08 ޖޫން 2022
ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިއަން ރުފިޔާ, މާލިއްޔަތު ގަވާއިދާ ހިލާފަށް ދޫކުރިތާ ދެ އަހަރުވީ އެވެ. ވެންޓިލޭޓަރުތަކެއް ނުލިބުނެވެ. ޑަބްލިއުއެޗްއޯގެ ރެކޮމެންޑެޑް ސަޕްލަޔަރުންގެ ލިސްޓުގައި ނެތް އެ ކުންފުންޏަށް ދިން ފައިސާ ވެސް މިހާތަނަކަށް ނުހޯދެ އެވެ.
ވެންޓިލޭޓަރު ގަތުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް 34 މިލިއަން ރުފިޔާ, މާލިއްޔަތު ގަވާއިދާ ހިލާފަށް ދޫކުރިތާ ދެ އަހަރުވީ އެވެ. ވެންޓިލޭޓަރުތަކެއް ނުލިބުނެވެ. ޑަބްލިއުއެޗްއޯގެ ރެކޮމެންޑެޑް ސަޕްލަޔަރުންގެ ލިސްޓުގައި ނެތް އެ ކުންފުންޏަށް ދިން ފައިސާ ވެސް މިހާތަނަކަށް ނުހޯދެ އެވެ.
ކޮވިޑުގެ ފަރުވާއަށް 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ކުންފުންޏާ ބެހޭ ތަފްސީލެއް ނުހޯދަ އެވެ. އެކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.
ދައުލަތުން މިހާ ބޮޑު އަދަދެއް ދޫކުރީ ގޯސްކޮށްކަމާއި ވެންޓިލޭޓަރުތައް ނުލިބޭނެ ކަން ޔަގީންވެފައިވާ އިރު ވެސް ކަމާބެހޭ އިދާރާތަކުން އަދިވެސް ފެންނަނީ "ހަމަޖެހިލައިގެން" ތިބި ތަނެވެ. ގެއްލުންވި ފައިސާ އަވަހަށް ހޯދަން ކުރި މަސައްކަތެއް މިހާތަނަށް ފެންނާކަށް ނެތެވެ. އެއްބަސްވުން އުވާލުމުގެ ނޯޓިސް ފޮނުވި ފަހުން ވެސް އަށް މަސް ވެފައިވާ އިރު، އާބިޓްރޭޝަނަށް އަދިވެސް މައްސަލަ ހުށައެއް ނޭޅެ އެވެ.
އެގްޒެކިއުޓާސް އިން ވިއްކާ ކަމަށް ބުނެފައިވާ ސްކިން ޕްރޮޑަކްޓްސް
ހެލްތު މިނިސްޓްރީން އެންމެ ފަހުން ވެސް ބުނެފައި ވަނީ އާބިޓްރޭޝަނަށް ހުށަހަޅަން، އެޓާނީ ޖެނެރަލް އޮފީހަށް ފޮނުވަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ. މިކަން ލަސްވާ މައްސަލައިގައި ތަކުރާރުކޮށް ދެ މުއައްސަސާއާ ސުވާލު ވެސް ކުރެވިއްޖެ އެވެ.
އޭޖީ އޮފީހުން ބުނީ ހެލްތުން މިދިޔަ ބުރާސްފަތިދުވަހާ ހަމައަށް އެ މައްސަލަ ނުފޮނުވާ ކަމަށެވެ.
ދައުލަތުން ގެއްލުނު އަނބުރާ ފައިސާ ހޯދުން ލަސްވެފައިވާ އިރު، އެކަމަކު ކުންފުނީގެ ވެބްސައިޓުން މިހާރު އެނގޭ ގޮތުގައި ވިޔަފާރި "ފުޅާވެއްޖެ" އެވެ!
އެގްޒެކިއުޓާސް ކުންފުނީގެ މައުލޫމާތާ އެކު 2020 ގައި ބޭނުންކޮށްފައިވާ އެ ކުންފުނީގެ އޮފީހެއް ކަމަށް ބެލެވޭ ފޮޓޯއެއް: ވެންޓިލޭޓަރު އެއްބަސްވުމާ ގުޅޭ ގޮތުން އޭރު ވެސް އެ ކުންފުނިން ވާހަކައެއް ނުދެއްކި.
ވެންޓިލޭޓަރުތައް ހޯދަން 34 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްގެން މައްސަލަ ބޮޑުވެ ބެލިއިރު އެއީ، ހަމުގެ ފަރުވާއާ ގުޅޭ ކްލިނިކެކެވެ. ދުބާއީގެ އެގްޒެކިއުޓާސް އިން ކްލިނިކެއް ހިންގުން ފިޔަވައި އިތުރު ވިޔަފާރިތަކެއް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު އާއްމުކޮށްފައެއް ނުވެ އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންގެ ވެބްސައިޓު އޭރު ވަނީ، ޑައުންކޮށްލައިފަ އެވެ.
