Roadha Mihaaru
ވެންޓިލޭޓަރުތަކުގެ މައުލޫމާތު އެގްޒެކިއުޓާސްއިން ނުދިން!

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އެގްޒެކިއުޓާސްއިން ވާހަކައެއް ނުދެއްކި!

02 ސެޕްޓެމްބަރ 2020

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ރާއްޖޭގެ ހެލްތު މިނިސްޓްރީއާ އެކު އެއްބަސްވެ، އެޑްވާންސަށް 30 މިލިއަން ރުފިޔާ ދީފައިވާ އިރު އެ ތަކެތި ރާއްޖެ ނުލިބި ލަސްވަމުންދާ މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ވާހަކައެއް ނުދެއްކި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ރާއްޖޭގެ ހެލްތު މިނިސްޓްރީއާ އެކު އެއްބަސްވެ، އެޑްވާންސަށް 30 މިލިއަން ރުފިޔާ ދީފައިވާ އިރު އެ ތަކެތި ރާއްޖެ ނުލިބި ލަސްވަމުންދާ މައްސަލައިގައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއިން ވާހަކައެއް ނުދެއްކި އެވެ.

އެ ކުންފުންޏާ އެކު އެއްބަސްވީ 10 ޕޯޓަބަލް އަދި 65 އައިސީޔޫ ވެންޓިލޭޓަރު ހޯދާށެވެ. މުޅި މި ޕްރޮޖެކްޓުގެ އަގަކީ 34 މިލިއަން ރުފިޔާ ނަމަވެސް އެޑްވާންސަށް 30 މިލިއަން ދޫކުރަން މި ކުންފުނިން އެދުނީ ވެންޓިލޭޓަރުތައް ޝިޕްކުރެވޭ ހާލަތުގައި ގުދަނުގައި ހުރި ކަމުގެ ޔަގީންކަން ހެލްތު މިނިސްޓްރީ އަށް ދީގެންނެވެ.

ހެލްތު މިނިސްޓްރީއާ ހަވާލާދީ، އޮޑިޓް ރިޕޯޓުގައިވާ ގޮތުގައި ޕްރޮޖެކްޓުގެ 90 ޕަސެންޓަށް ވާ ފައިސާ އެޑްވާންސްކޮށް އެގްޒެކިއުޓާސް އަށް ދޫކުރީ އެޑްވާންސް ޕޭމަންޓް ގެރެންޓީ ހޯދަން ވަގުތު ނަގާނެތީ އާއި ވެންޓިލޭޓަރުތައް ވަކި މުއްދަތެއްގެ ތެރޭގައި ރިޒާވްނުކޮށްފި ނަމަ އެ ނުލިބޭނެތީ އެވެ. ވެއާހައުސް ޗާޖުގެ ގޮތުގައި ކޮންމެ ދުވަހަކު 25،000 ޑޮލަރު އެގްޒެކިއުޓާސް އިން ދައްކަން ޖެހޭ ކަމަށް އެ ކުންފުނިން ބުނި ކަމަށް ވެސް އޮޑިޓުގައިވެ އެވެ.

ވެންޓިލޭޓަރުތައް ގެންނަން މި ކުންފުންޏާ އެކު އެއްބަސްވިތާ ފަސް މަސް ވެފައިވާ އިރު މިހާތަނަށް ފޮނުވީ އެންމެ 10 ވެންޓިލޭޓަރެވެ. އެ ތަކެތި ވެސް ބޭނުމެއް ނުކުރެވެ އެވެ.

