Roadha Mihaaru
ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި މައްސަލައެއް ނެތް

ދުބާއީގެ ކުންފުނިން ފަހުން ފޮނުވި 10 ވެންޓިލޭޓަރުގައި މައްސަލައެއް ނެތް

09 ސެޕްޓެމްބަރ 2020

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ފަހުން ފޮނުވި 10 ވެންޓިލޭޓަރު، ހެލްތު މިނިސްޓްރީން އެދުނު ސްޕެސިފިކޭޝަނަށް ފެތޭ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އިން ފަހުން ފޮނުވި 10 ވެންޓިލޭޓަރު، ހެލްތު މިނިސްޓްރީން އެދުނު ސްޕެސިފިކޭޝަނަށް ފެތޭ ކަމަށް އެ މިނިސްޓްރީން މިއަދު ބުނެފި އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ އުސްމާން ވިދާޅުވީ މިދިޔަ ހަފުތާގައި ލިބުނު ޕޯޓަބަލް 10 ވެންޓިލޭޓަރު ބަރާބަރަށް މަސައްކަތް ކުރޭތޯ ބަލާފައިވާ ކަމަށެވެ. ކުރިން ފޮނުވި ވެންޓިލޭޓަރުތަކާ ޚިލާފަށް ހުރިހާ ކަމެއް ވެސް ރަނގަޅު ކަމުގެ ޔަގީންކަން އޭނާ ދެއްވި އެވެ.

މި 10 ވެންޓިލޭޓަރު ފޮނުވީ ހެލްތު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމުގެ ދަށުން ކުރިން ރާއްޖެ ފޮނުވި، ފަރުވާ އަށް ކަމުނުދާ ވެންޓިލޭޓަރުތަކުގެ ބަދަލުގަ އެވެ. އެގްޒެކިއުޓާސް އިން ކުރިން ފޮނުވީ ހެލްތު މިނިސްޓްރީން ހުށަހެޅި ސްޕެސިފިކޭޝަނަށް ނުފެތޭ 10 ވެންޓިލޭޓަރެވެ. ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ނިންމީ ފަރުވާ އަށް އެ ބޭނުން ނުކުރުމަށެވެ.

ވެންޓިލޭޓަރު ހޯދަން އެގްޒެކިއުޓާސްއާ އެކު ހެލްތު މިނިސްޓްރީން އެއްބަސްވީ 34 މިލިއަން ރުފިޔާ އަށެވެ. މީގެ ތެރެއިން 30 މިލިއަން ރުފިޔާ އެ ކުންފުންޏަށް އެޑްވާންސްގެ ގޮތުގައި ދޫކުރީ ބޭންކު ގެރެންޓީއަކާ ނުލަ އެވެ. މިއީ، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގާފައިވާ އޮތް ކަމަކަށް ވާތީ ތަހުގީގު ކުރަން އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވަނީ ލަފާ ދެއްވައިފަ އެވެ.

އެގްޒެކިއުޓާސް އިން 65 އައިސީޔޫ ވެންޓިލޭޓަރު އަދި ރާއްޖެ ފޮނުވަން ޖެހެ އެވެ. އެ ވެންޓިލޭޓަރުތައް ހޯދަން އެ ކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ތާރީޚެއް އަދި ނުލިބޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ ޑިރެކްޓަރު ޖެނެރަލް ތަސްލީމާ: ކުރީގެ 10 ވެންޓިލޭޓަރުގެ ބަދަލުގައި ދުބާއީގެ ކުންފުނިން ފަހުން ފޮނުވި ވެންޓިލޭޓަރުތައް ހެލްތު މިނިސްޓްރީން ބޭނުންވާ ސްޕެސިފިކޭޝަނަށް ފެތޭ ކަމަށް ވިދާޅުވި.---ފައިލް ފޮޓޯ: މިހާރު

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވް ނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ. އެކަމަކު އެ ކުންފުނިން ބުނި ގޮތަށް ގުދަނުގައި ވެންޓިލޭޓަރުތައް ހުރިތޯ ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ޗެކެއް ނުކުރެ އެވެ.

އެގްޒެކިއުޓާސް އިން 65 އައިސީޔޫ ވެންޓިލޭޓަރު އަދި ރާއްޖެ ފޮނުވަން ޖެހެ އެވެ. އެ ވެންޓިލޭޓަރުތައް ހޯދަން އެ ކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށާއި ތާރީޚެއް އަދި ނުލިބޭ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.

އޮޑިޓުގައި ދެން ފާހަގަކޮށްފައި ވަނީ ޑަބްލިއުއެޗްއޯގެ ނަމުގައި އޮޅުވައިލުމެވެ. އެގްޒެކިއުޓާސް ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވާ ވާހަކަ އޮޑިޓް ރިޕޯޓުގައި ދޮގުކޮށްފައި އޮތަސް އޭނާ ވިދާޅުވަނީ އެ ޖަމާއަތާ އެކު ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށެވެ.

ފިނޭންސް މިނިސްޓްރީގެ ހުއްދައާ އެކު އެންމެ ކުރު މަގަކުން ވެންޓިލޭޓަރު ހޯދަން މަޖުބޫރުވީ ކޮވިޑުގެ ނުރައްކާތެރި ހާލަތުން ރައްޔިތުންގެ ފުރާނަ ސަލާމަތްކުރުމުގެ ފަރުވާ އަށް ބޭނުންވާ ވަސީލަތްތައް ހަމަކުރަން ކުރި މަސައްކަތުގެ ހާސްކަމުގެ ތެރޭގައި ކަަމަށް ވެސް ވިދާޅުވެ އެވެ. އެކަމަކުގައި ކޮރަޕްޝަނެއް، ނުފޫޒެއް ނޯންނާނެ ކަމަށް ވިދާޅުވެ ތަހުގީގަށް ފުރުސަތު ދެއްވަން އޭނާ ވަނީ މަސައްކަތުން އަމިއްލަ އަށް އެކަހެރިވެވަޑައިގެންފަ އެވެ. ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީ ރައީސް އޮފީހުން ސަސްޕެންޑްކުރީ އެވެ.

މި މައްސަލައިގައި ފުލުހުންނާއި އޭސީސީގެ ތަހުގީގެއް ކުރިއަށް އެބަދެ އެވެ.