Roadha Mihaaru
ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު

ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ ފައިސާ ހޯދާނެ: އަމީރު

27 އޯގަސްޓް 2020

ބޭންކް ގެރެންޓީއަކާ ނުލައި، އެޑްވާންސް ފައިސާގެ ގޮތުގައި ދިވެހި ސަރުކާރުން 30 މިލިއަން ރުފިޔާ ދޫކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ އަށް ފޯރުކޮށްނުދީފި ނަމަ އެ ފައިސާ އަނބުރާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ބޭންކް ގެރެންޓީއަކާ ނުލައި، އެޑްވާންސް ފައިސާގެ ގޮތުގައި ދިވެހި ސަރުކާރުން 30 މިލިއަން ރުފިޔާ ދޫކުރި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން 75 ވެންޓިލޭޓަރު ރާއްޖެ އަށް ފޯރުކޮށްނުދީފި ނަމަ އެ ފައިސާ އަނބުރާ ހޯދަން އަޅަން ޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު މިއަދު ވިދާޅުވެއްޖެ އެވެ.

އެގްޒެކިއުޓާސް އަށް ބޮޑު އަދަދަކުން ފައިސާ ދޫކުރީ ކޮވިޑް-19ގެ ފަރުވާ އަށް ބޭނުންވާ 75 ވެންޓިލޭޓަރު ގެންނަން ހަވާލުކޮށް، އެ ތަކެތި ގެނެވޭނީ އެގޮތަށް ފައިސާ ދެއްކުމުން ކަމަށް އެ ކުންފުނިން ޝަރުތު ކުރުމުންނެވެ. ބޭންކު ގެރެންޓީއަކާ ނުލައި ޕްރޮޖެކްޓުގެ 15 ޕަސެންޓަށް ވުރެ ބޮޑު އަދަދެއް ނުދެއްކޭނެ ކަމަށް މާލިއްޔަތު ގަވާއިދުގައި ބަޔާންކޮށްފައިވާ އިރު، ފަންނީ އަދި މާލީ ގާބިލް ކުންފުންޏެއްތޯ ނުބަލައި ދައުލަތުގެ ފައިސާ އެގޮތަށް ދޫކޮށްފައިވާ މައްސަލަ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ އޮޑިޓް ރިޕޯޓުގައި ލަފާ ދެއްވައިފަ އެވެ.

ވެންޓިލޭޓަރުތައް ހޯދުމުގައި ހިންގާފައިވާ މާލިއްޔަތު ގަވާއިދާ ޚިލާފު މައްސަލަތައް އޮޑިޓަ ޖެނެރަލް ހަސަން ފެންމަތި ކުރެއްވުމުން، ހެލްތު މިނިސްޓްރީން މާލިއްޔަތު ކޮމިޓީގައި ބުނެފައި ވަނީ އެގްޒެކިއުޓާސް ހިމެނޭ ގޮތުން 149 ވެންޓިލޭޓަރު ގެންނަން ތިން ކުންފުންޏަކާ ހަވާލުކުރީ ފިނޭންސް މިނިސްޓްރީގެ ހުއްދަ ހޯދައިގެން ކަމަށެވެ. ތިން ކުންފުނީގެ ތެރެއިން ދުބާއީގެ ކުންފުންޏަށް އެޑްވާންސް ފައިސާ ދެއްކުމުގެ ކުރިން ވެސް ފިނޭންސްގެ ލިއުން ހޯދި ކަމަށް މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

ނަމަވެސް ފިނޭންސް މިނިސްޓަރު އަމީރު، މާލިއްޔަތު ކޮމިޓީ އަށް މިއަދު ހާޒިރުކޮށް، މެމްބަރުން ކުރެއްވި ސުވާލުތަކުގައި އޭނާ ވަނީ އެ ވާހަކަ ދޮގު ކުރައްވައިފަ އެވެ. އެގްޒެކިއުޓާސް އަށް އެޑްވާންސް ފައިސާ ދޫކުރުމާއި އެހެން ހުރިހާ ކަމެއް ވެސް ކުރިއަށް ގެންދަން އަންގަވާފައި އޮންނާނީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ކަމަށް އަމީރު ވިދާޅުވި އެވެ.

ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތަކުގެ ތެރެއިން އެ ކުންފުނިން ރާއްޖެ ފޮނުވީ 10 ވެންޓިލޭޓަރެވެ. އެއްބަސްވުމާ އެއްގޮތަށް ސްޕެސިފިކޭޝަން ދިމާނުވާ އެ ވެންޓިލޭޓަރުތައް ފަރުވާ އަށް ބޭނުންކުރަން ކަމުނުދާ ކަމަށް ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ވަނީ ނިންމައިފަ އެވެ.

އަމީރު ވިދާޅުވި ގޮތުގައި، އެއްބަސްވި ގޮތަށް ވެންޓިލޭޓަރުތައް ހޯދަން ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ. މާލިއްޔަތު ކޮމިޓީގައި ހެލްތު މިނިސްޓްރީން ބުނެފައި ވަނީ އަންނަ ހަފުތާގައި ވެންޓިލޭޓަރުތައް ލިބޭނެ ކަމުގެ ޔަގީންކަން އެގްޒެކިއުޓާސް އިން ދީފައިވާ ކަމަށެވެ.

"މި ވަގުތު ދެކެވެމުންދާ 75 ވެންޓިލޭޓަރުގެ ކޮންޓްރެކްޓަކީ ވެސް އޮންގޮއިން ނުވަތަ ހިނގަމުންދާ ކޮންޓްރެކްޓެއް. މައްސަލަތަކެއް ފެންމަތި ވެފައިވީ ނަމަވެސް، މިހާރު ވެސް ހެލްތު މިނިސްޓްރީން ދަނީ މި ކޮންޓްރެކްޓްގެ ދަށުން މި ތަކެތި ލިބޭތޯ މަސައްކަތް ކުރަމުން،" އަމީރު ވިދާޅުވި އެވެ.

"މި ތަކެތި ނުލިބިއްޖެ ނަމަ، އަނބުރާ ފައިސާ ހޯދުމުގެ މަސައްކަތް އަޅުގަނޑުމެން ކުރާނަން. އެގްރީމަންޓުގައި ޑިލޭ ޗާޖަސްގެ ވާހަކަ އެބަ އޮތް. އާބިޓްރޭޝަނަކަށް ހިނގައްޖެ ނަމަ ރާއްޖޭގެ އާބިޓްރޭޝަން ސެންޓަރުގައި އެކަން ކުރަން ޖެހޭ ކަމަށް ލިޔެފައި އެބަ އޮތް."

މިނިސްޓަރު ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތައް ނުލިބިއްޖެ ނަމަ އަޅަން ޖެހޭ ހުރިހާ ފިޔަވަޅެއް އަޅަން އެ މިނިސްޓްރީން އަންނަނީ ތަފްސީލްތައް ވެސް ހޯދަމުންނެވެ.

އެގްޒެކިއުޓާސްއާ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ގޮތުން ނުކުތް މައްސަލަތަކުގައި ފިނޭންސް މިނިސްޓްރީން މިއަދު ދެއްކީ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ އާއި އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކްޓިވް އަހުމަދު އަސްލަމްގެ އިހުމާލެވެ. ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ގޮތުގެ ތަހުގީގެއް ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަން ގުޅިގެން އަންނަނީ ހިންގަމުންނެވެ.