވަނަ ދުވަހު އެވެ. އެ ކުންްފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ނަމަވެސް އަދިވެސް 65 ވެންޓިލޭޓަރެއް ނުލިބެ އެވެ.

މި މައްސަލާގައި އެޓާނީ ޖެނަރަލް (އޭޖީ) އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެޑްވާންސް ޕޭމަންޓް ހަދާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުންޏަސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ލިބިފައި ނުވާ ކަމަށެވެ.

އެހެންވެ، އެއްބަސްވުމުގައިވާ ގޮތަށް ސަޕްލަޔަރު، މުދާ ފޯރުކޮށްނުދީފި ނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް އޭގައި ބަޔާން ކޮށްފައިވާތީ، ޓާމިނޭޝަން ނޯޓިސް މިދިޔަ އާދިއްތަ ދުވަހު އެ ކުންފުންޏަށް ފޮނުވާފައިވާ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކް ގެރެންޓީއަކާ ނުލަ އެވެ.

ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި އެއްބަސްވުމާ ހަވާލާދީ ބުނީ، އެއްބަސްވުން ބާތިލުކުރާ ދުވަހާ ހަމައަށް މުދާ ފޯރުކޮށްދީފައި ނުވާ ނަމަ، އެ މުދާ ފޯރުކޮށްދިނުމަށް އެހާތަނަށް ދައްކާފައިވާ ފައިސާ އަނބުރާ ދޭންޖެހޭނެ ކަމަށެވެ. އެގޮތުން އެ ކުންފުނިން ފޯރުކޮށްދީފައި ނުވާ މުދަލަށް އެޑްވާންސްކޮށް ދައްކާފައިވާ ފައިސާ އާއި އެއްބަސްވުމާ އެއްގޮތަށް މުދާ ފޯރުކޮށްނުދިނުމުގެ ސަބަބުން ލިބިފައިވާ ސީދާ ގެއްލުމުގެ ބަދަލު އެ ކުންފުނިން ނުދައްކައިފި ނަމަ އެ ފައިސާ ހޯދުމުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅުމަށް ނިންމާފައިވާ ކަމަށް ވެސް ބަޔާނުގައި ބުންޏެވެ.

"އެއްބަސްވުމުގައިވާ ގޮތުން، އެއްބަސްވުމުގެ ދަށުން އުފެދޭ މައްސަލަތައް ހައްލު ކުރާނީ އާބިޓްރޭޝަން މެދުވެރިކޮށެވެ. އާބިޓްރޭޝަން ހިންގާ ތަނަކީ ރާއްޖެއެވެ،" އޭޖީ އޮފީހުގެ ބަޔާނުގައި ވެ އެވެ.

ރާއްޖޭގެ އާބިޓްރޭޝަނުގައި މައްސަލަ ކުރިއަށް ގެންދަން ނިންމާފައިވާއިރު، އޭޖީ އޮފީހުން ބުނީ، މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރުގައި މައްސަލަ ބެލުމަށް ރަޖިސްޓަރީ ކޮށްފައި ވަނީ ރާއްޖެއިން ބޭރުގެ ތަޖުރިބާކާރު އާބިޓްރޭޓަރުން ކަމަށެވެ.

އެގްޒެކިއުޓާސް ޖެނަރަލް ޓްރޭޑިންއަކީ ދުބާއީގައި ރަޖިސްޓަރީ ކޮށްފައިވާ ކުންފުންޏެއްކަމުން، އެއީ "އިންޓަރނޭޝަނަލް އާބިޓްރޭޝަން"ގެ މައްސަލައެކެވެ. ރާއްޖެ އާއި ދުބާއީއަކީ ކޮންވެންޝަން އޮން ދަ ރިކޮގްނިޝަން އެންޑް އެންފޯސްމަންޓް އޮފް ފޮރިން އާބިޓްރަލް އެވޯޑްސް، (ނިއުޔޯކް ކޮންވެންޝަން) ގެ ބައިވެރިން ކަމުން، އޭގައިވާ ހުރިހާ މެމްބަރު ގައުމެއްގައި އާބިޓްރޭޝަނުން ނިންމާ ނިންމުމެއް ތަންފީޒު ކުރެވޭނެ އެވެ.