Roadha Mihaaru
ކުންފުނި ހޮވީ އަމީނާއި އަރްވިންދުގެ މަޝްވަރާގެ މަތިން

އެގްޒެކިއުޓާސް ހޮވީ މިނިސްޓަރު އަމީނާއި ޑރ. އަރްވިންދުގެ މަޝްވަރާގެ މަތިން: އޮޑިޓަ ޖެނެރަލް

18 އޯގަސްޓް 2020

ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ހޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މަޝްވަރާ ކުރައްވައިގެން ކަމަށާއި ނަމަވެސް މިކަމުގައި ޑަބްލިއުއެޗްއޯއާ އެކު ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެންޓިލޭޓަރު ގެންނަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ހޮވީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު ޑރ. އަރްވިންދު މާތުރު މަޝްވަރާ ކުރައްވައިގެން ކަމަށާއި ނަމަވެސް މިކަމުގައި ޑަބްލިއުއެޗްއޯއާ އެކު ރަސްމީ އެއްވެސް މުއާމަލާތެއް ނުހިނގާ ކަމަށް މާލިއްޔަތު ކޮމިޓީގައި އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ފަރުވާ އަށް 145 ވެންޓިލޭޓަރު ހޯދުމާ ގުޅޭ ގޮތުން ކުރި ޚާއްސަ އޮޑިޓުން ވަނީ މަކަރާއި ހީލަތްތަކެއް ފަޅާއަރައިފަ އެވެ. ވަކި ބަޔަކަށް ފައިދާވާ ގޮތަށް، މާލިއްޔަތު ގަވާއިދާ ޚިލާފަށް ހިންގި ކަންކަމުގެ ތަފްސީލު ހޯދަން އޮޑިޓަ ޖެނެރަލް ހާޒިރުކޮށް، މާލިއްޔަތު ކޮމިޓީގެ މެމްބަރުން ވަނީ ގިނަ ސުވާލުތަކެއް އޮޑިޓާ ގުޅިގެން މިއަދު ކުރައްވައިފަ އެވެ.

ވެންޓިލޭޓަރުތައް ހޯދަން ހަވާލުކުރި ގޮތް ގޯސްކަން އޮޑިޓުން ފެންނަން އޮތް ކަން ފާހަގަކުރައްވައި، ކިނބިދޫ ދާއިރާގެ ޖުމްހޫރީ ޕާޓީގެ މެމްބަރު އަބްދުﷲ ރިޔާޒު ސުވާލު ކުރެއްވީ އެގްޒެކިއުޓާސް ޖެނެރަލްގެ ފެށުމަކީ ނުވަތަ އެއީ ކޮން ގޮތަކަށް ރާއްޖޭގެ ހެލްތު މިނިސްޓްރީއާ ހަމައަށް އައި ކުންފުންޏެއްތޯ އޮޅުން ފިލުއްވުމަށެވެ. އޭނާގެ ކުރެއްވި ހަ ސުވާލުގެ ތެރޭގައި، މަސްއޫލިއްޔަތުތަކުން އަމިއްލަ އަށް އެކަހެރިވެވަޑައިގެން ހުންނެވި ޖުމްހޫރީ ޕާޓީގެ ނައިބު ރައީސް މިނިސްޓަރު އަމީންގެ އެއްވެސް ދައުރެއް އެކަމުގައި އޮތްތޯ ވެސް އެއްސެވި އެވެ. ރިޔާޒު ދެން އޮޅުންފިލުއްވަން ބޭނުންވީ، 75 ވެންޓިލޭޓަރު ގެންނަން އެގްޒެކިއުޓާސް ހޮވީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން ކަމަށް ތަކުރާރުކޮށް ހެލްތު މިނިސްޓްރީން ބުނެފައިވާތީ، އެ މަޝްވަރާތައް ކުރެވިފައި ވަނީ ކޮން ލެވެލެއްގައި ކިހާ މިންވަރަކަށްތޯ ބެއްލެވުމަށެވެ.