އެހެންވެ ހަވާލުވާން ދެކޮޅު ހަދައި ހެލްތު މިނިސްޓްރީން އެދުނީ އެ ކުންފުނީގެ އަތުގައި ހުރި ކަމަށް ބުނެ ކޯޓޭޝަން ފޮނުވި އަދި އެއްބަސްވި ސްޕެސިފިކޭޝަނަށް ފެތޭ ވެންޓިލޭޓަރުތައް ފޮނުވައިދޭށެވެ. އެ ތަކެތި މިދިޔަ މަހުގެ 30 ގައި ފޮނުވާނެ ކަމުގެ ޔަގީންކަން ދީފައި އޮތް ނަމަވެސް އެ ތާރީޚުގައި ވެސް ނުލިބުނެވެ. އެންމެ ފަހުން ހެލްތު މިނިސްޓްރީ އަށް މައުލޫމާތު ދީފައި ވަނީ 10 ވެންޓިލޭޓަރު ޝިޕްކުރަން ބަޔަކާ ހަވާލުކޮށްފައިވާ ކަމަށެވެ.

ވެންޓިލޭޓަރުތައް ނުލިބި ލަސްވަމުންދާ މައްސަލައިގައި އެގްޒެކިއުޓާސްގެ ވެރިޔާ ޑރ. އަލީ އަލް ތަހްމަތީ އަށް "މިހާރު"ން ރޭ ގުޅައި ތަފްސީލަށް އެދުމުން ކުރެއްވީ ސުވާލެކެވެ. އޭނާ އެއްސެވީ ވެންޓިލޭޓަރު އެއްބަސްވުމާ ގުޅޭ ގޮތުން އޭނާ އާއި އެ ކުންފުނިން މައުލޫމާތު ހޯދަން ޖެހޭ ސަބަބަކީ ކޮބައިތޯ އެވެ. ދެން ވިދާޅުވީ ތި މައުލޫމާތު ހޯދަން ޖެހޭނީ ރާއްޖޭގެ ހެލްތު މިނިސްޓްރީން ކަމަށެވެ.

ވެންޓިލޭޓަރުތައް ނުލިބި ލަސްވުމަކީ ރާއްޖޭގައި ކަންބޮޑުވުން އޮތް މައްސަލައެއް ކަމަށް ދެންނެވުމުން ވިދާޅުވީ "އެއްބަސްވުމާ ގުޅޭ ގޮތުން ވާހަކަ ދައްކަން މިނިސްޓްރީގެ ހުއްދައެއް ނެތް" ކަމަށެވެ. މިހެން ވިދާޅުވެ އިތުރަށް އެއްވެސް ސުވާލަކަށް ޖަވާބު ދެއްވަން ވެސް އޭނާ ބޭނުމެއް ނުވި އެވެ.

ހެލްތު މިނިސްޓްރީން އެންމެ ފަހުން ބުނެފައި ވަނީ 10 ވެންޓިލޭޓަރު ޝިޕްކުރަން ހަވާލުކޮށްފައިވާ ކަމަށް ބުނި ނަމަވެސް ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ދުވަހެއްގެ ޔަގީންކަން އަދި ދީފައި ނުވާ ކަމަށެވެ. އެކަމަކު އެ ވެންޓިލޭޓަރުތަކާ ގުޅޭ ގޮތުން ވެސް ކުންފުންޏާ ވާހަކަ ދައްކަމުން އަންނަ ކަމަށެވެ. އެއްބަސްވުމެއް އޮއްވައި އަދި މިގޮތަށް މުއާމާލާތު ކުރަނިކޮށް ވެންޓިލޭޓަރުތައް ނުލިބޭނެ ކަމަށް ނުނިންމޭނެ ކަމަށް ވެސް ހެލްތު މިނިސްޓްރީން ވަނީ ބުނެފަ އެވެ.

