Roadha Mihaaru

ވެންޓިލޭޓަރު މައްސަލަ މުރާޖައާކުރަން ޕީޖީ އަށް އަންގަން މަޖިލީހުން ފާސްކޮށްފި

ވެންޓިލޭޓަރުތަކެއް ގަންނަަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ތުުހުމަތުކުރެވޭ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވާތީ އެ ނިންމުން މުރާޖައާކުރަން އެދެން އެންގުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ވެންޓިލޭޓަރުމައްސަލަ މުރާޖައާކުރަން މަޖިލީހުން އަންގައިފި
މުހައްމަދު ނަސީމް
މުހައްމަދު ނަސީމް

02 ނޮވެމްބަރ 2020

ވެންޓިލޭޓަރުތަކެއް ގަންނަަން ޔޫއޭއީގެ ކުންފުންޏަކާ ހަވާލުކުރުމުގައި ހެލްތު މިނިސްޓްރީން ކޮރަޕްޝަނުގެ އަމަލުތަކެއް ހިންގާފައިވާ ކަަމަށް ތުުހުމަތުކުރެވޭ މައްސަލައިގައި އެއްވެސް މީހެއްގެ މައްޗަށް ދައުވާ ކުރެވެން ނެތް ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ނިންމާފައި ވާތީ އެ ނިންމުން މުރާޖައާކުރަން އެދެން އެންގުމަށް މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކުރީގެ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މިނިސްޓްރީގެ 11 މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާކޮށްދޭން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން އެދުނު މައްސަލަ ޕީޖީ އަނބުރާ ފޮނުވާލެއްވީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުށަހަޅާފައި ނުވާ ކަމަށް ވިދާޅުވެ އެވެ. އެކަމަކު، ވެންޓިލޭޓަރު ހޯދުމުގައި ތުހުމަތުކުރި މީހުން މަގާމުގެ ނުފޫޒު ބޭނުންކޮށް ދައުލަތަށް ގެއްލުންވި ކަމުގެ އެކަށީގެންވާ ހެކި ހުށަހެޅި ކަަމަށް ބުނެ އޭސީސީން ވެސް އޮތީ މައްސަލަ ރިވިއުކޮށްދޭން ޕީޖީ އޮފީހުގައި އެދިފަ އެވެ.

އެކަމުގައި ޚިލާފު އުފެދިފައިވާ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން އެ މައްސަލަ ބަަލަން އެދިވަޑައިގަތީ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދެވެ. އެކޮމިޓީން މައްސަލަ ބަލައި އެކުލަވައިލި ރިޕޯޓް މަޖިލީހުން މިއަދު ފާސްކުރި އިރު، އެ ރިޕޯޓްގައި އޮތީ ތިން ހުށަހެޅުމެކެވެ.

ރިޕޯޓުގައިވާ ފުރަތަމަ ހުށަަހެޅުމަކީ ތަހުގީގީ އިދާރާތަކުގައި ހުރި އެ މައްސަލައާ ބެހޭ މައުލޫމާތުތައް ޕީޖީ އޮފީހުން އެއްކުރުމެވެ. ދެވަނަ ހުށަހެޅުމަކީ އެގޮތަށް މައުލޫމާތު އެއްކުރުމަށް ފަހު ޕީޖީގެ ނިންމުން މުރާޖައާކުރުމެވެ. އަދި ތިން ވަނަ ހުށަހެޅުމަކީ އެކަމުގައި ނިންމާ ގޮތެއް މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީއަށް އެންގުމެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެ ރިޕޯޓް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 50 މެމްބަރުންގެ އިއްތިފާގުންނެވެ.

ޖުޑިޝަރީ ކޮމިޓީއަށް ފާހަގަކުރެވުނު ކަންތައްތައް

ކޮމިޓީއަށް ފާހަގަ ކުރެވުުނު ކަންތައްތަކުގެ ގޮތުގައި ރިޕޯޓުގައި އޮތް އެއް ކަމަކީ ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން މެދުވެރިކޮށް ވެންޓިލޭޓަރު ގަތުމުގެ ހުރިހާ މަރުހަލާތަކެއްގައި ވެސް ހެލްތު މިނިސްޓްރީން ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ގިނަ ގޯސްތަކެއް ހަދާފައިވާކަން ތަހުގީގު ރިޕޯޓުން އެނގެން އޮތް ކަމެވެ. ހެލްތު މިނިސްޓްރީން އަމަލުކޮށްފައި ވަނީ ދައުލަތުފެ ފައިސާއަށް ރައްކާތެރިވުމަށް އޮންނަ ގޮތްތައް އިޚްތިޔާރުކުރުމަށް ވުރެން ބޮޑަށް، ރައްކާތެރި ނުވެވޭނެ ގޮތްތަކަށް ކަން ފާހަގަވާ ކަމަށް ވެސް ރިޕޯޓުގައި ބުންޏެވެ.

މާލިއްޔަތު ގަވާއިދުގެ މަގްސަދަކީ، ދައުލަތުގެ ފައިސާ އަށް ރައްކާތެރިވުން ކަމަށްވާ އިރު، އެ މަގްސަދު ގެއްލޭ ގޮތަށް އެ ގަވާއިދުގެ އެއްވެސް މާއްދާއެއް މާނަ ނުކުރެވޭނެ ކަމަށް އޭސީސީން ބުނާ ބުނުމަށް ވެސް ކޮމިޓީގެ ރިޕޯޓުގައި ބާރުދީފައިވެ އެވެ.

އެގްޒެކިއުޓާސްއާ އެކު އެއްބަސްވި 75 ވެންޓިލޭޓަރުގެ ތެެރެއިން މިހާތަނަށް ލިބުނީ 10 ވެންޓިލޭޓަރެވެ. ބާކީ 65 ވެންޓިލޭޓަރު ފޮނުވާނެ ތާރީޚެއް އެ ކުންފުނިން އަންގައިފައެއް ނުވެ އެވެ.