ކޮމިޓީގައި އޮޑިޓަ ޖެނެރަލް ޒިޔަތު ވާހަކަ ދައްކަވަނީ: --ފޮޓޯ/މިހާރު

ކޮމިޓީގައި އޮޑިޓަ ޖެނެރަލް ޒިޔަތު ވާހަކަ ދައްކަވަނީ: --ފޮޓޯ/މިހާރު

ޕާފޯމަންސް އާއި އެޑްވާންސް ގެރެންޓީ ނުދެނީސް މާލިއްޔަތު ގަވާއިދާ ޚިލާފަށް، އެއްބަސްވުމުގެ އަގަށްވާ 90 ޕަސެންޓް (30 މިލިއަން ރުފިޔާ) ދެ ފަހަރެއްގެ މަތިން އެ ކުންފުންޏަށް ޖަމާކުރުމުގައި ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ޒިންމާ އަދާކުރައްވާފައިވޭތޯ ނުވަތަ ނިޒާމު އޮތީ އެންމެ ބަޔަކު ބޭނުންވާ ގޮތަށް ފައިސާ ދޫކުރެވޭހާ ބަލިކަށިކޮށްތޯ ވެސް ރިޔާޒު ސުވާލު ކުރެއްވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވީ، އެގްޒެކިއުޓާސްގެ މުއާމަލާތް ފެށި ކުންފުނި ހޮވީ މިނިސްޓަރު އަމީން އާއި ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މަޝްވަރާ ކުރައްވައިގެން ކަމަށް ފިނޭންސް މިނިސްޓްރީގެ ފައިނޭންސް އެގްޒެކެޓިވަށް ހެލްތު މިނިސްޓްރީން ފޮނުވާފައިވާ ލިއުމެއްގައި އެބައޮތް ކަމަށެވެ. ހެލްތުގެ އިންޓާނަލް މެމޯތަކުގައި ވެސް ލިއެފައި ވަނީ މިނިސްޓަރު ޑަބްލިއުއެޗްއޯއާ މަޝްވަރާ ކުރައްވައި ސަޕްލަޔަރަކު ކަނޑައެޅިގެން ކުރިއަށް ގެންދާ ކަމެއްގެ ގޮތުގައި ކަަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް ވެސް [ހެލްތު މިނިސްޓްރީގެ] ޑޮކިއުމެންޓް ބަލާއިރު ހީވޭ ޑަބްލިއުއެޗްއޯ ވަރަށް ބޮޑަށް އިންވޯލްވެފައި އޮތޭ. މަޖިލީހަށް ހުށަހެޅި ލިއުމުގައި ވެސް އެބައޮތް ރާއްޖޭގެ ޑަބްލިއުއެޗްއޯ އާއި ދުބާއީގެ ޑަބްލިއުއެޗްއޯ މެދުވެރިވެގެންނޭ. އެކަމަކު ޑަބްލިއުއެޗްއޯގެ ރަސްމީ އެއްވެސް ލިޔެކިޔުމެއް ނެތޭ. އެހެންވެ އަޅުގަނޑުމެން މި ދަންނަވަނީ އިތުރަށް ތަހުގީގު ކުރަން އެބަޖެހެއޭ މިނިސްޓަރުގެ އިންވޯލްމަންޓަކީ ކޮބައިތޯ ބަލަން،" ޑަބްލިއުއެޗްއޯގެ ދައުރެއް ނެތް ކަަން ތަކުރާރުކުރައްވައި އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ކޮމިޓީގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޓީގައި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް ވާހަކަ ދައްކަވަނީ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އެގްޒެކިއުޓާސް ހޮވުމުގައި ޑަބްލިއުއެޗްއޯގެ ދައުރު އޮތީ ކިހާވަރަކަށްތޯ އާއި އެ ކުންފުންޏަށް އެ މަސައްކަތް ހަވާލުކުރުމުގައި އޮޅުވައިލުމާއި މަކަރު ހިމެނޭތޯ ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް ވެސް އެއްސެވުމުން އޮޑިޓަ ޖެނެރަލް ވިދާޅުވީ، ޑަބްލިއުއެޗްއޯގެ އެއްވެސް އޮފީހަކާ އެކު ވާހަކަ ނުދެއްކެވެނީސް އެ މުއާމަލާތް ހިނގި ކަމަށް ހެލްތު މިނިސްޓްރީން އޮތީ ފިނޭންސް މިނިސްޓްރީ އަށް އަންގާފައި ކަމަށެވެ.

