Roadha Mihaaru
ވެންޓިލޭޓަރު މައްސަލައިގައި ދައުވާކުރާނެ ހެއްކެއް ނެތް

ވެންޓިލޭޓަރުތަކުގެ މައްސަލައިގައި ޖިނާއީ ދައުވާއެއް އެއްވެސް މީހަކަށް ކުރެވޭނެ ހެއްކެއް ނެތް: ޕީޖީ

20 އޮކްޓޯބަރ 2020

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ވެންޓިލޭޓަރުތައް ހޯދުމުގެ މައްސަލައިގައި ދައުވާ ނުކުރަން ނިންމީ ހެލްތު މިނިސްޓަރު އަބްދުﷲ އަމީނާއި އެ މައްސަލައިގައި ދެން ތުހުމަތުކުރި މީހެއްގެ މައްޗަށް ޖިނާއީ ދައުވާއެއް ކުރެވޭނެ ވަރުގެ އެއްވެސް ހެއްކެއް ނެތުމުން ކަމަށް ޕްރޮސިކިއުޓަ ޖެނެރަލް ހުސައިން ޝަމީމް މިއަދު ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19ގެ ފަރުވާ އަށް ވެންޓިލޭޓަރު ހޯދަން ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރުމުގައި އަމަލުކޮށްފައިވާ ގޮތް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ތަހުގީގުކޮށް، ހެލްތު މިނިސްޓަރު އަމީނާއި އެ މިނިސްޓްރީގެ އިސް ބައެއްގެ މައްޗަށް ދައުވާކޮށްދޭން ޕީޖީގައި އެދުނު މައްސަލަ ވަނީ އަނބުރާ ފޮނުވާލައިފަ އެވެ.

ޕީޖީ އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޝަމީމް ވިދާޅުވީ، އެ މައްސަލަ ދިރާސާކޮށް ދައުވާ ނުކުރަން ނިންމީ ކޯޓެއްގައި ކުށް ސާބިތުކުރެވޭނެ ކަމަކަށް އެ އޮފީހަށް ނުފެންނާތީ ކަމަށެވެ. ފުލުހުންނާއި އޭސީސީ ގުޅިގެން ހިންގި މި ތަހުގީގަށް ފަހު މައިގަނޑު 12 ވައްތަރެއްގެ ތުހުމަތު ކޮށްފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ. އެ ތުހުމަތުތައް ތަފްސީލު ކޮށްދެއްވަމުން އޭނާ ވިދާޅުވި ގޮތުގައި، އެއީ މުޅިން ވެސް އިދާރީ މައްސަލަތަކެކެވެ.

އެއިން އެއްވެސް ތުހުމަތެއްގައި ޖިނާއީ ދައުވާއެއް އުފުލައި ސާބިތުކުރެވޭނެ ވަރުގެ ހެއްކާއި ގަރީނާ ނެތް ކަަމަށް ވިދާޅުވި އެވެ. ޕީޖީ އޮފީހަކީ ޕޯސްޓް އޮފީހެއްގެ ދައުރު އަދާކުރާ ތަނެއް ނޫން ކަމަށް ވިދާޅުވި އެވެ. އެ އިޝާރާތް ކުރެއްވީ ދައުވާ ސާބިތުކުރެވޭނެ ވަރުގެ ހެކި ނެތި ކޯޓަށް އެ މައްސަލަ ވައްދަން ބޭނުން ނުވާ ކަމަށް ކުރިން ވިދާޅުވަމުން ގެންދަވާ ވާހަކައަށެވެ.

ޝަމީމް ވިދާޅުވި ގޮތުގައި، ތުހުމަތުކުރި ކުށް ސާބިތުކުރެވޭނެ ހެއްކާ އެކު ހުށަހެޅި ނަމަ މިނިސްޓަރު އަމީނާއި ދެން ތިއްބެވި ބޭފުޅުންގެ މައްޗަށް ވެސް ދައުވާ އުފުއްލަވާނެ އެވެ. އެކަމަކު އޭސީސީގެ މުޅި ތަހުގީގުން ފާހަގަވެފައި އޮތީ، ޕީޖީ ވިދާޅުވި ގޮތުގައި، އަމަލުކުރި ގޮތުން އަރާފައި ހުރި އޮޅުންތައް ނުވަތަ މައްސަލަތަކެކެވެ. ކޮރަޕްޝަންގެ ދައުވާ އުފުލިއިރު، އެއްވެސް މީހަކަށް މާލީ މަންފާއެއް ލިބުނު ކަން ސާބިތުކޮށްދެވޭނެ އެއްވެސް ހެއްކެއް ނެތް ކަން ޕީޖީ ތަކުރާރުކޮށް ފާހަގަކުރެއްވި އެވެ.

