Roadha Mihaaru
ވެންޓިލޭޓަރު ނުލިބުމުން ބަދަލު ހޯދަން ހުށަހަޅައިފި

ވެންޓިލޭޓަރުތައް ނުލިބުމުން ލިބުނު ގެއްލުމުގެ ބަދަލު ހޯދަން ހުށަހަޅައިފި

08 ސެޕްޓެމްބަރ 2021

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ސަރުކާރުން ފައިސާ ދެއްކުމަށް ފަހު ވެސް އެ ތަކެތި ނުލިބުމުން ގެއްލުމުގެ ބަދަލު ހޯދަން ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ކޮވިޑް-19 ގައި ހާލު ދެރަވާ މީހުންނަށް ފަރުވާ ދިނުމަށް ބޭނުންވާ ވެންޓިލޭޓަރުތައް ގަތުމަށް ދިވެހި ސަރުކާރުން ފައިސާ ދެއްކުމަށް ފަހު ވެސް އެ ތަކެތި ނުލިބުމުން ގެއްލުމުގެ ބަދަލު ހޯދަން ދުބާއިގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ހެލްތު މިނިސްޓްރީން ފޮނުވައިފި އެވެ.

އެ މިނިސްޓްރީގެ އޮފިޝަލަކު އިއްޔެ ވިދާޅުވީ ގެއްލުމުގެ ބަދަލު ހޯދަން އެގްޒެކިއުޓާސް އަށް މިދިޔަ މަހުގެ 10 ވަނަ ދުވަހު ސިޓީ ފޮނުވައި އެކަން ނިންމަން 30 ދުވަހުގެ މުހުލަތެއް ދީފައިވާ ކަމަށެވެ. އެ މުއްދަތު އަންނަ ހުކުރު ދުވަހަށް ހަމަވާނެ އެވެ.

އާބިޓްރޭޝަނަށް މައްސަލަ ހުށަހަޅާނީ އެ މުއްދަތުގެ ތެރޭގައި ފައިސާ ނުލިބިއްޖެ ނަމަ އެވެ.

ވެންޓިލޭޓަރުތައް ނުލިބުމުން ދައުލަތަށް ލިބުނު ގެއްލުން ބެލުމަށް ހެލްތު މިނިސްޓްރީން އެދިގެން އޮޑިޓް އޮފީހުން ހާއްސަ އޮޑިޓެއް ހެދި އެވެ. ނަމަވެސް އެ މައްސަލަގަނޑުގެ ސަބަބުން ލިބުނު ގެއްލުމުގެ އަދަދެއް އަދި އެގްޒެކިއުޓާސް އަތުން ނަގަން އެދުނީ ކިހާ ވަރެއްގެ ބަދަލެއް ކަމެއް ސާފެއް ނުވެ އެވެ. ހެލްތު މިނިސްޓްރީ އާއި އޮޑިޓް އޮފީހުން ވެސް އެ މައުލޫމާތެއް ނުދިނެވެ.

ސަރުކާރުން ވަނީ ވެންޓިލޭޓަރު ގެނައުމުގެ އެއްބަސްވުން ބާތިލްކުރުމަށް މިިދިޔަ މެއި ދެވަނަ ދުވަހު އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އަށް ނޯޓިސް ފޮނުވައިފަ އެވެ. އެޓާނީ ޖެނަރަލް (އޭޖީ) ގެ އޮފީހުން އޭރު ނެރުނު ބަޔާނެއްގައި ބުނީ އެޑްވާންސް ޕޭމަންޓް ނިންމާތާ 29 ދުވަހުގެ ތެރޭގައި ވެންޓިލޭޓަރުތައް ފޯރުކޮށްދޭން ޖެހޭނެ ކަމަށް ބުންޏަސް، އެއްބަސްވުމުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ވެންޓިލޭޓަރުތައް ނުލިބޭ ކަމަށެވެ.

އެހެންވެ، އެއްބަސްވުމުގައިވާ ގޮތަށް ސަޕްލަޔަރު މުދާ ފޯރުކޮށްނުދީފި ނަމަ އެއްބަސްވުން ބާތިލު ކުރެވިދާނެ ކަމަށް ބަޔާން ކޮށްފައިވާތީ ޓާމިނޭޝަން ނޯޓިސް ފޮނުވީ ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

ވެންޓިލޭޓަރުތައް ގެނައުމަށް ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ ދެމެދު އެއްބަސްވީ މިދިޔަ އަހަރުގެ އޭޕްރީލް 2 ގަ އެވެ. އެ ކުންފުންޏަށް 75 ވެންޓިލޭޓަރު ގެނައުމަށް ހަވާލުކުރި ނަމަވެސް އަދިވެސް 65 ވެންޓިލޭޓަރެއް ނުލިބެ އެވެ. އެކަމަކު އެ އެއްޗެހި ގެންނަން އެއްބަސްވި 34 މިލިއަން ރުފިޔާގެ ތެރެއިން، އެޑްވާންސްގެ ގޮތުގައި ބޭންކު ގެރެންޓީއަކާ ނުލާ 30 މިލިއަން ރުފިޔާ ދީފައިވެ އެވެ.