ފިނޭންސް މިނިސްޓްރީ އަށް ހެލްތު މިނިސްޓްރީން މާޗް، 30 ގައި ފޮނުވި ސިޓީގައި، ދުބާއީގެ ކުންފުންޏަކުން އަގު ހޯދާފައިވާ ކަމަށާއި އެއީ ޑަބްލިއުއެޗްއޯގެ މަޝްވަރާގެ މަތިން އެ އިދާރާ އަށް އިމަޖެންސީ ޕްރިފެއާޑްނެސްގެ ދަށުން ތަކެތި ސަޕްލައިކުރަން އެކަށީގެންވާ ކުންފުންޏެއް ކަމަށް ބުނެފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ. އެކަމަކު ހެލްތު މިނިސްޓްރީ އާއި ޑަބްލިއުއެޗްއޯގެ މުއާމަލާތެއް ހިނގީ އޭގެ އެއް ދުވަސް ފަހުން، މާޗް، 31، 2020 ގަ އެވެ. އެއީ ރާއްޖޭގައި ހުންނަ ޑަބްލިއުއެޗްއޯ އޮފީހުގެ މުވައްޒަފަކު ހެލްތު މިނިސްޓްރީ އަށް ފޯވާޑުކުރި އީމެއިލެއް ކަމަށާއި އެއީ ރަސްމީ ލިއުމެއް ނޫން ކަަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

ކޮމިޓީގައި މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޓީގައި މާލިއްޔަތު ކޮމިޓީގެ ބައެއް މެމްބަރުން. --ފޮޓޯ: ނިޝާން އަލީ/މިހާރު

"ފުރަތަމަ ފިނޭންސަށް ސިންގަލް ސޯސްކޮށް ހަވާލުކުރަން ހުށަހެޅިއިރު ވެސް އަޅުގަނޑުމެންނަށް ފާހަގަވީ މީގައި އޮޅުވާލުންތަކެއް ހުރި ކަމަށް. އެހެންވެ އިތުރަށް ބަލަން ބޭނުންވެގެން އަޅުގަނޑުމެން ކޮމިއުނިކޭޓްކުރީ ރާއްޖޭގައި ހުންނަ ރީޖަނަލް ކަންޓްރީ އޮފީހާ. އެ ބޭފުޅުން ވަރަށް ސާފުކޮށް އެބައޮތް ބުނެފައި ތިމަންނަމެން ޕްރޮފެޝަނަލް ކޮންޓެކްޓެކޭ ޝެއާ ކުރީ. ތިމަންނަމެން ޑީލްކުރި ފަރާތެއް ނޫނޭ އެގްޒެކިއުޓާސްއަކީ. އެ ދިން ކޮންޓެކްޓަކީ މީހެއްގެ ނަމޭ. އެވެސް އެ ބޭފުޅުންގެ ތެރޭގައި އޮތް ނަމެއް ފޯވާޑްކޮށްލަނީ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"އެއްވެސް ވަރަކަށް ލިޔެކިޔުމުން ހެލްތު މިނިސްޓްރީން ޑަބްލިއުއެޗްއޯގައި ރިކުއެސްޓް ވެސް ކޮށްފައެއް ނެތް ދަތިވެގެން އުޅޭ ކަމާއި ވެންޓިލޭޓަރު ހޯދަން އެހީވެދޭން."

ބިޑް ކޮމިޓީ އަށް ފޮނުވީ އެގްޒެކިއުޓާސް ހޮވާފައި!