ވެންޓިލޭޓަރު ނުލިބި މައްސަލަ ބޮޑުވެގެން ބެލިއިރު، އެގްޒެކިއުޓާސްގެ ވެބްސައިޓު "އަންޑަ ކޮންސްޓްރަކްޝަންގައި".
އެކަމަކު އެ ވެބްސައިޓު އަފްގްރޭޑްކޮށް އާ ލޯގޯއާ އެކު ކުންފުންޏާ ބެހޭ ތަފްސީލް މައުލޫމާތު މިހާރު ވަނީ އާއްމުކޮށްފަ އެވެ. އޭގައި ބުނެފައި ވަނީ ސިއްހީ ދާއިރާގެ އިތުރުން، އެ ކުންފުނިން ކާބޯތަކެއްޗާއި ރަނާއި އެކި ބާވަތްތަކުގެ މައުދަނާއި ދަގަނޑުގެ ވިޔަފާރީގައި ވެސް ފުޅާކޮށް އުޅޭ ކަމަށެވެ. އެ ވިޔަފާރިތަކުގައި، 1997 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ ތަޖުރިބާ ހުރި އަދި އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވެސް ބުނެފައިވެ އެވެ.
ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ވެސް ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެ ކުންފުނީގައި ނެތެވެ.
އެ ކުންފުނިން ވިއްކާ ކަމަށް ވެބްސައިޓުގަިއ ހުރި ބައެއް ބާވަތްތައް.
އޭރު ތިލަވި މައުލޫމާތުގައި އެއީ ޑރ. އަލީ ތަހުމަތީގެ ކްލިނިކެކެވެ. އޭރު އޭނާއަށް "މިހާރު"ން ގުޅުމުން އެދިވަޑައިގަތީ ހެލްތު މިނިސްޓްރީން ވެންޓިލޭޓަރުތަކުގެ މައުލޫމާތު ސާފުކުރުމަށެވެ. މިހާތަނަށް ވެސް ވެންޓިލޭޓަރުގެ މައްސަލައާ ގުޅޭ ގޮތުން އެ ކުންފުނިން ވާހަކައެއް ނުދައްކަ އެވެ.
އެގްޒެކިއުޓާސްގެ ވެރިޔާ ޑރ. އަލީ ތަޚުމަތީ
އޭރު ވެބްސައިޓެއް ނެތް، އަދި ކުންފުންޏާ ބެހޭ ގޮތުން މާ ބޮޑު މައުލޫމާތުތަކެއް އާއްމުކޮށްފައި ނުވިޔަސް މިހާރު ވަނީ ވެބްސައިޓުގައި ކުންފުނީގެ ވިޔަފާރި ތަފްސީލްކޮށްދީފަ އެވެ. ވެންޓިލޭޓަރު މައްސަލަ ދިމާވިއިރު، އާއްމު ނުވާ ނުވަތަ އަޑު އިވިފައި ނުވާ ވިޔަފާރިތަކެއްގެ ތެރެއަށް އެ ކުންފުނިން ވަނީ ވަދެފަ އެވެ.
އެކަމަކު އަދިވެސް ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާކޮށް ފޯރުކޮށްދޭ ކަމަކަށް ނެތެވެ. ސިއްހީ ސާމާނުގެ ގޮތުގައި ކުންފުނިން ވިއްކާ ޕްރޮޑަކްޓްސްގެ ތެރޭގައި ހިމެނެނީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް އެކަންޏެވެ.
އެގްޒެކިއުޓާސް އިން ފޯރުކޮށްދޭ ސިއްހީ ބައެއް ސާމާނު: ވެންޓިލޭޓަރު ފޯރުކޮށްދޭ ކަމުގެ އެއްވެސް މައުލޫމާތެއް ފަހުން އެ ކުންފުނިން އާއްމުކުރި މައުލޫމާތުތަކުގައި ވެސް ނެތް.
ކުންފުނީގެ ޓުވިޓާ އެކައުންޓުގެ ގޮތުގައި ދީފައިވާ ލިންކަކީ އިންސްޓަގްރާމް އެކައުންޓެކެވެ. ކުންފުންޏަކަށް ވުރެން ބޮޑަށް ބެލެވޭ ގޮތުގައި އެއީ މީހެއްގެ އަމިއްލަ އެކައުންޓެކެވެ.