ވެންޓިލޭޓަރުތައް ފޮނުވައިދޭން ހަވާލުވި މި ކުންފުނީގެ ވިޔަފާރި ނުވަތަ ކުރާ މަސައްކަތާ ބެހޭ ތަފްސީލެއް ވެބްސައިޓާއި ފޭސްބުކް ޕޭޖުން ވެސް ނުލިބުނެވެ. ވެންޓިލޭޓަރު އެއްބަސްވުމުގެ އެޑްވާންސް ފައިސާ ތަހުމަތީގެ އެކައުންޓަށް ފޮނުވަން އެދުނު މައްސަލަ ވެސް އޮތީ ފެންމަތިވެފަ އެވެ. ފިނޭންސް މިނިސްޓްރީން އެކަމަށް ދެކޮޅު ހެދުމުން ފަހުން ފައިސާ ޖަމާކުރީ ކުންފުނީގެ އެކައުންޓަށެވެ.

ވެންޓިލޭޓަރުތައް ފޮނުވައިދޭން ހަވާލުވި މި ކުންފުނީގެ ވިޔަފާރި ނުވަތަ ކުރާ މަސައްކަތާ ބެހޭ ތަފްސީލެއް ވެބްސައިޓާއި ފޭސްބުކް ޕޭޖުން ވެސް ނުލިބުނެވެ.

ކޮވިޑްގެ ފަރުވާ އަށް ކޮންމެހެން ވެސް ވެންޓިލޭޓަރުތަކެއް އަވަހަށް ބޭނުންވެގެން ހެލްތު މިނިސްޓްރީން ކުރި މަސައްކަތުގައި ދުބާއީގެ ކުންފުނީގެ ނަން ދިނީ ޑަބްލިއުއެޗްއޯ އިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވެ އެވެ. ޑަބްލިއުއެޗްއޯގެ ރެޕްރެޒެންޓޭޓިވް އަރުވިންދު މާތުރާ އެކު މިކަމުގައި ހިންގެވީ ރަސްމީ މުއާމަލާތެއް ކަމަށް މިނިސްޓަރު ވިދާޅުވި ނަމަވެސް އޮޑިޓް ރިޕޯޓުގައި ބުނެފައި ވަނީ ދުބާއި ކުންފުންޏަކީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ހޮވި ކުންފުންޏެއް ނޫން ކަަމަށް އެ ޖަމާއަތުން ބުނެފައިވާ ކަމަށެވެ.

ވެންޓިލޭޓަރު ހޯދުމުގައި ގޯސްތަކެއް ހިނގާފައިވާ ކަމަށް އޮޑިޓުގައި ތުހުމަތު ކުރުމުން އޭސީސީ އާއި ފުލުހުން ގުޅިގެން އަންނަނީ ތަހުގީގެއް ހިންގަމުންނެވެ. މި ތަހުގީގު ހިނގަނިކޮށް، އަމިއްލަ އަށް މަސްއޫލިއްޔަތުން އެކަހަރިވެވަޑައިގެން ހުންނެވި ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ސަސްޕެންޑްކޮށްފައިވާ ހެލްތު މިނިސްޓްރީގެ ފައިނޭންޝަލް ކޮންޓްރޯލަރާއި ބިޑް ކޮމިޓީ މާލިއްޔަތު ކޮމިޓީ އަށް ހާޒިރުކުރުމުން އެ ބޭފުޅުން ވިދާޅުވީ ގަވާއިދާއި ގާނޫނާ ޚިލާފަށް ނާޖާއިޒު އެއްވެސް މަންފާއެއް ހޯދައިދިނުމުގެ އަމަލެއް ހިންގާފައި ނޯންނާނެ ކަމަށެވެ. ތިން ކުންފުންޏާ އެކު އެއްބަސްވީ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ދެއްވި ހުއްދައާ އެއްގޮތަށް، ކޮވިޑް-19ގެ މަސައްކަތުގައި ހިމެނުނު ދައުލަތުގެ ހުރިހާ މުއައްސަސާތަކަށް އެނގިގެން ކަމަށެވެ. އެކަމަކު އަމީރު ވިދާޅުވެފައި ވަނީ ގަވާއިދާ ޚިލާފަށް އަމަލުކުރަން ހުއްދައެއް ދެއްވާފައި ނޯންނާނެ ކަަމަށެވެ.