އޮޑިޓަ ޖެނެރަލް ކޮމިޓީގައި ފާޅުކުރެއްވި އެއް ކަންބޮޑުވުމަކީ، މާލިއްޔަތު ގަވާއިދާ އެއްގޮތަށް ހެލްތު މިނިސްޓްރީގެ ބިޑް ކޮމިޓީން ކުރިއަށް ގެންދަން ފިނޭންސް މިނިސްޓްރީން ދިން ހުއްދައާ ޚިލާފަށް އެ ކޮމިޓީ އަށް ދިއުމުގެ މާ ކުރިން ވެންޓިލޭޓަރުތައް ގެންނަން އެގްޒެކިއުޓާސް ހޮވާފައި އޮތުމެވެ. ބިޑް ކޮމިޓީ އަށް ފޮނުވި މެމޯގައި، އެގްޒެކިއުޓާސްގެ ނަން ފާހަގަކޮށްފައި އޮތީ ހެލްތު މިނިސްޓަރާއި އަރުވިންދުގެ މަޝްވަރާގެ މަތިން ކަމަށް ބުނެފައިވާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"ދެ ބޭފުޅުން މަޝްވަރާކޮށް ސެލެކްޓް ކުރެވިފައި އިން ފަރާތެކޭ. މާނައަކީ ބިޑް ކޮމިޓީ އަށް ދިޔައިރު ވެސް މިއޮތީ ބަޔަކު ސެލެކްޓް ކުރެވިފައޭ،" އޭނާ ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި މާލީ އަދި ފަންނީ ގާބިލްކަން ނުބަލައި، މީގެ ކުރިން ސަރުކާރާ އެކު އެއްވެސް ވިޔަފާރިއެއް ހިންގާފައި ނުވާ ކުންފުންޏަކަށް ވެންޓިލޭޓަރު ގެންނަން ހަވާލުކުރުމުގައި ބިޑް ކޮމިޓީގެ އިހުމާލު ވަރަށް ބޮޑެވެ. މާލީ ޒިންމާދާރުވެރިޔާގެ ވެސް އިހުމާލު ބޮޑު ކަމަށާއި އޭނާ ބަލަން ޖެހޭ ބެލުންތައް ނުބަލާ ކަމަށް އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

"ބިޑް ކޮމިޓީގެ ޒިންމާތަކާއި މާލީ ޒިންމާދާރުވެރިޔާގެ ޒިންމާތައް ލިއެވިފައި އެބަހުރި. އެހެންވެ އަޅުގަނޑުމެން މި އެންގީ އިތުރަށް ތަހުގީގުކޮށް މިކަންކަން ބަލަން. ކޮން ބޭފުޅެއްގެ ރިކުއެސްޓަކަށްތޯ މިހާ އަވަހަށް [ދެ ދުވަހުގެ ތެރޭގައި] މިކަން މިކުރީ،" އޮޑިޓަ ޖެނެރަލް ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު (ވ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލެއް ކަމަށް ނިޔާޒް، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު (ވ) އާއި އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އިސް އޮފިޝަލެއް ކަމަށް ނިޔާޒް، މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި.---ފޮޓޯ: ނިޝާން އަލީ/މިހާރު

އޭނާ ވިދާޅުވީ ބިޑް ކޮމިޓީ އާއި މާލީ ޒިންމާދާރުވެރިޔާ މަސްއޫލިއްޔަތު އަދާނުކުރާކަން ވަރަށް ސާފު ކަމަށެވެ. ތަހުގީގުކޮށް ބަލަން ޖެހިފައި އޮތީ މިނިސްޓަރުގެ އިހުމާލު އޮތީ ކިހާވަރަށްތޯ ކަމަށާއި އެއީ އޮޑިޓް އޮފީހުގެ ޒިންމާއެއް ނޫން ކަން ފާހަގަކުރެއްވި އެވެ.

ފިނޭންސް މިނިސްޓަރުގެ ގޯހެއް ނެތް

މާލިއްޔަތު ގަވާއިދާ އެއްގޮތަށް ގެންދާށޭ ވިދާޅުވުން ފިޔަވައި ފިނޭންސް މިނިސްޓަރުގެ ޒިންމާއެއް ނެތްތޯ ރިޔާޒުގެ އިތުރުން ވިލުފުށީ ދާއިރާގެ އެމްޑީޕީގެ މެމްބަރު ހަސަން އަފީފް ވެސް އެއްސެވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވީ މާލިއްޔަތު ގަވާއިދުގެ ދަށުން ނިޒާމު ހިނގަމުން އަންނަ ގޮތުން މާލީ ޒިންމާދާރުވެރިންނަށް އޮތީ ބާރުތަކެއް ދީފައި ކަަމަށެވެ. ކޮންމެ ޕޭމަންޓެއް ފިނޭންސް މިނިސްްޓްރީން ބަލައި އެޕްރޫވް ނުކުރާ ކަމަށެވެ. އެކަމަކު މި ކަހަލަ ބޮޑު އަދަދެއް ދާއިރު ފިނޭންސް މިނިސްޓަރުގެ ޒިންމާއާ މެދު ސުވާލު އުފެދިދާނެ ކަން ފާހަގަކުރައްވައި ވިދާޅުވީ، މިހާރު އޮންނަ ގޮތުން ޕެންޑަމިކެއް ފަދަ ހާލަތެއްގައި ކިތަންމެ ބޮޑު އަދަދަކަށް ގަވާއިދާ އެއްގޮތަށް ފައިސާ ދޫކުރުމުގެ އިޚްތިޔާރު މިނިސްޓަރަށް ދެވިދާނެ ކަމަށެވެ.

