Roadha Mihaaru
ޑަބްލިއުއެޗްއޯގެ މުއާމަލާތުގެ ލިޔުން އެބަހުރި: އަމީން

ވެންޓިލޭޓަރު ގަންނަން ޑަބްލިއުއެޗްއޯއާ ކުރި މުއާމަލާތުގެ ލިޔުންތައް އެބަހުރި: އަމީން

20 އޮކްޓޯބަރ 2020

ވެންޓިލޭޓަރުތަކެއް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވާ ވާހަކަ މިއަދު ތަކުރާރުކުރައްވައި، އެ މުއާމަލާތްތަކުގެ ލިޔެކިޔުން ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ވެންޓިލޭޓަރުތަކެއް ގެންނަން ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ)ގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރީ ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ލަފާގެ މަތިން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވިދާޅުވާ ވާހަކަ މިއަދު ތަކުރާރުކުރައްވައި، އެ މުއާމަލާތްތަކުގެ ލިޔެކިޔުން ވެސް އެބަހުރި ކަމަށް އޭނާ ވިދާޅުވެއްޖެ އެވެ.

ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ނުލިބި ލަސްވާތީ ރައްޔިތުންގެ މަޖިލީހުގައި ސުވާލުކުރުމުން އަމީން ކުރިން ދެއްކެވި ވާހަކަތަކާ ގުޅިގެން މަޖިލީހުގެ އިމްތިޔާޒް ކޮމިޓީން މިހާރު ބަލަމުން އަންނަނީ މަޖިލީހުގައި އަމީން އިތުރުފުޅު ހެއްދެވި ކަމަށް ތުހުމަތު ކުރެވޭ މައްސަލައެކެވެ. އެއީ ވެންޓިލޭޓަރު ގެންނަން ދުބާއީ ކުންފުންޏާ ހަވާލުކުރީ ޑަބްލިޔުއެޗްއޯގެ ލަފަޔަކަށް ކަމަށް އަމީން ވިދާޅުވި ފަހުން، އޮޑިޓާ ޖެނެރަލް ހަސަން ޒިޔަތު ނެރުއްވި ރިޕޯޓެއްގައި އެ ވާހަކަ ދޮގުކުރައްވާފައި ވާތީ އެވެ.

އަމީންގެ މައްސަލަ ބަލަން އިމްތިޔާޒް ކޮމިޓީން އެކުލަވައިލި ސަބް ކޮމިޓީއަށް އޭނާ މިއަދު ހާޒިރުކޮށް ސުވާލު ކުރުމުން ވިދާޅުވީ ޑަބްލިއުއެޗްއޯ މުއާމަލާތް ކުރިކަން ސާބިތުކޮށްދެވޭނެ ލިޔެކިއުންތައް އެބަހުރި ކަމަށެވެ. އޭނާ ވިދާޅުވީ އެ ލިޔެކިއުންތައް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އަށް ވެސްް ހުށަހަޅުއްވާފައި ވާނެ ކަަމަށެވެ.

އަމީން ވިދާޅުވި ގޮތުގައި ރާއްޖޭގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބު އަރުވިންދު މާތޫރު ދެއްވި މައުލޫމާތު ހެލްތު މިނިސްޓްރީގެ މުވައްޒަފުންނާ ހިއްސާކުރެއްވުމުން އެ މުވައްޒަފުން އެ މައުލޫމާތު ކަށަވަރު ވެސް ކުރި ކަމަށެވެ. އެ މައުލޫމާތު ކަށަވަރުކުރުމަށް ހެލްތު މިނިސްޓްރީގެ މުވައްޒަފުން ޑަބްލިއުއެޗްއޯގެ ކަންޓްރީ އޮފީހަށް ދިޔަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑާ ދެކެވުނު ވާހަކަ އަށް ފަހުގައި ޑަބްލިއުއެޗްއޯ އިން ކޮށްްފައި ހުރި މުއާމަލާތްތައް، މިނިސްޓްރީން ދީފައިވާ އީމެއިލަށް ބަލާ ކަމަށްވާ ނަމަ އެ އީމެއިލްގައި މިވަނީ ޑަބްލިއުއެޗްއޯގެ ރަސްމީ ލިޔެކިއުންތަކުން. އަދި އެބޭފުޅުން ޑަބްލިއުއެޗްއޯގެ ކަމާ ބެހޭ ފަރާތްތަކާ ކޮށްްފައިވާ މުއާމަލާތްތަކުގެ ސަބްޖެކްޓްގެ ގޮތުގައި ވެސް އެ ބޭފުޅުން ވަނީ ޓޫ ހަންޑްރެޑް ވެންޓިލޭޓާސް ފޯ ދަ ހެލްތު ފެސިލިޓީސް އިން މޯލްޑިވްސް" އަމީން ވިދާޅުވި އެވެ.

