Roadha Mihaaru
މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން

މަބްރޫކަކީ އާންމުންނާ ދެމެދު އެޅުނު ބްރިޖެއް: އަމީން

02 ޖުލައި 2020

ރާއްޖޭގެ ތާރީހުގައި ވެސް ކުރިމަތިނުވާ ވަރުގެ ސިއްހީ އެންމެ ބޮޑު ކާރިސާގެ މައުލޫމާތު ދުވަހުން ދުވަހަށް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު މަބްރޫކް އަޒީޒަކީ ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކާ ދެމެދު "އެޅުނު ބްރިޖެއް" ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ އޭނާއަށް ތައުރީފުކުރައްވައިފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ރާއްޖޭގެ ތާރީހުގައި ވެސް ކުރިމަތިނުވާ ވަރުގެ ސިއްހީ އެންމެ ބޮޑު ކާރިސާގެ މައުލޫމާތު ދުވަހުން ދުވަހަށް އާންމުންނަށް ފޯރުކޮށްދިނުމުގައި އެންމެ އިސްކޮށް ހުންނެވި މުހައްމަދު މަބްރޫކް އަޒީޒަކީ ރައްޔިތުންނާއި ކަމާ ބެހޭ ފަރާތްތަކާ ދެމެދު "އެޅުނު ބްރިޖެއް" ކަމަށް ވިދާޅުވެ، ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ރޭ އޭނާއަށް ތައުރީފުކުރައްވައިފި އެވެ.

ރާއްޖެ އިން ކޮރޯނާވައިރަސް މިދިޔަ މާޗު 7 ގައި ފެނުނު ފަހުން އެ ބައްޔާ ގުޅޭ ހުރިހާ މައުލޫމާތުތަކެއް މީޑިއާ އަށް ފޯރުކޮށްދިނުމުގައި ސަރުކާރުގެ ފަރާތުން ހަމަޖެއްސި ތަރުޖަމާނަކީ މަބްރޫކެވެ.

ސަރުކާރުގެ 40 އަށް ވުރެ ގިނަ މުއައްސަސާތައް ހިމެނޭ ގޮތަށް އުފެއްދި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާނެއްގެ ގޮތުގައި މަބްރޫކް ހަމަޖެއްސުމާ އެކު، މުޅި ހާލަތުގެ މައުލޫމާތު ނޫސްވެރިންނަށް ލިބެން ބޮޑު ފަސޭހަތަކެއް ވި އެވެ. ގާތްގަނޑަކަށް ކޮންމެ ރެއަކުހެން ދަރުބާރުގޭގައި އޭނާ ގެންދެވީ މީޑިއާތަކާ ބައްދަލުކުރައްވަމުން، މައުލޫމާތު ހިއްސާ ކުރައްވަމުންނެވެ. އެކަމަކު އޭޕްރީލް 15 ގައި މާލެ ލޮކްޑައުން ކުރުމުން ރެއާ ހަމައަށް ބްރީފިންތައް ބޭއްވީ އޮންލައިންކޮށެވެ.

އެންއީއޯސީގެ އެންމެ ފަހުގެ މީޑިއާ ބްރީފިންގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގެން ވިދާޅުވީ "މިއީ މަބްރޫކް"ގެ ރޭ ކަމަށެވެ. އަމީން ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގައި އެންމެ ތަފާތު އަދި އެންމެ ރަނގަޅު އެއް ނިންމުމަކީ އެ ބައްޔާ ގުޅޭ މައުލޫމާތު ދޭނެ ތަރުޖަމާނަކަށް މަބްރޫކް ހަމަޖެއްސެވުމެވެ.

މިނިސްޓަރު ވިދާޅުވީ މަބްރޫކް ފިޔަވައި ޖެހިޖެހިގެން މިހާ ގިނަ ނޫސްވެރިންގެ ބައްދަލުވުން ބޭއްވެވި ބޭފުޅަކު ރާއްޖެ އިން މިހާތަނަށް ފެނިފައިނުވާ ކަމަށެވެ. މި ހާލަތުގައި ރައްޔިތުންނަށް މައުލޫމާތު ފޯރުކޮށްދިނުމުގައި މަބްރޫކް ބެހެއްޓެވި ތެދުވެރިކަމާއި ކެތްތެރިކަން ފާހަގަކުރައްވައި އޭނާ އަށް ޝުކުރު ވެސް އަދާކުރެއްވި އެވެ.

އެންއީއޯސީގެ އެންމެ ފަހުގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީނާއި މަބްރޫކް އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ބައިވެރިވެވަޑައިގަންނަވަނީ.

