Roadha Mihaaru
ޑަބްލިއުއެޗްއޯއާއެކު ހިންގީ ރަސްމީ މުއާމަލާތެއް: އަމީން

އެއީ ރަސްމީ މުއާމަލާތެއް، ހާލަތާއި ދިން ބައެއް މައުލޫމާތެއް އޮޑިޓުގައި ނުހިމަނާ: އަމީން

25 އޯގަސްޓް 2020

ވެންޓިލޭޓަރުތައް ގެނެސްދޭނެ ކުންފުންޏެއް ހޯދަން، ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް އަރްވިންދު މާތުރާ އެކު ކުރެއްވީ ރަސްމީ މުއާމަލާތެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެންޓިލޭޓަރުތައް ގެނެސްދޭނެ ކުންފުންޏެއް ހޯދަން، ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓެޓިވް އަރްވިންދު މާތުރާ އެކު ކުރެއްވީ ރަސްމީ މުއާމަލާތެއް ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ރާއްޖެ އަށް ބޭނުންވި 149 ވެންޓިލޭޓަރު ހޯދުމުގައި ބޮޑެތި ގޯސްތަކެއް ހަދާފައިވާ ކަމަށާއި ދުބާއީގެ އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަމަށް އޮޑިޓް ރިޕޯޓުގައި ވެ އެވެ. ޑަބްލިއުއެޗްއޯއާ މަތިކޮށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ ކުންފުންޏާ ހަވާލުކޮށް، ގެރެންޓީއަކާ ނުލައި އެޑްވާންސަށް ޕްރޮޖެކްޓުގެ އަގުގެ 90 ޕަސެންޓަށްވާ 30 މިލިއަން ރުފިޔާ ދޫކުރީ މާލިއްޔަތު ގަވާއިދާ ޚިލާފަށް ކަމަށް ހެލްތު މިނިސްޓްރީގެ ޚާއްސަ އޮޑިޓުގައިވެ އެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރު އަމީނާއި ބިޑް ކޮމިޓީ އަދި ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަހުމަދު އަސްއަދު ވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކޮށްފަ އެވެ.

އެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ މުޅި ދުނިޔެ އަށް ވެންޓިލޭޓަރުގެ ޑިމާންޑް ބޮޑުވެފައި އޮތް ދަނޑިވަޅުގައި، ރާއްޖެ އަށް ބޭނުންވި 200 ވެންޓިލޭޓަރު ނުލިބިދާނެ ކަމުގެ ބިރު ވަރަށް ބޮޑަށް އޮތް ކަމަށެވެ. ކޮވިޑުން ރައްކާތެރިވާން ކަމާގުޅޭ އިދާރާތައް ގުޅިގެން ކުރި މަސައްކަތުގައި އެންމެ ބޮޑު އިސްކަމެއް ދިނީ ވީ އެންމެ އަވަހަކަށް ތަކެތި ހޯދުން ކަމަށާއި ޑަބްލިއުއެޗްއޯގެ އެހީއަކަށް އެދެން ޖެހުނީ އެހެންވެ ކަމަށް އޭނާ ވިދާޅުވި އެވެ.

ވެންޓިލޭޓަރު ހޯދުމުގައި އޮތް ގޮންޖެހުންތައް އަރުވިންދާ ހިއްސާކުރެއްވީ ރަސްމީ ބޭނުމެއްގައި ރަސްމީ ހައިސިއްޔަތުން ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

މާލިއްޔަތު ކޮމިޓީގައި މިނިސްޓަރާއި ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

މާލިއްޔަތު ކޮމިޓީގައި މިނިސްޓަރާއި ބިޑް ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގަންނަވަނީ. --ފޮޓޯ/މިހާރު

