31 އޯގަސްޓް 2020
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތައް އިއްޔެ ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައިވީ ނަމަވެސް އެ ތަކެތި އަދި ރާއްޖެ ނުފޮނުވަ އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި ވެންޓިލޭޓަރުތައް އިއްޔެ ލިބޭނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށް ހެލްތު މިނިސްޓްރީން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ބުނެފައިވީ ނަމަވެސް އެ ތަކެތި އަދި ރާއްޖެ ނުފޮނުވަ އެވެ.
ބޭންކް ގެރެންޓީއަކާ ނުލައި 30 މިލިއަން ރުފިޔާ އެޑްވާންސަށް ދޫކުރި ކުންފުންޏާ އެކު އެއްބަސްވީ 10 ޕޯޓަބަލް އަދި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ. އެ ކުންފުންޏާ އެކު އެޕްރީލް 2ގައި ސޮއިކުރިކަމަށް އޮތް އެއްބަސްވުމުގައިވާ ގޮތުން ނަމަ 29 ދުވަހުގެ ތެރޭގައި އެ ތަކެތި ހުންނަން ޖެހޭނީ ރާއްޖޭގަ އެވެ.
އެކަމަކު އެއްބަސްވި މުއްދަތު ހަމަވި ފަހުން އެ ކުންފުނިން ރާއްޖެ ފޮނުވީ ހެލްތު މިނިސްޓްރީން ދިން ސްޕެސިކިފިކޭޝަނަށް ނުފެތޭ އަދި ކޮވިޑް-19ގެ ފަރުވާއަށް ބޭނުންވެސް ނުކުރެވޭ 10 ވެންޓިލޭޓަރެވެ. އެ ތަކެއްޗާ ހަވާލުވާން ހެލްތުން ވަނީ ދެކޮޅު ހަދައިފަ އެވެ.
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަ ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވެފައި ވަނީ ވެންޓިލޭޓަރުތައް އޮގަސްޓް 30 ގައި ރާއްޖެ ފޮނުވާނެ ކަމުގެ ޔަގީންކަން އެ ކުންފުނިން ލިއުމުން ދީފައިވާ ކަމަށެވެ. އެ އީމެއިލްތައް ހުރި ކަމުގެ ޔަގީންކަން އޭނާ ކޮމިޓީގެ މެމްބަރުންނަށް ވެސް ދެއްވި އެވެ.
އެގްޒެކިއުޓާސް އިން ދިން ޔަގީންކަމާ އެއްގޮތަށް ވެންޓިލޭޓަރުތައް ރާއްޖެ ލިބިފައިވޭތޯ "މިހާރު"ން ސުވާލުކުރުމުން ތަސްލީމާ މިއަދު ވިދާޅުވީ 10 ވެންޓިލޭޓަރު ރާއްޖެ ފޮނުވަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވާ ކަމަށެވެ. ވަކި ތާރީޚެއް ވިދާޅުވާން އެނގިވަޑައިނުގެންނެވި ނަމަވެސް އޭނާ އުއްމީދުކުރައްވަނީ އެ ތަކެތި މިއަދު ނޫނީ މާދަމާ ވެސް ލިބިދާނެ ކަމަށެވެ.
"އަޅުގަނޑުމެން ރިޖެކްޓްކުރި 10 ވެންޓިލޭޓަރުގެ ބަދަލުގައި، ސްޕެސިފިކޭޝަނަށް ފެތޭ 10 މޮބައިލް ވެންޓިލޭޓަރު ފްރައިޓްކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށް އެބަ ޔަގީންކަން ދޭ. އީމެއިލްތައް އެބަހުރި،" ތަސްލީމާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި، ހެލްތު މިނިސްޓްރީން ފޮނުވި ސްޕެސިފިކޭޝަނާ އެއްގޮތަށް އެ ކުންފުނިން ފޮނުވި ފޮޓޯ އާއި މައުލޫމާތުތަކާ ދިމާނުވާ ވެންޓިލޭޓަރުތަކަކަށް ވާ ނަމަ ދެން ވެސް އެއާ ހަވާލުނުވާނެ ކަން ލިއުމުން އޮންނާނީ އަންގައިފަ އެވެ.
ވެންޓިލޭޓަރުތައް ގެނައުމުގެ މުއާމަލާތާ ތަސްލީމާ ހަވާލުވެވަޑައިގަތީ އެ ތަކެތި ހޯދަން ތިން ކުންފުންޏަކާ ހަވާލުކުރުމުގައި މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ ކަންކަން ތަހުގީގުކުރަން ލަފާ ދެއްވައި އޮޑިޓަ ޖެނެރަލް ނެރުއްވި ރިޕޯޓާ ގުޅިގެން ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރު އަހްމަދު އަސްލަމާއި ބިޑް ކޮމިޓީ ސަސްޕެންޑްކުރުމުންނެވެ. ކުރިން އެ މުއާމަލާތް ހިންގެވީ އަސްލަމެވެ.