އެ އެކައުންޓުގައި ހުރި ބައެއް ތާރީހްތަކުން އެނގޭ ގޮތުގައި، އޯގަނިކް ބައެއް ބާވަތްތަކުގެ ތެރެއަށް ވަނީ ޖެނުއަރީ 2021 ގަ އެވެ. މި މުއްދަތުގައި ފުޅާކޮށްފައި ވަނީި ފިލިޕީންސްގެ ކާއްޓާ ސްޕެއިނުގެ ޓޮމާޓޯއިން ތައްޔާރުކުރާ ހަމުގެ އެކިއެކި ބޭނުމަށް އުފައްދާފައި ހުންނަ އޯގަނިކް ބާވަތްތަކެވެ.
ކާބޯތަކެތީގެ ގޮތުގައި ވެސް ވިއްކަނީ އޯގަނިކް އުފެއްދުންތައް ކަމަށް ވެބްސައިޓުގައި ވެ އެވެ.
އެގްޒެކިއުޓާސްއިން ބުނެފައިވާ ގޮތުގައި އެ ކުންފުނިން އެފްރިކާ ސަރަހައްދުގައި ރަނާ, އެކި ބާވަތުގެ މައުދަން އަދި ދަގަނޑުގެ ވިޔަފާރިކުރެ އެވެ.
އެގްޒެކިއުޓާސް އަކީ މީގެ އަހަރުތަކެއް ކުރިން ވެސް ފުޅާކޮށް ވިޔަފާރިކުރަމުން އަންނަ ކުންފުންޏެއް ކަމަށް ވެބްސައިޓުގައި މިހާރު ބުނެފައިވާ އިރު، އެ މީހުން ވިޔަފާރި ފުޅާކުރި ގޮތުގެ ތަފްސީލެއް ނޭނގެ އެވެ. އެނގެން އޮތީ ކުންފުނީގެ ވިޔަފާރިތަކާ ގުޅޭ ކަންކަން މިހާ ތަފްސީލުކޮށް އާއްމުކޮށްފައި މިވަނީ ރާއްޖެއަށް ވެންޓިލޭޓަރު ފޮނުވަން ހަވާލުވެ، ބޮޑު މައްސަލަގަނޑެއް ދިމާވި ފަހުން ކަމެވެ.
ސިއްހީ ސާމާނު ވިއްކާ ކަމުގެ ރެކޯޑެއް އޭރު ވެސް ނެތް ކުންފުންޏަށް ވެންޓިލޭޓަރު ހޯދަން ހަވާލުކޮށް ބޮޑު އަދަދކުން ފައިސާ ދޫކުރީ ގޯސްކޮށް ކަން އެނގި ތިބެ ފައިސާ ހޯދުން ލަސްކުރުމަކީ ގާނޫނީ ބައެއް ވަކީލުން ކުރިން ވެސް ވިދާޅުވެފައިވާ ގޮތުގައި އެ ކުންފުންޏަށް ނާޖާއިޒު ފައިދާއެއް ހޯދައި ދެވުމެވެ.
ވިޔަފާރި ކުންފުންޏަކަށް ވުމުން، ވިޔަފާރި ފުޅާކުރުމުގެ މަސްލަހަތުު އެ ކުންފުންޏެއްގައި އޮންނާނެ ކަމަށާއި އެ ވެންޓިލޭޓަރު މައްސަލައިގެ ތެރޭގައި ވެސް އެ ކުންފުންޏަށް އޮތީ ދިވެހި ދައުލަތުގެ ފައިސާއިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން މަގުފަހިވެފައި ކަމަށް އޭރު މި މައްސަލައިގައި "މިހާރު"އާ ވާހަކަ ދެއްކެވި ވަކީލުން ވިދާޅުވެފައިވެ އެވެ.
އެއްބަސްވުމުން ވަކި ފަރާތަކަށް ނާޖާއިޒު މަންފާއެއް ހޯދައިދިން ކަމަށް އެކަށީގެންވާ މިންވަރަށް ހެއްކާއި ގަރީނާ ހުރި ކަމަށް ބުނެ ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ ބިޑް ކޮމިޓީ ހިމެނޭ ގޮތުން 12 މީހެއްގެ މައްޗަށް އޭސީސީން ދައުވާކުރަން ފޮނުވި އެވެ. އެކަމަކު އެ މައްސަލަތަކުގައި ދައުވާކުރަން އެކަށީގެންވާ ހެކި ނެތް ކަމަށް ބުނެ ޕްރޮސިކިއުޓަ ޖެނެރަލް ދެ ފަހަރަށް ވެސް އަނބުރާ އޭސީސީއަށް އެ މައްސަލަ ފޮނުވާލީ އެވެ. އަދިވެސް މައްސަލަ އޮތީ އޭސީސީގަ އެވެ.