އަމީން ވިދާޅުވި ގޮތުގައި ރާއްޖެ ފަދަ ވަސީލަތްތައް މަދު ގައުމެއްގައި ވެންޓިލޭޓަރުގެ ދަތިކަމާއި ހޯދުމުގައި ދިމާވެފައިވާ ދަތިތައް އަރުވިންދާ ހިއްސާ ކޮށްދެއްވައި ވެންޓިލޭޓަރު ވީއެންމެ އަވަހަކަށް ލިބޭނެ ކުންފުންޏެއް އެނގިވަޑައިގަންނަވާތޯ އެއްސެވި އެވެ. އޭގެ ގާތްގަނޑަކަށް ދެ ދުވަސް ފަހުން އޭނާ ފޯރުކޮށްދެއްވީ ނަމަކާއި ގުޅޭނެ ނަމްބަރެއް ކަމަށް އަމީން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ އަރުވިންދު ފޯރުކޮށްދެއްވި މައުލޫމާތުން ވީއެންމެ އަވަހަކަށް ވެންޓިލޭޓަރު ލިބޭނެ މަގެއް އޮތްތޯ ބަލައި މަސައްކަތްތައް ކުރިއަށް ގެންދަން އެ މިނިސްޓްރީގެ ފައިނޭންޝަލް އެގްޒެކެޓިވް އަސްލަމަށް އެންގެވި ކަމަށެވެ.

"އަޅުގަނޑާއި ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހުގެ ރެޕްރެޒެންޓެޓިވްއާ ދެކެވުނު ވާހަކައަކީ ޕްރައިވެޓް މުއާމަލާތެއް ކަަަމަށް މިހާރު އަދި ފަހުން ވެސް ގަބޫލެއް ނުކުރާނަން. އެއީ އަޅުގަނޑު ރަސްމީ ހައިސިއްޔަތުން، ރާއްޖެ އޮތް ނުރައްކާތެރި ހާލަތުން އަރައިގަތުމަށް ހޯދަން ޖެހުނު މައުލޫމާތެއް ހޯދަން ކުރި މަސައްކަތެއް،" އަމީން ވިދާޅުވި އެވެ.

"އެއީ އަޅުގަނޑާ ހިސާބުން ރައްކާކުރެވިފައި، ފޮރުވިފައި އޮތް މައުލޫމާތެއް ނޫން. ނުވަތަ ސިއްރު ސިއްރުން އަޅުގަނޑުގެ ފައިނޭންޝަލް އެގްޒެކެޓިވް އަށް ހިއްސާކުރި މައުލޫމާތެއް ވެސް ނޫން. އެއީ އަޅުގަނޑުމެންގެ ތެރޭގައި އާއްމު މައުލޫމާތެއް. ރަސްމީ ބޭނުމަށް ހޯދި މައުލޫމާތެއް."