އެންއީއޯސީގެ އެންމެ ފަހުގެ މީޑިއާ ބްރީފިންގައި ހެލްތު މިނިސްޓަރު އަމީނާއި މަބްރޫކް އަދި އެޗްޕީއޭގެ މެޑިކަލް އޮފިސަރު ޑރ. ނަޒްލާ ބައިވެރިވެވަޑައިގަންނަވަނީ.

"އެއްވެސް ސިޔާސީ ކުލައެއް ނެތި، އެއްވެސް ފަރާތަކަށް ބުރަވުމެއް ނެތި، އެއްވެސް ފަރާތެއްގެ ނުފޫޒެއް ނެތި، ނޫސްވެރިން ކުރާ ހުރިހާ ސުވާލުތަކަށް އަދި ރައްޔިތުން އެދޭ ހުރިހާ މައުލޫމާތެއް ސާފު ބަހުން ކިޔައި ދެވި، ފޯރުކޮށްދެވުމަކީ ފަހުން ވެސް ފާހަގަކުރަން ޖެހޭ ކަމެއް،" މިދިޔަ ހަތަރު މަސް ދުވަހުގެ ތަޖުރިބާގެ އަލީގައި އަމީން ވިދާޅުވި އެވެ.

"އަޅުގަނޑުމެން މަސައްކަތުގެ ތެރެއަށް ބުރަކޮށް ގެއްލި، މަސައްކަތުގައި ދާއިރު، ހާސްކަމެއް ނެތް އެއް ކަމެއް އޮވޭ. އެއީ މަބްރޫކްގެ މައުލޫމާތު ފޯރުކޮށްދިނުން. އެ ދުވަހެއްގެ މައުލޫމާތު ރައްޔިތުން އެދޭ މިންވަރަށް ފޯރުކޮށްދެވޭނެ ކަމާ މެދު އަޅުގަނޑުމެންގެ އެއްވެސް ޝައްކެއް ނޯވޭ."

މަބްރޫކް ރޭ ދަރުބާރުގޭގައި: އޭނާ ކުރެއްވީ ބުރަ މަސައްކަތެއް

މަބްރޫކް ރޭ ދަރުބާރުގޭގައި: އޭނާ ކުރެއްވީ ބުރަ މަސައްކަތެއް

އަމީން ވިދާޅުވި ގޮތުގައި މަބްރޫކާއި ނޫސްވެރިންނާ ދެމެދު އޮތް ގާތް ގުޅުމުގެ ސަބަބުން ކޮވިޑް-19ގެ މައުލޫމާތު ފޯރުކޮށްދިނުމުގައި އެތައް ގުނައެއް ފަސޭހަވި އެވެ.

ރައީސް އޮފީހުގެ އަންޑަ ސެކްރެޓަރީގެ މަގާމުގައި ހުންނެވި މަބްރޫކު ގެންގުޅުއްވި ހާމަކަމަކީ މިފަދަ ކަމެއްގައި މަސައްކަތް ކުރާ އެންމެން ވެސް ނަމޫނާއެއްގެ ގޮތުގައި އަމީން ފާހަގަކުރެއްވި އެވެ.

ކޮވިޑް-19ގެ މީޑިއާ ބްރީފިންތަކުގެ އެންމެ ކުރީކޮޅު މަބްރޫކް ވިދާޅުވި، "ކަންކަން ފޮރުވަން ބުނާ ދުވަހަކު އަޅުގަނޑު މި ގޮނޑިއަކު ނީންނާން"، މި ބަސްކޮޅު އެތައް ބައެއްގެ ވިސްނުމުގައި ހަރުލާފައިވެ އެވެ. އަމީން ވިދާޅުވި ގޮތުގައި، މަބްރޫކަކީ ނަމޫނާއަކަށް ވެއްޖެކަން ސޯޝަލް މީޑިއާއިން ފެންނަ އެފަދަ ބަސްތަކުން ވެސް އެނގެ އެވެ.

މަބްރޫކް ރޭ ވިދާޅުވި ގޮތުގައި، އެންއީއޯސީން ވަނީ މިދިޔަ ހަތަރު މަސް ތެރޭގައި 160 މީޑިއާ ބްރީފިން ބޭއްވި އެވެ. އޭގެ ތެރެއިން މަބްރޫކް ބައިވެރިވެވަޑައިގަތީ 111 ބްރީފިންގަ އެވެ. އެ ބްރީފިންތަކުގައި 1،200 އަށް ވުރެ ގިނަ ސުވާލަށް ޖަވާބު ދިނެވެ. މީޑިއާ ބްރީފިންތަކުގެ ބޭރުން ނޫސްވެރިން އެކި ގޮތްގޮތުން 681 ސުވާލެއް ކޮށްފައިވާ ކަމަށް މަބްރޫކް ވިދާޅުވި އެވެ.