Roadha Mihaaru
ވެންޓިލޭޓަރުތަކުގެ މައްސަލަ އާބިޓްރޭޝަނަށް ހުށަހަޅައިފި

ވެންޓިލޭޓަރުތަކުގެ މައްސަލަ ރާއްޖޭގެ އާބިޓްރޭޝަނަށް، ސަރުކާރުން އެދުނީ 32 މިލިއަން ހޯދަން!

27 ފެބުރުއަރީ 2023

ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން ހުށަހަޅައިފި އެވެ.

ކޮވިޑް-19 ގައި ހާލު ބޮޑުވި މީހުންނަށް ފަރުވާ ދިނުމަށްޓަކައި ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ ގެންނަން ނިންމި ވެންޓިލޭޓަރުތައް ނުގެނައި މައްސަލާގައި އެ ކުންފުންޏާ ދެކޮޅަށް މޯލްޑިވްސް އިންޓަނޭޝަނަލް އާބިޓްރޭޝަން ސެންޓަރަށް ރާއްޖޭގެ ފަރާތުން ހުށަހަޅައިފި އެވެ.

ބަންޑާރަ ނައިބުގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ވެންޓިލޭޓަރުތައް ގެނެސްދިނުމަށް ފެބްރުއަރީ 2، 2020 ގައި ރާއްޖޭގެ ހެލްތު މިނިސްޓްރީ އާއި އެގްޒެކިއުޓާސްއާ އެކު ހެދި އެއްބަސްވުމާ އެ ކުންފުނިން ހިލާފުވެފައިތީ އެ މައްސަލަ މި މަހުގެ 16 ގައި ރާއްޖޭގެ އާބިޓްރޭޝަނަށް ހުށަހަޅާފައިވާ ކަމަށެވެ.

ދިވެހި ދައުލަތުން އެދުނީ އެޓާނީ ޖެނެރަލްގެ އޮފީހުން ބުނިގޮތުގައި، އެގްޒެކިއުޓާސް އިން ފޯރުކޮށްނުދޭ ވެންޓިލޭޓަރުތަކުގެ އަގަށް ވާ ފައިސާ އާއި ވެންޓިލޭޓަރުތައް ގެނެސް ދީފައި ނުވާތީ ދިވެހި ސަރުކާރަށް ލިބުނު ގެއްލުމުގެ ބަދަލަށްވާ ޖުމުލަ 32 މިލިއަން ރުފިޔާ ހޯދުމަށެވެ. އެއީ ދެ މިލިއަން ޑޮލަރެވެ.

އޭގެ އިތުރުން އިންޓަރެސްޓާއި އާބިޓްރޭޝަންގެ ހަރަދުތައް ހޯދުމަށް ވެސް އެދުނު ކަމަށް އޭޖީ އޮފީހުން ބުންޏެވެ.

"އާބިޓްރޭޝަނަށް ހުށަހެޅިފައިވާ މި މައްސަލައާ ގުޅޭ އެންމެހައި ކަންކަމުގެ ސިއްރު ހިފެހެއްޓުން ސަރުކާރުގެ މައްޗަށް ލާޒިމުކަން މި ފުރުސަތުގައި ފާހަގަކުރަމެވެ،" ބަންޑާރަ ނައިބުގެ އޮފީހުގެ ބަޔާނުގައި ވެ އެވެ.

ކޮވިޑުގެ ނުރައްކާ ރާއްޖެއަށް އެންމެ ބޮޑުވިއިރު 75 ވެންޓިލޭޓަރު ހޯދުމަށް، ބޭންކް ގެރެންޓީއަކާ ނުލައި ދިވެހި ސަރުކާރުން އެ ކުންފުންޏަށް 34 މިލިއަން ރުފިޔާ ވަނީ ދީފަ އެވެ. އެއްފަހަރާ އެހާ ބޮޑު އަދަދެއް ދޫކުރިއިރު، ވެންޓިލޭޓަރު ފޯރުކޮށްދިނުމުގެ ގާބިލްކަން ހުރިތޯ ވެސް ނުބަލަ އެވެ. ކުންފުންޏާ ބެހޭ އެއްވެސް ތަފްސީލެއް ހޯދާފައި ނުވާކަން އޮޑިޓް ރިޕޯޓާއި އޭސީސީގެ ތަހުގީގު ރިޕޯޓުން އެނގެ އެވެ. އެކަމަކު، އެއްބަސްވި ގޮތަށް އެ ކުންފުނިން ވެންޓިލޭޓަރުތަކެއް ވެސް ނުފޮނުވަ އެވެ.

ވެންޓިލޭޓަރުތަކުގެ ފުރަތަމަ ޝިޕްމަންޓްގެ ބައެއް އެގްޒެކިއުޓާސް އިން ރާއްޖެ އަށް ފޮނުވި ނަމަވެސް އ ބޭނުމެއް ނުކުރެވުނެވެ. ބާކީ ވެންޓިލޭޓަރުތައް ހަވާލުނުކުރުމުން ހެލްތު މިނިސްޓްރީން އެންގީ 31 މިލިއަން ރުފިޔާ އަނބުރާ ރައްދުކޮށްދިނުމަށެވެ. އެކަމަކު އެ ފައިސާ ވެސް ނުދިނެވެ.

ވެންޓިލޭޓަރުތައް ގެންނަން ދުބާއީގެ ކުންފުންޏާ ހަވާލުކުރުމުގައި ހިނގި ކަންތައްތަކާ ގުޅިގެން ތިން މީހަކަށް ދައުވާ ކޮށްދިނުމަށް އެދި އޭސީސީން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ. އެއީ އެއީ ހެލްތު މިނިސްޓްރީގެ ކުރީގެ ނައިބު ސ. ފޭދޫ ޕިންކް ހައުސް ޝިޔާމާ މުހައްމަދާއި އެ މިނިސްޓްރީގެ ކުރީގެ ޑިރެކްޓަރު ތ. ކިނބިދޫ ބޯގަންވިލާ، އަހުމަދު އަސްލަމްގެ އިތުރުން އެ މިނިސްޓްރީގެ ކުރީގެ ލީގަލް އޮފިސަރު ލ. ގަން، ފެއަރީގާޑެން އަލީ ޝިހާމްގެ މައްޗަށެވެ.

ޕްރޮސެކިއުޓާ ޖެނެރަލް ހުސައިން ޝަމީމް އިއްޔެ ވިދާޅުވީ، ވެންޓިލޭޓަރުތަކުގެ ކޮރަޕްޝަންގެ މައްސަލާގައި ދައުވާ ކުރުމާ މެދު މި ހަފުތާގައި ގޮތެއް ނިންމަވާނެ ކަމަށެވެ.