އަމީން ވިދާޅުވި ގޮތުގައި އެ ކުންފުނީގެ ނަން ލިބުމާ އެކު ޑަބްލިއުއެޗްއޯ މެދުވެރިވެގެން ވެންޓިލޭޓަރުތައް ގެންނަން ވެސް އޭނާ ވާނީ މުވައްޒަފުންނަށް އިރުޝާދު ދެއްވައިފަ އެވެ. އެކަމަކު ވަގުތާއި ހާލަތުގެ ގޮތުން އެއީ ފަސޭހަކަމަކަށް ނުވި ކަމަށާއި ވެންޓިލޭޓަރު ހޯދުމުގެ ކަންކަން ނިންމަން ލިބުނީ މަދު ވަގުތުކޮޅެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ވަގުތުގެ ނާޒުކު ކަމުން މިކަންތައްތައް ހިނގައި މިދަނީ ތިން ހަތަރު ދުވަހެއްގެ ތެރޭގައި. ރާއްޖެ އަށް ބޭނުންވާ ވަސީލަތްތައް ހޯދުމުގައި ހުރި ހާސްކަން ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ. އަޅުގަނޑަށް ހީވަނީ މި މަޖިލީހުން ވެސް އަޅުގަނޑުމެންނާ ސުވާލުކުރި،" އަމީން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯއާ އެކު ހެލްތު މިނިސްޓްރީން ހިންގީ ރަސްމީ މުއާމަލާތެއް ކަމުގެ ހެއްކެއްގެ ގޮތުން މިނިސްޓަރު ދެއްކެވީ ޑަބްލިއެޗްއޯގެ ކަންޓްރީ އޮފީހުގެ މުވައްޒަފަކު ފޮނުވާފައިވާ އީމެއިލެކެވެ. އެ އީމެއިލްގެ މައްޗަށް ތަރުތީބުވެގެން ދިޔަ އެއްވެސް ކަމަކީ ނުރަސްމީ ނުވަތަ ގަވާއިދުން ބޭރުން ދިޔަ ކަމެއްގެ ގޮތުގައި މިނިސްޓަރު އަމީން ގަބޫލެއް ނުކުރައްވަ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު އަބޫބަކުރު އަބްދުލްކަރީމް ވިދާޅުވީ ދުބާއީ ކުންފުންޏާ ބެހޭ މައުލޫމާތު ހެލްތު މިނިސްޓްރީ އަށް އީމެއިލްކުރީ ކަންޓްރީ އޮފީހުގެ ރަންޖަން ކިޔާ ބޭފުޅެއް ކަމަށެވެ. އެ މައުލޫމާތަށް ހުރިހާ ކަމެއް ރަސްމީވެ، މުއާމަލާތްތައް ހިނގާފައިވާއިރު އެކަމުގައި ގޯހެއް ނެތް ކަމަށް އޭނާ ދެކެވަޑައިގަންނަވަ އެވެ. އޭގެއިތުރުން އަމީންއާ އެކު ކޮމިޓީގައި ބައިވެރިވެވަޑައިގަތް ބޭފުޅުން ވެސް ދެކެވަޑައިގަންނަވަނީ އެ މުއާމަލާތް ހިނގައި ދުބާއީ ކުންފުނި ހޮވީ ޑަބްލިއުއެޗްއޯގެ އީމެއިލާއި އެ ޖަމިއްޔާ އަށް ކުރާ އިތުބާރެއްގެ މައްޗަށެވެ.

އޮޑިޓުގައި ހުރި ބައެއް ވާހަކަތައް ރަނގަޅެއް ނޫން!

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި އޮޑިޓް ރިޕޯޓުގައި، ވެންޓިލޭޓަރު ހޯދުމާ ގުޅޭ ބައެއް ވާހަކަތައް ގެނެސްފައިވާ ގޮތާ މެދު ކަންބޮޑުވެވަޑައިގަންނަވަ އެވެ. ވުޖޫދުގައި ނެތް އަދި ޑަބްލިއުއެޗްއޯގައި ބަދުނާމު އަޅުވައި ހެލްތު މިނިސްޓްރީން ގޯސްތަކެއް ހަދާފައިވާ ކަަމަށް ރިޕޯޓާ އެކު ވާހަކަ ފެތުރިގެން ދިޔައިރު، އޮޑިޓުގައި ހުރި ބައެއް ވާހަކަތައް ހަގީގަތާ ޚިލާފު ކަމަށް ވެސް ވިދާޅުވި އެވެ.

މާލިއްޔަތު ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެމްބަރު، މިނިސްޓަރު އަމީންއާ ސުވާލުކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މާލިއްޔަތު ކޮމިޓީގައި ހަނިމާދޫ ދާއިރާގެ މެމްބަރު، މިނިސްޓަރު އަމީންއާ ސުވާލުކުރައްވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އަމީން ވިދާޅުވީ ޑަބްލިއުއެޗްއޯއާ އެކު އޭނާ އާއި ހެލްތު މިނިސްޓްރީގެ މުވައްޒަފުން ހިންގި މުއާމަލާތްތަކުގެ ވާހަކަތައް އޮޑިޓުގައި ހިމަނާފައި އޮތަސް ތަފްސީލްތަކުން ހަގީގަތް ސާފުކޮށްދީފައެއް ނެތެވެ. އެއާއެކު، އެ ރިޕޯޓުގައި، އެ ވަގުތަކީ ރާއްޖެ އަށް ވެންޓިލޭޓަރު ކިހާ މުހިއްމު ވަގުތެއް ކަމަށާއި އެއާ ގުޅިފައި ވަނީ ކިތައް ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމާތޯ އޮޑިޓުގައި ރިއާޔަތްކޮށްފައި ނެތުމަކީ ވެސް ހިތާމަކުރައްވާ ކަމެއް ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގައި މިނިސްޓަރު އަމީން: ޑަބްލިއުއެޗްއޯއާ އެކު ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

