Roadha Mihaaru
ވެންޓިލޭޓަރު މައްސަލާގައި އާބިޓްރޭޝަނަށް ދާން އެދިއްޖެ

ވެންޓިލޭޓަރު ފައިސާ އަނބުރާ ނުދިނުމުން އާބިޓްރޭޝަނަށް ހުށަހަޅައިދޭން އެދިއްޖެ

29 ޖޫން 2022

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަަށް ދޫކުރި ފައިސާ، ދިވެހި ސަރުކާރަށް އަނބުރާ ދޭން ދެކޮޅު ހެދުމުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދޭން ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެންޓިލޭޓަރުތައް ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއަަށް ދޫކުރި ފައިސާ، ދިވެހި ސަރުކާރަށް އަނބުރާ ދޭން ދެކޮޅު ހެދުމުން އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދޭން ހެލްތު މިނިސްޓްރީން އެޓާނީ ޖެނެރަލްގެ އޮފީހުގައި އެދިއްޖެ އެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ.

އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ.

ފުރަތަމަ ޝިޕްމަންޓުގެ ގޮތުގައި ބައެއް ފޮނުވި އިރު ބޭނުމެއް ނުކުރެވުނެވެ. ތަކުރާރުކޮށް ހެލްތު މިނިސްޓްރީން އެދުމުން ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ.

އެކަމަކު މިނިސްޓްރީން އެންގި ގޮތަށް އެ ފައިސާ ވެސް އަނބުރާ ނުދެއްކި އެވެ.

މި މައުލޫމާތު ހެލްތު މިނިސްޓްރީން "މިހާރު" އަށް ހިއްސާކުރީ އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން ވެފައިވާ އެއްބަސްވުމުގެ ކޮޕީއަކާއި އާބިޓްރޭޝަނަށް ހުށަނާޅައި ލަސްވި މައްސަލައިގެ ތަފްސީލަށް، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން މި މަހުގެ އަށް ވަނަ ދުވަހު އެދުމުންނެވެ.

މިނިސްޓްރީން ބުނީ ގާނޫނީ ގޮތުން ފުރިހަމަކުރަން ޖެހޭ މަރުހަލާތައް ފުރިހަމަކުރުމަށް ފަހު އާބިޓްރޭޝަނަށް ހުށަހަޅާނެ ކަމުގެ ނޯޓިސް އެގްޒެކިއުޓާސްއަށް ދިނީ މިދިޔަ ހަފުތާގެ ހޯމަ ދުވަހު ކަމަށެވެ. އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިދިނުމަށް އެޓާނީ ޖެނެރަލްގެ އޮފީހަށް ފޮނުވީ މި ހަފުތާގެ އާދީއްތަ ދުވަހު ކަމަށް ހެލްތުން ބުންޏެވެ.

ވެންޓިލޭޓަރުތައް ނުލިބި ދައުލަތަށް 34 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމެއް ލިބުނު އިރު އެ ކުންފުންޏަށް އެ ފައިސާ އިން ވިޔަފާރި ފުޅާކުރުމުގެ ފުރުސަތު އޮތީ ހުޅުވިފަ އެވެ. އާބިޓްރޭޝަނަށް ވެސް ހުށަނޭޅި އަހަރެއްހާ ދުވަސް ލަސްވި މައްސަލައިގައި ހެލްތުން ބުނީ އެކަމުގައި އެ މުއައްސަސާގެ އެއްވެސް މުވައްޒަފެއްގެ އިހުމާލެއް އޮތް ކަމަކަށް ގަބޫލެއް ނުކުރެވޭ ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގެ އެއްބަސްވުމުގައި އެގްޒެކިއުޓާސް އާއި ހެލްތު މިނިސްޓްރީން ސޮއިކުރީ، ބޭންކް ގެރެންޓީއަކާ ނުލައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ފައިސާ ދޫކުރުމަށް ފަހު އޭސީސީން ބުނެފައިވެ އެވެ. މި އެއްބަސްވުމުގެ ކޮޕީއަކަށް އެދުމުން ހެލްތު މިނިސްޓްރީން ހިއްސާއެއް ނުކުރި އެވެ.

އެގްޒެކިއުޓާސް އިން ވިއްކާ ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބައެއް ތަކެތި.

އެގްޒެކިއުޓާސް އިން ވިއްކާ ކަމަށް އެ ކުންފުނީގެ ވެބްސައިޓުގައި އާއްމުކޮށްފައިވާ ބައެއް ތަކެތި.