ޖިނާއީ ތަހުގީގު ކުރަމުން ދިޔައިރު ވެސް، އެއްބަސްވުން ގޯސްކަމަށް އޭސީސީ އާއި އޮޑިޓް އޮފީހުގެ ރިޕޯޓުން ފެންނަން އޮތުމާ އެކު، އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ފުރުސަތު ދީގެން ތިބުމުގެ ބަދަލުގައި ގެއްލުނު ފައިސާކޮޅު ހޯދަން ޖެހެ އެވެ. ކޮވިޑާ ހެދި ވެންޓިލޭޓަރުގެ އަގު މައްޗަށް ޖެހުނަސް ދުނިޔޭގެ މާކެޓްގައި ވެންޓިލޭޓަރުގެ އަގު ވެއްޓުމުން އެގްޒެކިއުޓާސްއަށް މާލީ ބޮޑު ފައިދާއެއް ވުމުގެ ފުރުސަތު ވެސް އޮތެވެ.
"މިހާރުގެ ހާލަތަށް އަދި އެ ކުންފުނިން އަމަލުކުރަމުން އަންނަ ގޮތަށް ބަލާއިރު ވެންޓިލޭޓަރުތައް އެ މީހުން ފޯރުކޮށްދޭނެ އިރަކަށް ތިބުމެއް ނޫން ހެދެން އޮތް ގޮތަކީ. މުހިއްމީ ދައުލަތަށް ގެއްލުނު ފައިސާ އަނބުރާ ހޯދުން،" ނަން ނުޖަހާ ގޮތަށް ވާހަކަ އޭރު ދެއްކެވި ވަކީލު ވިދާޅުވި އެވެ.
ކޮވިޑުގެ ބިރު ރާއްޖެ ވަށާލި ވަގުތު ހޯދަން ޖެހުނު ވެންޓިލޭޓަރުތައް ކޮންމެ ގޮތަކުން ނަމަވެސް އެތެރެކުރަން އަވަސް އަރުވާލައި، އެއްބަސްވުމެއްގައި ހެދޭނެ ހުރިހާ ގޯސްތަކެއް އޮތީ ހަދައިފަ އެވެ. ގާބިލް ކުންފުންޏެއްތޯ ނުބަލައި ހަވާލުކުރުމާއި އެއްބަސްވުމެއް ނެތި މަސައްކަތް ކުރިއަށް ގެންދަން އެ ކުންފުންޏަށް އެންގުމާއި މާ ފަހުން އެއްބަސްވުމެއްގައި ދެ ފަރާތުން ސޮއިކުރުމާއި ބޭންކް ގެރެންޓީއަކާ ނުލައި އެޑްވާންސް ފައިސާ ދޫކުރުން ހިމެނެ އެވެ.
އަދިވެސް ފެންނަނީ މި ގޯސްތައް ނުވަތަ ރައްޔިތުންގެ މަސްލަހަތާ ގުޅޭ މިހާ ބޮޑު މައްސަލައެއް އިސްލާހުކުރުން މުއައްސަސާތަކާއި އިދާރާތަކަށް މާ ބޮޑު ކަމަކަށް ވެގެން ނޫޅޭ ތަނެވެ. ދައުލަތުގެ ފައިސާ އިން އެ ކުންފުނީގެ ވިޔަފާރި ފުޅާކުރަން ފުރުސަތު ދީގެން ތިބި ތަނެވެ. މުއައްސަސާތަކަށް ވީ ދުވަހަކުން އާބިޓްރޭޝަނަށް ހުށަހަޅައިގެން ވެސް ކުރިއަށް ގެންދަން އުޅޭ ތަނެވެ.
ގެއްލުންވީ ދިވެހި ރައްޔިތުންނަށެވެ؛ ފައިދާވަމުން އަދިވެސް އެ އަންނަނީ ވެންޓިލޭޓަރުތައް ހޯދައި ދިނުމުގައި މަކަރާއި އޮޅުވާލުމާއި ހީލަތް ހެދި ކުންފުންޏަށެވެ.
ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނަށް ދާން އެދިއްޖެ
ވެންޓިލޭޓަރުތަކުގެ 32މިލިއަން ހޯދަން ދުބާއީގެ ކޯޓަށް!
ވެންޓިލޭޓަރުތަކުގެ މައްސަލާގައި އަމީރު މަޖިލިހަށް!
ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި
ވެންޓިލޭޓަރުގެ މައްސަލާގައި ތިން މީހަކަށް ދައުވާ
ވެންޓިލޭޓަރު މައްސަލަ އޭސީސީން މަޝްވަރާއަށް ޕީޖީއަށް
މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ ބަދަލެއް ނުދިން
ވެންޓިލޭޓަރު ނުލިބުމުން ބަދަލު ހޯދަން ހުށަހަޅައިފި
ވެންޓިލޭޓަރު އެއްބަސްވުން ބާތިލުކުރަން ނޯޓިސްދީފި
އެއްބަސްވުން އޮތީ އެގްޒެކިއުޓާސްއަށް ފައިދާވާ ގޮތަށް