15 ޖޫން 2020
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ އަށް ހޯދަން އުޅޭ 75 ވެންޓިލޭޓަރު ނުލިބިގެން އުޅެނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބާވަތުގެ ވެންޓިލޭޓަރު ހޯދަން އުނދަގޫވުމުން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކޮށްގެން ރާއްޖެ އަށް ހޯދަން އުޅޭ 75 ވެންޓިލޭޓަރު ނުލިބިގެން އުޅެނީ އެ ކުންފުންޏާ ހަވާލުކޮށްފައިވާ ބާވަތުގެ ވެންޓިލޭޓަރު ހޯދަން އުނދަގޫވުމުން ކަމަށް ސަރުކާރުން މިރޭ ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެ ސެންޓަރުގެ ތަރުޖަމާނު އަދި ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީ މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ ޑަބްލިއުއެޗްއޯ މެދުވެރިވެގެން ދުބާއީގެ ކުންފުންޏާ ހަވާލުކުރި ވެންޓިލޭޓަރުތައް ގެނައުމުގެ ކަންތައް މިހާރު އޮތް ހިސާބާ ބެހޭ އާ މައުލޫމާތެއް ނެތް ކަަމަށެވެ.
އެކަމަކު އެ ކުންފުނިން ވެންޓިލޭޓަރުތައް ގެންނާނެ ގޮތުގެ ތާވަލެއް ހަމަ އެންއީއޯސީގެ މިޑިއާ ބްރީފިންއެއްގައި މަބްރޫކް ދެއްވި އެވެ. އޭނާ އޭރު ވިދާޅުވީ މޭ 18 ގައި 10 ވެންޓިލޭޓަރު، މޭ 25 ގައި 35 ވެންޓިލޭޓަރު ގެންނާނެ ކަމަށާއި ބާކީ ބައި މި ޖޫން މަހު ގެންނާނެ ކަމަށެވެ. އެކަމަކު އެ ކުންފުނިން ގެންނަންޖެހޭ އެއްވެސް ވެންޓިލޭޓަރެއް އަދި ނުގެނެ އެވެ.
އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިން އާއި ރާއްޖޭގެ ދެ ކުންފުންޏަކާ ވެސް ވެންޓިލޭޓަރު ގެންނަން ހަވާލުކުރި އެވެ. އެެއީ ނާޑް ޕްރައިވެޓް ލިމިޓެޑް ނަމަކަށް ކިޔާ ކުންފުންޏަކާއި މެޑްޓެކް މޯލްޑިވްސް އަށެވެ. އޭގެ ތެރެއިން މެޑްޓެކް މޯލްޑިވްސް އިން ގެންނަން ޖެހޭ 50 ވެންޓިލޭޓަރުގެ ތެރެއިން 18 އައިސީޔޫ ވެންޓިލޭޓަރެއް ވަނީ މޭ 10 ގައި ގެނެސްފަ އެވެ.
"ދިވެހި ބައެއް ކުންފުނިތަކުން ވެންޓިލޭޓަރު ގެނެސްފައި ވާއިރު، އަދި އެކި ފަރާތްތަކުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާވެސް ކޮށްފައި ވާއިރު ދުބާއީ ކުންފުނިން ގެންނަ ވެންޓިލޭޓަރުތައް ލަސްވަނީ ކީއްވެތޯ މިރޭގެ މީޑިއާ ބްރީފިން ގައި "މިހާރު"ން ސުވާލު ކުރުމުން މަބްރޫކް ވިދާޅުވީ ވެންޓިލޭޓަރުގެ ގިނަ ބާވަތްތަކެއް ހުންނަ ކަަމަށާއި އެ ކުންފުންޏާ ހަވާލުކޮށްފައި ވަނީ ވަކި ވައްތަރެއް ގެންނަން ކަމަށެވެ.
"ބައިވަރު ވައްތަރު ހުންނަ އެއްޗެއް، އަޅުގަނޑުމެން ބޭނުންވެގެން މިއުޅެނީ އޭގެ އެއް ވައްތަރެއް. އޭތި ދުނިޔޭގައި މަދީ. ދެން ރަނގަޅަށް ޓްރަސްޓެޑް ބްރޭންޑްތައް ވެސް މަދުވެގެން މި އުޅޭ އެއްޗަކީ،" މަބްރޫކް ވިދާޅުވި އެވެ.
އެންމެ ފަހުން ރާއްޖެއަށް ވެންޓިލޭޓަރު ހަދިޔާކުރި ފަރާތްތަކުން ވެސް ހަދިޔާކޮށްފައި ވަނީ އެހެން ވައްތަރެއް ކަމަށް އޭނާ ވިދާޅުވި އެވެ.
ދުބާއީ ކުންފުނިން ގެންނަ ވެންޓިލޭޓަރުތަކާ ބެހޭ ގޮތުން މީގެ ކުރިން ސުވާލުކުރި ދުވަހު މަބްރޫކް ވިދާޅުވީ އެ ކުންފުންޏާ އެކު ސަރުކާރުން މަޝްވަރާތަކެއް ކުރަމުން އަންނަ ކަމަށާއި އެކަމުގެ އިތުރު މައުލޫމާތެއް އަދި ލިބިވަޑައިނުގަންނަވާ ކަމަށެވެ. މިރޭ ވިދާޅުވީ މިރޭގެ ބްރީފިން އަށް ވަޑައިގެންނެވުމުގެ ކުރިން ވެސް އަޕްޑޭޓެއް އޮތްތޯ ބެއްލެވި ކަމަށާއި އެކަމަކު އާ މައުލޫމާތެއް ނެތް ކަމަށެވެ.
ދުބާއީގެ ކުންފުންޏަކީ ވެންޓިލޭޓަރު ގެންނަން ހަވާލުކުރި ތިން ކުންފުނީގެ ތެރެއިން ސަރުކާރުން ހަމައެކަނި އެޑްވާންސްކޮށް ފައިސާ ދޫކުރި ކުންފުނި ވެސް މެ އެވެ. އެ މީހުން ވެންޓިލޭޓަރެއް ގެނެސްދެނީ 32،500 ޑޮލަރަށެވެ. އެ ކުންފުންޏާ މަސައްކަތް ހަވާލުކުރީ 34 މިލިއަން ރުފިޔާ އަށް ކަމަށް ވާއިރު އަގުގެ 75 ޕަސެންޓު ފައިސާ ސަރުކާރުން ދައްކާފައިވާ ކަމަށް މަބްރޫކް ކުރިން ވަނީ ވިދާޅުވެފަ އެވެ.
އެއްބާރުލުން ނުދިން މީހެއްގެ މައުލޫމާތު އާއްމުކުރަނީ
ވެންޓިލޭޓަރުތައް ލަސްވަނީ ފުލް ޕޭމަންޓަށް އެދޭތީ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
ރާއްޖޭގެ ހާލަތު ނިސްބަތުން ރަނގަޅު: މަބްރޫކް
ދުބާއީގައި އޮތް ފެއާއަކަށް ދިޔަ މީހުން ހޯދަނީ
ކަރަންޓީނުގަައި ހުރި މީހަކު އައިޖީއެމްއެޗުގައި މަރުވެއްޖެ
ކަރަންޓީން ހަމަވި 49 މީހަކު ދޫކޮށްލަން ޓެސްޓްކޮށްފި
ލޮކްޑައުނަކަށް ދާން ޖެހޭވަރަށް ހާލަތު ގޯސްވެއްޖެ: ޝީނާ
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