އެގްޒެކިއުޓާސް އިން ރާއްޖެ ފޮނުވަން ޖެހޭ 65 އައިސީޔޫ ވެންޓިލޭޓަރު ލިބޭނެ ތާރީޚަކީ ކޮބައިތޯ އެހުމުން ތަސްލީމާ ވިދާޅުވީ ވަކި މުއްދަތެއް އެ ކުންފުނިން އަދި ނުދޭ ކަމަށެވެ. އެއްބަސްވި މުއްދަތަށް ވުރެން ގިނަ ދުވަސް ހޭދަވެފައިވާ ކަން ފާހަގަކުރައްވަމުން އޭނާ ވިދާޅުވީ އެ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ވެސް މިހާރު ވަނީ ވާހަކަ ދައްކަން ފަަށާފައި ކަމަށެވެ.
"ކޮމިއުނިކޭޓް އެބަ ކުރެވޭ ބަރާބަރަށް، އަޅުގަނޑު ފޮނުވާ އީމެއިލްތަކަށް ޖަވާބު ވެސް އެބަދޭ. ޖަވާބު ލަސްވެފައެއް ވެސް ނެތް. ބާކީ މިކޮޅަށް ލިބެން ޖެހޭ ވެންޓިލޭޓާސްތަކާ ގުޅޭ ގޮތުން ވާހަކަ ދައްކަން ފަށައިފިން،" އޭނާ ވިދާޅުވި އެވެ.
ތަސްލީމާ ވިދާޅުވި ގޮތުގައި ދުބާއީ ކުންފުނިން ހެލްތު މިނިސްޓްރީއާ އެކު މުއާމަލާތްކުރުން ހުއްޓާލާފައި ނުވާތީ ބާކީ ހުރި ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް އަދި ނުނިންމޭނެ އެވެ. އެކަމަކު ނުފޮނުވައިފި ނަމަ ދެން އަޅަން ޖެހޭ ފިޔަވަޅުތަކާއި ލަސްވެއްޖެ ނަމަ އުނިވާނެ ފައިސާގެ ވާހަކަ ވެސް އެއްބަސްވުމުގައި ހިމެނޭ ކަން އޭނާ ފާހަގަކުރެއްވި އެވެ.
ދުބާއީ ކުންފުނިން ވެންޓިލޭޓަރު ފޮނުވުން ލަސްވެ ބަހަނާތައް ގިނަވެފައިވާ އިރު، ޕްރޮޖެކްޓް ހަވާލުކުރުމުގެ ކުރިން އެ ކުންފުނިން އޮތީ ޝިފްކުރެވޭ ހާލަތުގައި ގުދަނުގައި ވެންޓިލޭޓަރުތައް ހުރި ކަމަށް ހެލްތު މިނިސްޓްރީގައި ބުނެފަ އެވެ.
ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސްއަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.
ވެންޓިލޭޓަރު ފަދަ މެޝިންތަކަކީ އެގޮތަށް ގުދަންތަކުގައި ދިގު މުއްދަތަކަށް ސްޓޮކްކޮށްފައި ބަހައްޓާ ތަކެތި ނޫން ކަމަށް ވާތީ އެގްޒެކިއުޓާސް އިން އެހެން ބުންޏަސް އެންމެ ކުޑަމިނުން ގުދަނުގައި އެތަކެތި ހުރިތޯ ކަށަވަރުނުކޮށް ހެލްތުން ފައިސާ ދީފައިވާތީ އޮޑިޓުގައި ވަނީ ސުވާލު އުފައްދައިފަ އެވެ.
ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓުގައި ތުހުމަތު ކުރުމުން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގު ހިނގަނިކޮށް، އަމިއްލަ އަށް މަސްއޫލިއްޔަތުން އެކަހަރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ.
އެކަމަކު ފިނޭންސް މިނިސްޓަރު ކޮމިޓީގައި ވިދާޅުވެފައި ވަނީ ބޭންކް ގެރެންޓީއަކާ ނުލައި އެގްޒެކިއުޓާސް އަށް އެޑްވާންސް ފައިސާ ދޫކުރުން ފަދަ މާލިއްޔަތު ގަވާއިދާ ޚިލާފަށް އެއްވެސް ކަމެއް ކުރަން ހުއްދަ ދެއްވައިފައެއް ނޯންނާނެ އެވެ. އެގްޒެކިއުޓާސް އިން ވެންޓިލޭޓަރުތައް ފޯރުކޮށްނުދީފި ނަމަ، ކޯޓަށް މައްސަލަ ހުށަހަޅައިގެން ފައިސާ އަނބުރާ ހޯއްދަވާނެ ކަމަށް ވެސް އަމީރު ވަނީ ވިދާޅުވެފަ އެވެ.
ނިޝާމާ އާއި އަސްލަމް ކޮމިޓީއަށް ހާޒިރުކުރަން އަމުރެއް
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން
ހެލްތުގެ ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑު: ޒިޔަތު
އަމިއްލަ މީހެއްގެ އެކައުންޓަށް ފައިސާޖަމާކުރަން އުޅުނު!
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން
ވެންޓިލޭޓަރު ނުލިބުމުން ބަދަލު ހޯދަން ހުށަހަޅައިފި
ވެންޓިލޭޓަރު މައްސަލަ: އޭސީސީ އާއި ޕޮލިސް މަޖިލީހަށް
ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
ވެންޓިލޭޓަރުތަކުގެ މައުލޫމާތު އެގްޒެކިއުޓާސްއިން ނުދިން!
ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު