Roadha Mihaaru
އެމްއޭސީއެލުން މަޖިލީހަށް ދޮގު ހެދި: ޔައުގޫބް

އެމްއޭސީއެލުން މަޖިލީހަށް ދޮގުހެދި ކަމުގެ ހެކި އެބަހުރި: ޔައުގޫބް

18 ފެބުރުއަރީ 2020

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދިނުމަށް އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރި މަޝްވަރާތަކާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ވެރިން ދޮގުހެއްދެވި ކަމަށް ރައްްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ރޭ ތުހުމަތުކުރައްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭއަށް ޖާގަ ދިނުމަށް އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކުރި މަޝްވަރާތަކާ ބެހޭ ގޮތުން މާލިއްޔަތު ކޮމިޓީގައި އެމްއޭސީއެލްގެ ވެރިން ދޮގުހެއްދެވި ކަމަށް ރައްްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެމްބަރު ޔައުގޫބު އަބްދުﷲ ރޭ ތުހުމަތުކުރައްވައިފި އެވެ.

ޓާމިނަލް ދޭން އުޅުމުގެ މައްސަލައިގައި މާލިއްޔަތު ކޮމިޓީން ރޭ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރާ އެކު ބޭއްވި ބައްދަލުވުމުގައި އަމީރާ ސުވާލު ކުރައްވަމުން ޔައުގޫބު ވިދާޅުވީ ޓީއެމްއޭއަަށް ޓާމިނަލް ދޫކޮށްލަން އެމްއޭސީއެލުން ދިން ޔަގީންކަމެއްގެ ގޮތުގައި ޓީއެމްއޭއިން ދައްކާ ސިޓީގައި ހުރި ކަންތައްތަކަށް އެމްއޭސީއެލްގެ ބޯޑުން މަޝްވަރާ ނުކުރާ ކަމަށް ބުންޏަސް، އެ މަޝްވަރާތައް ކޮށްފައިވާކަން އެމްއޭސީއެލްގެ ބޯޑުގެ މިނިޓްސްތަކުން އެނގެން އެބަ އޮތް ކަމަށެވެ.

ބޯޑުން ނިންމި ނުވަތަ ހުއްދަ ދިން ކަމަށް ބުނެ، ޓީއެމްއޭއަށް ޖާގަ ދޭނެ ވަރާއި މުއްދަތާއި އަގާ ބެހޭ ގޮތުން ފޮނުވި ސިޓީތަކާ މެދު ސީރިއަސް ސުވާލުތަކެއް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި އުފެދުމުގެ ކުރިން، ބޯޑުގެ މެމްބަރު ޑރ. އިބްރާހިމް މަހްފޫޒް ވިދާޅުވީ އެފަދަ ކަމަކާ ބެހޭ ގޮތުން ބޯޑުގައި "މަޝްވަރާ ވެސް ކޮށްފައި ނުވާ" ކަމަށެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ ބޯޑު މެމްބަރުންގެ ފަރާތުން ވާހަކަ ދެއްކެވި ޑރ. މަހްފޫޒް، މާލިއްޔަތު ކޮމިޓީ އަށް އިއްޔެ ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

ރޭގެ ބައްދަލުވުމުގައި ޔައުގޫބް ވިދާޅުވީ އެމްއޭސީއެލްގެ ބޯޑުގެ 255 ވަނަ ބައްދަލުވުމުގައި އެ މަޝްވަރާތައް ކޮށްފައިވާ ކަން ބޯޑުގެ މިނިޓްސް އިން އެނގޭ ކަމަށާއި އެ ބައްދަލުވުން ބާއްވާފައި ވަނީ ޑިސެމްބަރު، 28 2017 ގައި ކަމަށެވެ. އޭރުގެ ބޯޑުގައި ތިއްބެވި ބޭފުޅުންގެ ތެރެއިން މިހާރު ވެސް ދެ ބޭފުޅަކު ބޯޑުގައި އިންނަވަ އެވެ. އެއީ ޑރ. މަހްފޫޒްގެ އިތުރުން މުހައްމަދު އަބްދުއްސައްތާރު އެވެ.

"ބޯޑުން ވިދާޅުވަނީ ބޯޑަކަށް ނޭނގެއޭ މެނޭޖްމަންޓުން ބޮޑެތި ޑެސިޝަންތައް ނަންގަވާ އިރު ވެސް، ދެން އެކަމަކު އަޅުގަނޑަށް އިނގޭ އެއީ އިތުރުފުޅެއް ކަން ވެސް. އޭގެ އެއް ހެކި އަޅުގަނޑު މިހާރުވެސް ދައްކާލައިފާނަން. އެއީ އޭރު ކޮންމެވެސް ސިޓީއެއްގައި ހިމެނޭ ރޭޓްތަކާ ކަންތައްތަކެއްގެ ވާހަކަ ވެސް ދެކެވުނު. އެ ސިޓީގެ މައުލޫމާތު ވެސް ނޭނގޭ ކަމަށް ވަނީ އޮޑިޓާ ޖެނެރަލްގެ ރިޕޯޓް އައުމުގެ ކުރިން. އެކަަމަކު ބޯޑުގައި، އެއާ ގުޅޭ މިނިޓްސްތައް ވެސް އެބަހުރި،" ޔައުގޫބް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މަޖިލީހުގައި ވާހަކަ ދައްކަން ޖެހޭނީ ތެދު ބަހުން ކަމަށް ގާނޫނު އަސާސީގައި ބަޔާންކޮށްފައި ވާއިރު ވެސް މަޖިލީހުގައި ދޮގުހަދާ ބޯޑަކުން، ސަރުކާރުގެ ނިިންމުން ތަންފީޒުކުރާނެ ކަމުގެ ޔަގީންކަން ނެތް ކަމަށެވެ. އޭނާ އެހެން ވިދާޅުވީ ޓީއެމްއޭއަށް ސީޕްލޭން ޓާމިނަލް ދިނުމާ މެދު މިހާރުގެ ސަރުކާރުން ނިންމާފައިވާ ނިންމުން ތަންފީޒުވާނެ ކަމަށް ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވުމުންނެވެ.