"އޭސީސީން ފޮނުވި މައްސަލައިގައި ޕީޖީން ކޯޓުގައި ސާބިތުކޮށްދޭން މި ޖެހޭ ކަމަކީ، ވަކި މީހަކަށް މަންފާއެއް ހޯދައިދޭން ކުރި ކަމެއްތޯ ނުވަތަ ނޫންތޯ. ބަލާއިރު އެކަން ސާބިތުކޮށްދެވޭކަށް ނެތް،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އޭސީސީގެ ތަހުގީގުގައި ކުރި ފޮރެންސިކް އެނަލިސިސް އިން ވެސް އެއްވެސް މީހަކަށް މި މައްސަލައިގައި މާލީ މަންފާއެއް ލިބިފައި ނެތް ކަމަށް ބުނެފައިވާ ކަމަށެވެ.

"އަޅުގަނޑު ވެސް ގަބޫލުކުރަން ފައިސާއެއް ލިބުމަކީ ކޮންމެހެން ކޮރަޕްޝަންގެ އުންސުރެއް ނޫން. މީހަކަށް ފައިސާ ލިބޭކަށް ނުޖެހޭ، ފައިސާ ހޯދައިދޭކަށް ވެސް ނުޖެހޭ. ނަމަވެސް އެއީ އެ މީހާގެ ނުބައި ނިޔަތެއް އޮތް ކަން ސާބިތުކުރެވޭ ވަރަށް ވަރުގަދަ ގަރީނާއެއް އެ މީހަކަށް ނުވަތަ ގާތް މީހަކަށް ފައިދާއެއް ހޯދައިދީފައި އޮތުން. އެ ކަހަލަ ކަމެއް މި މައްސަލަ ތެރެއިން ލިބިފައި ނެތް ކަމަށް އޭސީސީން ވިދާޅުވެފައި މިއޮތީ،" ޝަމީމް ވިދާޅުވި އެވެ.

ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އޮފީހަކީ ޕޯސްޓް އޮފީހުގެ ދައުރު އަދާކުރާ ތަނެއް ނޫން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޝަމީމް ނޫސްވެރިންނާ ވާހަކަ ދައްކަވަނީ: އޭނާ ވިދާޅުވި ގޮތުގައި ޕީޖީ އޮފީހަކީ ޕޯސްޓް އޮފީހުގެ ދައުރު އަދާކުރާ ތަނެއް ނޫން. --ފޮޓޯ: ނިޝާން އަލީ/މިހާރު

ޕީޖީ ވިދާޅުވި ގޮތުގައި، ވެންޓިލޭޓަރު ހޯދުމުގެ ކަންކަން ކުރިއަށް ގެންދިޔަ ގޮތަށް ބަލާއިރު، އިދާރީ ގޮތުން އެ އަށް ވުރެން ރަނގަޅަށް އެކަން ކުރެވިދާނެ ކަމަށް ގަބޫލުކުރެވޭ ސަބަބުތަކެއް އެބަހުއްޓެވެ. އެކަމަކު ޕީޖީ އޮފީހުން ބަލަނީ ޖިނާއީ ދައުވާއެއްކޮށްގެން ސާބިތުކުރެވޭތޯ ނުވަތަ ނޫންތޯ ކަމަށް ވިދާޅުވި އެވެ.

"މި އުޅެނީ އިދާރީ އޮޑިޓެއް ހަދައިގެން ކާކުތޯ މަސައްކަތް ނުކުރަނީ ކާކުތޯ ފެންވަރު ދަށީ ބަލާކަށެއް ނޫން. މި އުޅެނީ ޖިނާއީ ދައުވާއެއް ކޮށްގެން ސާބިތުކުރެވޭތޯ ބަލަން،" ޝަމީމް ވިދާޅުވި އެވެ.

ބިޑް ކޮމިޓީގެ ބައެއް މެމްބަރުންގެ މައްޗަށް ދައުވާ އުފުލައިދޭން އެދިފައިވާ އިރު އެ މީހުންގެ އަމަލުތަކުގައި ވެސް ސީދާ ވަކި ބައަކަށް މަންފާ ހޯދައިދޭން މަސައްކަތް ކޮށްފައިވާ ކަމުގެ ހެއްކެއް ނެތް ކަމަށެވެ.

ފައިނޭންޝަލް އެގްޒެކެޓިވް އަހްމަދު އަސްލަމްގެ މައްޗަށް ދައުވާ އުފުލައިދޭން އެދިފައި އޮތީ މަގާމުގެ ޒިންމާގައި އޭނާ އަދާކުރަން ޖެހޭ މަސްއޫލިއްޔަތުތަކެއް އަދާކުރި ގޮތަށް ބަލާފައި ކަމަށް ޝަމީމް ވިދާޅުވި އެވެ.

