Roadha Mihaaru
މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ ބަދަލެއް ނުދިން

މުއްދަތުގެ ތެރޭގައި ވެންޓިލޭޓަރުތަކުގެ ބަދަލެއް ނުދިން

19 ސެޕްޓެމްބަރ 2021

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނި މެދުވެރިކޮށް ގަންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނު 31 މިލިއަން ރުފިޔާ ދައްކާފައިނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ދުބާއީގެ އެގްޒިކިއުޓާސް ޖެނެރަލް ޓްރޭޑިން ކުންފުނި މެދުވެރިކޮށް ގަންނަން ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބުމުން ގެއްލުމުގެ ބަދަލުގެ ގޮތުގައި ހޯދަން އެދުނު 31 މިލިއަން ރުފިޔާ ދައްކާފައިނުވާކަން "މިހާރު" އަށް އެނގިއްޖެ އެވެ.

ދިވެހި ސަރުކާރުން ގަންނަން އެގްޒިކިއުޓާސްއަށް ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް ލިބުނީ 15 ވެންޓިލޭޓަރެވެ. ނަމަވެސް އެ އެއްޗެހި ނުލިބި، ލަސްވެގެން ދާތީ ސަރުކާރުން ވަނީ އެންމެ ފަހުން ދުބާއި ކުންފުންޏާ އެކު ހެދި އެއްބަސްވުން ބާތިލްކޮށްފަ އެވެ.

އެއަށް ފަހު، ވެންޓިލޭޓަރު ނުލިބުމުން އޭގެ ބަދަލު ހޯދަން އެގްޒެކިއުޓާސް އަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ސިޓީ ފޮނުވައި އެކަން ނިންމަން 30 ދުވަހުގެ މުހުލަތެއް ދީފައިވެ އެވެ. އެ މުއްދަތު މި މަހުގެ 10 ވަނަ ދުވަހު ހަމަވެފައިވެ އެވެ.

އެނގިފައިވާ ގޮތުގައި އެ މުއްދަތުގެ ތެރޭގައި ވެސް އެގްޒެކިއުޓާސް އިން 2.1 މިލިއަން ޑޮލަރު (31 މިލިއަން ރުފިޔާ) ދައްކާފައިނުވެ އެވެ. އެހެންވެ، ބެލެވޭ ގޮތުގައި އެ މައްސަލައިގައި ސަރުކާރުން ދެން ކުރިއަށްދާނީ އިންޓަނޭޝަނަލް އާބިޓްރޭޝަނަށް ހުށަހަޅައިގެންނެވެ.

ވެންޓިލޭޓަރުތައް ނުލިބުމުން އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު މީގެ ކުރިން ލަފާދެއްވާފައިވަނީ ވެސް އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅައިގެން ކުރިއަށް ގެންދާށެވެ.

އެގްޒެކިއުޓާސްއަކީ ވެންޓިލޭޓަރުތައް އެންމެ ބޮޑު އަގުގައި ގަތުމަށް ހަވާލުކުރި ކުންފުންޏެވެ. އެ ކުންފުނިން ވެންޓިލޭޓަރުތައް ފޮނުވަން 34 މިލިއަން ރުފިޔާ ހުށަހެޅުމުން މާލިއްޔަތު ގަވާއިދާ ހިލާފަށް 30 މިލިއަން ރުފިޔާ އެއްފަހަރާ ވަނީ ދީފަ އެވެ. މި ފައިސާ ދޫކުރީ އެއްބަސްވުމުގައި ސޮއި ވެސް ނުކޮށެވެ.

އޭޖީ އޮފީހުން ކުރިން ނެރުނު ބަޔާނެއްގައި ބުނީ އެޑްވާންސް ޕޭމަންޓް ނިންމާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުންޏަސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ނުލިބޭ ކަމަށެވެ. އެހެންވެ، އެއްބަސްވުމުގައިވާ ގޮތަށް ސަޕްލަޔަރު މުދާ ފޯރުކޮށްނުދީފި ނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވާތީ ޓާމިނޭޝަން ނޯޓިސް ފޮނުވީ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.