Roadha Mihaaru
ޔުނިވާސަލް އިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި

ޔުނިވާސަލް އިން ޕީސީއާރް ދެ މެޝިން ހަދިޔާކޮށްފި

29 ޖުލައި 2020

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރާ ޕީސީއާރް ދެ މެޝިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން، ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 ޖެހިފައިވޭތޯ ބެލުމަށް ޓެސްޓް ކުރާ ޕީސީއާރް ދެ މެޝިން އަމިއްލަ ކުންފުންޏެއް ކަމަށްވާ ޔުނިވާސަލް އެންޓަޕްރައިސަސް އިން، ހެލްތު މިނިސްޓްރީ އަށް ހަދިޔާކޮށްފި އެވެ.

ޔުނިވާސަލް އިން މީގެ ކުރިން ވެސް ކޮވިޑް-19 އަށް ޓެސްޓުކުރާ 20،200 ކިޓް ހަދިޔާކޮށްފައިވެ އެވެ.

މިއީ އަމިއްލަ ފަރާތަކުން ޕީސީއާރް ޓެސްޓް މެޝިން ހަދިޔާ ކުރި ފުރަތަމަ ފަހަރެވެ. މީގެ ކުރިން ވެސް އެކި އަމިއްލަ ފަރާތްތަކުން ކޮވިޑް-19ގެ މި ހާލަތުގައި ޕީޕީއީ ކިޓްތަކާއި، ޓެސްޓު ކިޓްތަކުގެ އިތުރަށް ވެންޓިލޭޓަރު ވެސް ހަދިޔާކޮށްފައިވެ އެވެ.

ރާއްޖެ އިން އަލަށް ކޮވިޑް-19 ފެނުނުތާ ހަތަރު މަސް ވެފައިވާއިރު، ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ރާއްޖޭގައި ކޮވިޑް-19 އަށް ޕީސީއާރް ޓެސްޓުތައް އަންނަނީ ކުރަމުންނެވެ. އޭރު އަޖީއެމްއެޗް ލެބޯޓްރީގައި އެކަނި ފެށި މި މަސައްކަތް ފުޅާވެ މިހާރު ފުލުހުންގެ ލެބޯޓްރީ އާއި ސެނެހިޔާގެ އިތުރަށް އޭޑީކޭ އިން ވެސް ޕީސީއާރް ޓެސްޓުތައް ހަދަ އެވެ. މީގެ އިތުރަށް ކޮވިޑް-19 އަށް އެންޓިބޮޑީ ޓެސްޓުތައް ވެސް ދަނީ ހަދަމުންނެވެ.

ބަލި ފެތުރުން ކޮންޓްރޯލްކުރުމަށް ޓަކައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ޓެސްޓް ހަދާ މިންވަރު އަދިވެސް އިތުރު ކުރުމަށް ހެލްތު މިނިސްޓްރީން އަންނަނީ މަސައްކަތް ކުރަމުންނެވެ.

އެޗްޕީއޭ އިން މިރޭ ބުނިގޮތުގައި، ރާއްޖެ އިން މިހާތަނަށް ކޮވިޑް ޖެހުނު މީހުންގެ އަދަދަކީ 3،506 އެވެ. ފަރުވާގައި ތިބީ 929 މީހެކެވެ. މިހާތަނަށް ބަލިން ރަނގަޅުވީ 2،547 މީހެކެވެ. ވޭތުވެދިޔަ 24 ގަޑިއިރު ތެރޭ ރާއްޖެ އިން ވަނީ 137 މީހުން ޕޮޒިޓިވްވެފަ އެވެ.