Roadha Mihaaru
ވެންޓިލޭޓަރުތަކުގެ 32މިލިއަން ހޯދަން ދުބާއީގެ ކޯޓަށް!

ވެންޓިލޭޓަރުތަކުގެ މައްސަލާގައި 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހަޅަނީ

06 މާޗް 2024

ކޮވިޑް-19ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ކޮވިޑް-19ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ކުރީގެ ސަރުކާރުން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުނިން ދިވެހި ސަރުކާރަށް ދޭން ޖެހޭ 32 މިލިއަން ރުފިޔާގެ ބަދަލު ހޯދަން ދުބާއީގެ ކޯޓުތަކަށް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.

ވެންޓިލޭޓަރުތައް ހޯދަން ފެބްރުއަރީ 2، 2020ގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގައި ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައި ވާތީ އެ މައްސަލަ އާބިޓްރޭޝަނަށް ހުށަހެޅީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހުގަ އެވެ.

ރާއްޖެ އިން އެދުނީ އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލު ހޯދުމަށެވެ.

އާބިޓްރޭޝަންގެ އެއްވެސް އަޑުއެހުމަކަށް ވެސް އެ ކުންފުނިން ހާޒިރުވެފައިނުވާއިރު، އާބިޓްރޭޝަނުން ނިންމާފައިވަނީ ބަދަލާ އެކު، އާބިޓްރޭޝަނަށް ދައްކަން ޖެހޭ ފައިސާއާއެކު 32 މިލިއަން ރުފިޔާ ދޭން ޖެހޭނެ ކަމަށެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މި ފައިސާ ހޯދާނެ ގޮތަކާމެދު "މިހާރު"ން ސުވާލުކުރުމުން ބަންޑާރަ ނައިބު އަހުމަދު އުޝާމް ވިދާޅުވީ، އާބިޓްރޭޝަން ކުރިއަށް ދިޔައިރު، ވެސް އެކުންފުނި ވީ ތަން ނޭނގޭ ކަމަށާއި އެއްވެސް ބަޔާނެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ.

އެ ކުންފުންޏަކީ ދުބާއީގައި ރަޖިސްޓްރީކޮށްފައިވާ ކުންފުންޏެއް ކަމަށްވާތީ، ދުބާއީގެ ކޯޓުތަކަށް އެ މައްސަލަ ހުށަހެޅުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އުޝާމް ވިދާޅުވި އެވެ.

"މިހާތަނަށް މި މައްސަލައިގައި ކަން ހިނގާފައި އޮތް ގޮތަށް ބަލާއިރު ވަރަށް އަންލައިކްލީ [މި ފައިސާ ލިބުމުގެ]، އެހެން ނަމަވެސް މި ފައިސާ ހޯދުމަށް ކުރަން ޖެހުނު ކޮންމެ ކަމެއް އަޅުގަނޑުމެން ކުރާނަން،" އުޝާމް ވިދާޅުވި އެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ. ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެ އަށް ފޮނުވި ނަމަވެސް އެ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.

ދުބާއީގައި ރެޖިސްޓާ ކޮށްފައިވާ އެ ކުންފުނިން މިހާރު ވިއްކަނީ ކާބޯތަކެއްޗާއި ރަނާއި އެކި ބާވަތްތަކުގެ މައުދަނާއި ދަގަނޑުގެ ވިޔަފާރި ކަމަށް ކުންފުނީގެ ވެބްސައިޓުގައި ވެ އެވެ.