ހެލްތުން ބުނީ އެއްބަސްވުމުގެ ކޮޕީއެއް ނުދިނީ، މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 25 ވަނަ މާއްދާގެ ނ. އަށް ރިއާޔަތްކުރުމަށް ފަހު ދޫކުރެވެން ނެތް މައުލޫމާތަކަށް ވާތީ ކަމަަށެވެ. އެއީ، ހޯދަން އެދުނު މައުލޫމާތަކީ ދައުލަތުގެ އިދާރާއަކުން ހިންގާ ރަސްމީ މަސައްކަތެއްގެ ތެރެއިން ލިބިފައިވާ ނުވަތަ ގެންގުޅެން ޖެހޭ ނުވަތަ ބަލަހައްޓަން ޖެހޭ ދޭދޭ ދެ ފަރުދުންގެ ދެމެދުގައި ނުވަތަ އަމިއްލަ ދެ ކުންފުންޏެއްގެ ދެމެދުގައި ވެފައިވާ އެއްބަސްވުމަކަށް ނުވަތަ މުއާމަލާތަކަށް ވެފައި އެ މައުލޫމާތު ހާމަކޮށްފި ނަމަ އެ ފަރާތުން ކުރޭ ފަރާތެއްގެ ޒާތީ ނުވަތަ މާލީ ނުވަތަ ދަރަނީގެ ނުވަތަ ވިޔަފާރީގެ ސިއްރު ހާމަކުރަން ޖެހޭ މައުލޫމާތަކަށް ވާތީ ކަމަށް މިނިސްޓްރީން ބުންޏެވެ.

ވެންޓިލޭޓަރުތައް ހޯދަން 34 މިލިއަން ރުފިޔާ ދައުލަތުން ދޫކޮށްގެން މައްސަލަ ބޮޑުވެ ބެލިއިރު އެއީ، ހަމުގެ ފަރުވާއާ ގުޅޭ ކްލިނިކެކެވެ. ދުބާއީގެ އެގްޒެކިއުޓާސް އިން ކްލިނިކެއް ހިންގުން ފިޔަވައި އިތުރު ވިޔަފާރިތަކެއް ފުޅާދާއިރާއެއްގައި ހިންގާ ކަމުގެ އެއްވެސް މައުލޫމާތެއް އޭރު އާއްމުކޮށްފައެއް ނުވެ އެވެ.

އެކަމަކު މީގެ ދެ ހަފުތާ ކުރިން "މިހާރު"ން މައުލޫމާތު ހޯދިއިރު، އެ ކުންފުނިން މިހާރު ވަނީ ވިޔަފާރި ފުޅާކޮށްފަ އެވެ.

ވެބްސައިޓު އަފްގްރޭޑްކޮށް އާ ލޯގޯއާ އެކު ކުންފުންޏާ ބެހޭ ތަފްސީލް މައުލޫމާތު އާއްމުކޮށްފައިވާ އިރު ކުރިން އަޑު ނީވޭ ވިޔަފާރިތަކެއްގެ ތެރެއަށް ވަދެފައިވާ ކަމަށް ލިއެފައިވެ އެވެ. ސިއްހީ ދާއިރާގެ އިތުރުން، އެ ކުންފުނިން ކާބޯތަކެއްޗާއި ރަނާއި އެކި ބާވަތްތަކުގެ މައުދަނާއި ދަގަނޑުގެ ވިޔަފާރީގައި ވެސް ފުޅާކޮށް އުޅޭ ކަމަށް ވެބްސައިޓުގައިވެ އެވެ. އެ ވިޔަފާރިތަކުގައި، 1997 ވަނަ އަހަރު އުފެއްދި އެ ކުންފުންޏަކީ ތަޖުރިބާ ހުރި އަދި އިތުބާރު ލިބިފައިވާ ކުންފުންޏެއް ކަމަށް ވެސް ބުނެފައިވެ އެވެ. ވެންޓިލޭޓަރުތައް ނުލިބި މައްސަލަ ބޮޑުވުމުން، ތަހުގީގަށް އޮޑިޓް އޮފީހާއި އޭސީސީން އޭރު ހޯދި މައުލޫމާތުން ވެސް ކަށަވަރުވީ ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ވިއްކުމުގެ ގާބިލް ކަމެއް އެ ކުންފުނީގައި ނެތެވެ. މި ފަހުން ވެބްސައިޓު އަޕްޑޭޓްކުރިއިރު ވެސް ވެންޓިލޭޓަރު ފަދަ ސިއްހީ ސާމާނު ފުޅާދާއިރާއެއްގައި ފޯރުކޮށްދޭ ކަމުގެ ރެކޯޑެއް ނެތެވެ. އޮތީ ކޮވިޑް ޓެސްޓް ކިޓުތަކާއި މާސްކް ފޯރުކޮށްދޭ ކަމަށެވެ.

ވެންޓިލޭޓަރު މައްސަލަ ތަހުގީގުކޮށް ވެންޓިލޭޓަރު މައްސަލައިގައި އޭސީސީގެ ކުރީގެ ކޮމިޝަނުން ދައުވާކުރަން ފޮނުވި އެވެ. އެއީ އޭރުގެ ހެލްތު މިނިސްޓަރު އަބްދުالله އަމީން އާއި މިނިސްޓްރީގެ 10 މުވައްޒަފެއްގެ މައްޗަށެވެ. އޭރު ޕީޖީ ނިންމެވީ ދައުވާ ނުކުރުމަށެވެ.

އާ ކޮމިޝަނުން މައްސަލަ މުރާޖައާކޮށް ޑިއުޓީ ޕްރޮސިކިއުޝަނަށް އޮތީ އަލުން ޕީޖީ އޮފީހަށް ފޮނުވައިފަ އެވެ.