ކަން ވަމުން ދިޔަ ގޮތަށް ބަލާއިރު މިހާރުގެ ސަރުކާރުން ނިންމާފައިވާ ގޮތް ގޯސް ނޫން ކަމަށް، އޮޑިޓަ ޖެނެރަލް ހަސަން ޒިޔަތު ވެސް ވިދާޅުވެ އެވެ. ފިނޭންސް މިނިސްޓްރީން، ބޯޑަށް އަންގާފައި ވަނީ، އާ ޓާމިނަލްގައި ލައުންޖް ހަދަން ހާއްސަކޮށްފައިވާ ޖާގައިން ޓީއެމްއޭއަށް ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގަ، މިހާރު ވެސް އެ ކުންފުނިން އެމްއޭސީއެލަށް ދައްކާ ރޭޓްގައި، ދެ އަހަރަށް ދިނުމަށެވެ.

އެކަމަކު ސަރުކާރުގެ އެ ނިންމުމާ ހިތްހަމަނުޖެހިގެން ޓީއެމްއޭއިން ގެންދަނީ، ކުރިން ވެސް މަޝްވަރާކުރި ގޮތަށް ގާތްގަނޑަކަށް މުޅި ޓާމިނަލް އެ މީހުންގެ ކޮންޓްރޯލްގެ ދަށަށް ގެންދެވޭތޯ ތަފާތު ވާހަކަތައް ދައްކަމުންނެވެ. އޭގެ ތެރޭގައި ވަރަށް ބޮޑެތި ދޮގުތައް، މާލިއްޔަތު ކޮމިޓީގައި، ޓީއެމްއޭ އިން ވެސް ހަދާފައިވެ އެވެ.

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް، މާލިއްޔަތު ކޮމިޓީ އަށް އިއްޔެ ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

ސީޕްލޭން ޓާމިނަލްގެ މައްސަލައިގައި، އެމްއޭސީއެލްގެ އެކްޓިން މެނޭޖިން ޑިރެކްޓަރު މޫސާ ސޯލިހް، މާލިއްޔަތު ކޮމިޓީ އަށް އިއްޔެ ޖަވާބުދާރީވެވަޑައިގަންނަވަނީ.---ފޮޓޯ: އަހުމަދު އަވްޒަމް/މިހާރު

ޓީއެމްއޭގެ ވާހަކަތަކަަށް އެމްޑީޕީގެ ބައެއް މެމްބަރުން ތާއީދުކުރައްވާކަން، ދައްކަވާ ވާހަކަތަކުން އެނގެ އެވެ. އެކަމަކު ޔައުގޫބަކީ، އެ މައްސަލާގައި ފެށުނީއްސުރެ ދައުލަތުގެ ފައިދާއަށް ބޮޑަށް ވިސްނަވައިގެން ވާހަކަ ދައްކަވަމުން ގެންދެވި ބޭފުޅެކެވެ.

ރޭގެ ބައްދަލުވުމުގައި އަމީރު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ޖާގަ ދޭނީ ސަރުކާރުން ނިންމި ގޮތަށް ކަމަށާއި އެކަން އެގޮތަށް އެމްއޭސީއެލްގެ ބޯޑުން ތަންފީޒު ނުކުރާ ނަމަ ބޯޑު ބަދަލުކުރުމުގެ ފުރުސަތު ވެސް އެބަ އޮތް ކަމަށެވެ.

އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

އާ ސީޕްލޭން ޓާމިނަލް ދޫކުރުމާ ގުޅޭ މައްސަލައިގައި ފިނޭންސް މިނިސްޓަރު އަމީރު، ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ރޭ ވާހަކަ ދައްކަވަނީ.---ފޮޓޯ: ނިޝާން އަލީ/މިހާރު

"އަޅުގަނޑުމެން، ސަރުކާރުން، 100 ޕަސެންޓް ޝެއާ ހޯލްޑާ މި ހުށަހަޅަނީ މިގޮތަށް ކުރިއަށް ގެންދާށޭ، އަަޅުގަނޑަށް ހަމަ ޔަގީން އެގޮތަށް ކަން އެކަން ކުރިއަށް ދާނީ،" އަމީރު ވިދާޅުވި އެވެ.

"ދެން ހަމަ ކުރީ ސަރުކާރުތަކުގައި ވެސް ކުންފުނިތަކުން ކަންތައް ކޮށްފައި އެހެރީ ހަމަ ސަރުކާރުން އަންގައިގެން. އަޅުގަނޑުމެން އެމްއޭސީއެލްގެ ބޯޑަށް ހުށަހަޅާފައި މިވާ ގޮތަށް އެކަންތައްތައްް ނުކުރެވޭ ނަމަ ހަމަ އަޅުގަނޑުމެން ބޯޑު ބަދަލު ކުރުމުގެ އޮޕްޝަން ވެސް ސަރުކާރަށް އޮންނާނެ."