"ފިނޭންސް މިނިސްޓަރު އަމަލުކޮށްފައި އޮތީ ސިޓީގައި ވެސް ފެންނަ ގޮތުގައި އެދިވަޑައިގަތީ މާލިއްޔަތު ގަވާއިދުގެ ތެރެއިން ބިޑް ކޮމިޓީ މެދުވެރިކޮށް އެކަންކަން ކުރަން. އެއްގޮތަކަށް ވެސް ވިދާޅެއް ނުވޭ ގެރެންޓީ ނެތި ކުރިއަށް ގެންދާށޭ. ފިނޭންސް މިނިސްޓަރު މީގައި ގޯހެއް ހަދަފައިވާ ކަމަކަށް މި އޮޑިޓުގެ ތެރެއިން ފާހަގައެއް ނުކުރެވޭ،" އޮޑިޓަ ޖެނެރަލް ހަސަން ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވީ، އެކަމަކު މިފަދަ ހާއްސަ ހާލަތްތަކުގައި، ބަލަން ޖެހޭނެ ކަމަށާއި މިއަށް ވުރެ ހަރުދަނާކުރަން ފެނިވަޑައިގަންނަވާ ކަމަށެވެ. އެގޮތުން ވަކި އަދަދަކަށް ވުރެ ބޮޑުކޮށް ފައިސާ ދޫކުރަން ވެއްޖެ ނަމަ އެކަން ބެލުމަށެވެ.

ތިން ކުންފުންޏާ އެކު ގެންނަން އެއްބަސްވި ވެންޓިލޭޓަރުތަކާއި ގެނައި ތަކެތި ދިމާ ނުވާތީ ވެސް މެމްބަރުން ކަންބޮޑުވުންފާޅުކުރެއްވި އެވެ.

ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަަސަން އަފީފާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ. --ފޮޓޯ: ނިޝާން އަލީ/މިހާރު

ކޮމިޓީގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ހަަސަން އަފީފާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބް އަބްދުﷲ. --ފޮޓޯ: ނިޝާން އަލީ/މިހާރު

އޮޑިޓު އޮފީހުން ބުނީ، ބްރޭންޑް އޮޅުވާލައިގެން ގެންނަން މަސައްކަތް ކޮށްފައިވާ ކަމަށާއި އެއީ އެކަން ކުރެވިގެންވާނެ ގޮތެއް ނޫން ކަމަށެވެ. ގެންނަން ޖެހޭނީ އެއްބަސްވި ބްރޭންޑްތައް ކަމަށް ވެސް ވިދާޅުވި އެވެ.

އޮޑިޓަ ޖެނެރަލް ވިދާޅުވި ގޮތުގައި އޮޑިޓުން ފާހަގަވި މައްސަލަތަކުގައި ޒިންމާއަދާކުރައްވަން ޖެހިވަޑައިގަންނަވާ ބޭފުޅުން މަގާމުން އެކަހަރި ކުރުމަކީ ސަރުކާރުން އެޅި ރަނގަޅު ފިޔަަވަޅެކެވެ. އެކަމަކު ދައުލަތުގެ ތެރޭގައި ހިނގާ ކޮރަޕްޝަން ހުއްޓުވައި މިނިވަންކަމާ އެކު ކަންކަން ކުރިއަށް ގެންދެވޭނީ މި ނިޒާމު ފުރިހަމަ ވާނީ ފިޔަވަޅު އެޅި ނަތީޖާ ނެރެވިގެން ކަމަށް ވިދާޅުވި އެވެ.