ކޮމިޓީގައި މިނިސްޓަރު އަމީން: ޑަބްލިއުއެޗްއޯއާ އެކު ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

ހެލްތުން ހުރިހާ ލިއުންތަކެއް ވެސް އޮޑިޓް އޮފީހާ ހިއްސާކުރުމުން، ރަސްމީ މުއާމަލާތެއް ނޫން ކަމަށް އޮޑިޓުގައި ނިންމާފައި ވަނީ ޑަބްލިއުއެޗްއޯ އިން ފޮނުވި ސިޓީއަކާ ހަވާލާދީ ކަމަށް އަމީން ވިދާޅުވި އެވެ.

"ވެންޓިލޭޓަރުތައް ހޯދުމާ ގުޅޭ ހުރިހާ މައުލޫމާތެއް މިނިސްޓްރީން އޮޑިޓަރާ ހިއްސާކުރި. މާޗް މަހުގެ ފަހުކޮޅަށް ދިޔައިރު އަޅުގަނޑުމެން ތިބި ހާލަތަށް ރިއާޔަތް ނުކުރެވި ފަސްމަންޒަރަށް އެނބުރި ބެލުމެއް ނެތި މިއަދުގެ ހާލަތުގެ ވާހަކަ ދައްކާ ނަމަ އެ ނާޒުކު ހާލަތް އެބަ އެއްފަރާތްވެގެންދޭ،" އަމީން ވިދާޅުވި އެވެ.

އަމީންގެ އިތުރުން ކޮމިޓީ އަށް ހާޒިރުވެވަޑައިގަތް ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުން ވެސް ވިދާޅުވީ އޮޑިޓް އޮފީހަށް ދިން ތަފްސީލްތައް އޮޑިޓުގައި ހިމަނާފައި ނުވާތީ، އެއީ އެއްފަރާތަށް ބުރަވެފައި އޮތް ރިޕޯޓެއް ކަމަށް ދެކޭ ކަމަށެވެ. އޮޑިޓް ރިޕޯޓް އެކުލަވާލައި ކޮމެންޓަށް މިނިސްޓްރީ އަށް ފޮނުވުމުން ވެސް އޭގައި ހުރި ކަންބޮޑުވާ ކަންކަމުގެ ތަފްސީލްކޮށްދިން ނަމަވެސް ފައިނަލް ރިޕޯޓުގައި ހިމަނާފައި ނުވާ ކަމަށް އެ ބޭފުޅުން ވިދާޅުވި އެވެ.

"ވަރަށް ކުރުކޮށް އަޅުގަނޑު ދަންނަވާލާނަން. އޮޑިޓަ ޖެނެރަލް ނެރުއްވާފައި އޮތް ރިޕޯޓަކީ އިންސާފާ ވަރަށް ބީރައްޓެހި ރިޕޯޓެއް އެއްކޮށް ކިޔާލާއިރު. އޭގައި ހެލްތު މިނިސްޓްރީގެ ކަމާބެހޭ ފަރާތްތަކުން ހިއްސާކޮށްދެއްވި ލިއުންތަކުގެ މައްޗަށް ބިނާކޮށް މާ ބޮޑު އެއްޗެއް ނެތް، އެހެން ފަރާތްތަކުން ދެއްވާފައިވާ މައުލޫމާތުތަކަށް ބޮޑަށް ބުރަވެފައިވާ ކަން ސާބިތުކޮށްދެވެން އޮތީތީ ބީރައްޓެހި ރިޕޯޓެކޭ މި ދެންނެވީ،" އަބޫބަކުރު ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވި ގޮތުގައި ވެންޓިލޭޓަރުތައް ހޯދުމުގައި އަދި ކޮވިޑާ ގުޅޭ އެހެން ކަމެއްގައި ވެސް މިނިސްޓްރީގެ އެއްވެސް މުވައްޒަފަކު ގޯހެއް ހަދާފައިވާ ކަމަކަށް އޭނާ ގަބޫލެއް ނުކުރައްވަ އެވެ.