ޑަބްލިއުއެޗްއޯގެ މަންދޫބާ ވާހަކަ ދައްކަވާފައި ވާނީ ހެލްތު މިނިސްޓަރުގެ ހައިސިއްޔަތުން ކަމަށާއި އެހެންވީމާ އެއީ ރަސްމީ ވާހަކަތަކެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެއީ އަމިއްލަ ކަމެއްގައި ފަރުދީ ގޮތުން ދައްކާފައިވާ ވާހަކައެއް ނޫން ކަމަށާއި އެ ހާލަތުގައި ފޯނުން ދެއްކެވި ވާހަކައެއް ނުވަތަ މެސެޖުން ދެއްކެވި ވާހަކައެއް ވިޔަސް އެއީ ރަސްމީ ވާހަކަތަކެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ސިޓީބިޓީތައް އެންމެ އެކަށީގެންވާ ގޮތުގައި ފޮނުވިފައި ނެތުމަކީ ޑަބްލިއުއެޗްއޯއާ ވާހަކަ ނުދެއްކުން ކަމަށް ބެލެވޭނެ ހެއްކެއް ނެތް،" އަމީން ވިދާޅުވި އެވެ.

އެކަމަކު ޑަބްލިއުއެޗްއޯއާ އެކު ބަދަލުކޮށްފައިވާ އީމެއިލްތަކުގެ ތަފްސީލު އާއްމުކޮށް ހުޅުވާލައިގެން ކުރިއަށް ގެންދާ ބައްދަލުވުމެއްގައި ހާމަކުރުމަކީ ރަނގަޅު ކަމެއް ނޫން ކަމަށް ވިދާޅުވެ، ބައްދަލުުން ސިއްރުކުރަން އަމީން އެދިވަޑައިގަތެވެ. އެކަމަކު ސަބް ކޮމިޓީގެ މެމްބަރުން ނިންމީ ސިއްރުކުރަން ޖެހޭ ވާހަކަތައް ފިޔަވައި އެހެން ވާހަކަތައް ދެއްކެވުމަށާއި ކޮމިޓީ ސިއްރު ނުކުރުމަށެވެ.

ޑަބްލިއުއެޗްއޯއާ ކުރި މުއާމަލާތްތަކުގެ ލިއެކިއުންތައް ހުރި އިރު، މުއަމާލާތެއް ނުކުރާ ކަމަށް އޮޑިޓް ރިޕޯޓްގައި އޮތް އޮތުމާ މެދު ވިދާޅުވާނީ ކީކޭތޯ މެމްބަރުން އަމީނާ ސުވާލު ކުރެއްވި އެވެ. ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު ޔާސިރު އަބްދުއް ލަތީފް ކުރެއްވި އެ ސުވާލަށް ޖަވާބު ދެއްވަމުން އަމީން ވިދާޅުވީ އޮޑިޓާ ޖެެނެރަލްގެ ވާހަކައާ ބެހޭ ގޮތުން އެއްޗެއް ވިދާޅުވެވެން ނެތް ކަމަށެވެ.

"އެހެން ނަމަވެސް އޮޑިޓާ ޖެނެރަލްގެ ރިޕޯޓާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތާ ކުރެވުނު ސުވާލުތަކާ ގުޅިގެން މިނިސްޓްރީ އޮފް ހެލްތުން ފޮނުވާފައިވާ މައުލޫމާތަށް ރިއާޔަތްކޮށްފައެއް ނެތް،" އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ކަމެއްގައި ގޮތެއް ނިންމާއިރު އެއްފަރާތުގެ ވާހަކައަށް ބަލައިގެން ގޮތް ނިންމުމަކީ ރަނގަޅުގޮތެއް ނޫން ކަމަށެވެ.

އެގްޒެކިއުޓާސް އަކީ ޑަބްލިއުއެޗްއޯ ރިކޮމެންޑެޑް ކުންފުންޏެއް ނޫން ކަމަށް ބުނާއިރު، އެ ކުންފުނީގެ ބްރޯޝާތައް ވެސް މިނިސްޓްރީ އަށް ފޮނުވީ ޑަބްލިއުއެޗްއޯ އިން ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި އަމީނާއި ހެލްތު މިނިސްޓްރީގެ އެހެން ބައެއް ބޭފުޅުންނަށް ދައުވާކުރަން އޭސީސީން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވި އެވެ. އެކަމަކު ޕީޖީން ނިންމީ އެ ބޭފުޅުންނަށް ދައުވާ ނުކުރުމަށެވެ.