އެޑްވާންސް ފައިސާގެ ގޮތުގައި 30 މިލިއަން ދޫކުރީ 75 ވެންޓިލޭޓަރު ލިބިފައިވާ ކަަމަށް ސެޕް ސިސްޓަމްގައި ޖަހައިގެންނެވެ. އެއީ، އެ ނޫން ގޮތަކަށް އަމަލުކުރެވޭނެ ކަން ހެލްތު މިނިސްޓްރީގެ މުވައްޒަފުންނަށް ނޭނގޭތީ ކަމަށް ތަހުގީގަށް ފާހަގަވެފައިވާ ކަަމަށް އޭސީސީން ރިޕޯޓުގައި ލިއެފައިވާ ކަމަށް ޝަމީމް ވިދާޅުވި އެވެ.

"މި ސެޕް ސިސްޓަމް މަސައްކަތް ކުރާ ގޮތަކީ ވެސް ނުލިބޭ އެއްޗެއް ލިބުނު ކަމަށް ދައްކައިގެން މި ފައިސާ ނެގުމޭ، މުޅި ރާއްޖޭގައި ވެސް އަމަލުކުރާ ގޮތަކީ. އެއީ އަޅުގަނޑަކާ ބެހޭ ކަމެއް ނޫން، އަޅުގަނޑު މިއުޅެނީ ދައުވާއެއް ކުރެވޭތޯ ނުވަތަ ނޫންތޯ ބަލަން،" ޝަމީމް ވިދާޅުވި އެވެ.

"ތެދެއްމެ، ނުލިބޭ އެއްޗެއް ލިބުނު ކަމަށް ދެއްކުމަކީ ކޮށްގެންވާނެ ކަމެއް ނޫން، އެއީ ގޯހެއް. އެކަމަކު އެއީ މި ދަންނަވާހެން، ރިޕޯޓުގައި އޮތީ މުޅި ރާއްޖޭގައި އެކަން ކުރަނީ އެހެންނޭ، ސެޕް ސިސްޓަމް އޮންނަނީ. ދެން މިގޮތަށް އަމަލުކޮށްގެން ހެލްތު މިނިސްޓްރީގައި ހުންނަ މުވައްޒަފެއްގެ މައްޗަށް ކޮރަޕްޝަންގެ ދައުވާ ކުރަންވީހޭ، އެއީ އެ ބޭފުޅެއްގެ ކޮންޓްރޯލް ނުހިނގާ ކަމެއްގެ މައްޗަށް ދައުވާކުރުން އެންމެ އިންސާފުވެރި ގޮތެއް ނޫން ކަމަށް އަޅުގަނޑު ދެކެނީ،" ޝަމީމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި ވެންޓިލޭޓަރު ހޯދުމުގައި އަމަލުކުރި ގޮތުން ދައުލަތަށް ގެއްލުންވުމުގެ ފުރުސަތު އެބައޮތެވެ. އެހެންވިޔަސް ޕީޖީ އަޅުއްވަން ޖެހޭ ފިޔަވަޅެއް އޭސީސީން ފޮނުވި މައްސަލައިގައި ނެތް ކަަމަށް ވިދާޅުވި އެވެ.

މުއައްސަސާތައް ގުޅިގެން ހިންގި ތަހުގީގެއްގައި، ދައުވާ ނުކުރަން ނިންމިއިރު އޭސީސީއާ މަޝްވަރާކޮށް އިސްލާހުކޮށްގެން ކުރިއަށް ނުގެންދެވީ ކީއްވެތޯ އެހުމުން ޝަމީމް ވިދާޅުވީ މައްސަލައިގައި ދައުވާކުރަން އެދުނީ ޑިއުޓީ ޕްރޮސިކިއުޝަން ނުނިމެނީސް ކަމަށެވެ. މައްސަލަ ލިބުނުއިރު ބައްދަލުވުމެއް ޝެޑިއުލްގައި އޮތް ކަމަށާއި އެއީ އާއްމުކޮށް އޭސީސީން އަމަލުކުރާ ގޮތެއް ނޫން ކަމަށް ވިދާޅުވި އެވެ.

ޝަމީމް ވިދާޅުވީ މި މައްސަލައިގައި ފުލުހުންނާއި އޭސީސީއާ އެކު ޕީޖީ އޮފީހުން މަޝްވަރާކުރާނެ ކަމަށެވެ. މިފަދަ މައްސަލަތަކާއި ޚާއްސަކޮށް ވެންޓިލޭޓަރު މައްސަލައިގައި ވެސް އިތުރަށް ރަނގަޅު ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބަލާނެ ކަމަށް ވިދާޅުވި އެވެ.