Roadha Mihaaru
ވެކްސިން އަވަހަށް ލިބޭ ގައުމަކަށް ރާއްޖެެ ވާނެ: އަމީން

ވެކްސިން އެންމެ އަވަހަށް ލިބޭ އެއް ގައުމަކަށް ރާއްޖެ ވާނެ: އަމީން

21 ޖުލައި 2020

ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ކޮވިޑް-19 އަށް ދުނިޔޭގައި ވެކްސިނެއް އުފެއްދުމުން، އެ ވެކްސިން އެންމެ އަވަހަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނޭނެ ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިރޭ ވިދާޅުވެއްޖެ އެވެ.

ލ. ގަމާއި، ގއ. ވިލިނގިލީގައި ކޮވިޑް-19 މެނޭޖްމަންޓް ފެސިލިޓީ ހުޅުވުމަށް ބޭއްވި ވާޗުއަލް ރަސްމިއްޔާތުގައި މިނިސްޓަރު އަމީން ވިދާޅުވީ، މި ކޮވިޑް ބަލިން ރައްކާތެރިވުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ވަކި ވަގުތަކަށް މަޑުކުރުމެއް ނެތި ސަރުކާރުން ކުރަމުން އަންނަ ކަމަށެވެ. ވެކްސިނެއް އުފެއްދުމުން އެ އެންމެ އަވަހަށް ހޯދުމަށް ޑަބްލިއުއެޗްއޯއާ މިހާރުން ފެށިގެން މަޝްވަރާކޮށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވިދާޅުވި އެވެ.

"ކޮވިޑް ބައްޔަށް ވެކްސިނެއް އުފެއްދިއްޖެއްޔާ ރާއްޖެ އަށް އެންމެ އަވަހަށް އެ ލިބޭނެ މަގުފަހި ކުރުމަށް ސަރުކާރުން މިހާރު ވެސް އެބަ މަސައްކަތް ކުރަން. ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ފެށި ކޯލް ފޯ އެކްޝަންގައި ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ،" އަމީން ވިދާޅުވި އެވެ.

ކޮވިޑް-19 އަށް އެންމެ ފުރަތަމަ ޓެސްޓުކުރަން ފެށި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނިފައި ވެ އެވެ. ރާއްޖެ އިން އެ ބަލި މާޗް 7 ގައި ފެނުމުގެ ކުރިން ފެބްރުއަރީ މަހުގެ ފަހުކޮޅުން ފެށިގެން ކޮވިޑް-19 ގެ ޓެސްޓުތައް އައިޖީއެމްއެޗުގައި ފެށި އެވެ. ޓެސްޓުތައް ހަދަން ފެށީ ވެސް ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު އެވެ.

ޑަބްލިއުއެޗްއޯގެ ވާޗުއަލް ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވަނީ: ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެ މަގުފަހިވީ ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު.---ފޮޓޯ: ހެލްތު މިނިސްޓްރީ

ޑަބްލިއުއެޗްއޯގެ ވާޗުއަލް ބައްދަލުވުމެއްގައި މިނިސްޓަރު އަމީން ބައިވެރިވެވަޑައިގަންނަވަނީ: ކޮވިޑް-19 އަށް ރާއްޖޭގައި ޓެސްޓު ކުރެވޭނެ މަގުފަހިވީ ޑަބްލިއުއެޗްއޯގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކު.---ފޮޓޯ: ހެލްތު މިނިސްޓްރީ

މިނިސްޓަރު އަމީން މިރޭ ވިދާޅުވީ، އެހެން ގައުމުތަކާ އަޅާބަލާއިރު ރާއްޖެ އަށް މާ އަވަހަށް އަދި ފަސޭހައިން ކޮވިޑް ބަލީގެ ހާލަތުން އަރައިގަނެވޭނެ ކަމަށެވެ. އެހެން ގައުމުތަކާ އަޅާބަލާއިރު، އެ ބައްޔަށް ރާއްޖެ ތައްޔާރުވެފައިވާ މިންވަރު ވަރަށް ވެސް ރަނގަޅު ކަމަށް އަމީން ވިދާޅުވި އެވެ. ދިވެހިންނަކީ ހޭލުންތެރި ބަޔަކަށް ވާތީ ރާއްޖެއަށް މި ފުރުސަތު ބޮޑު ކަމަށް ވެސް ވިދާޅުވި އެވެ.

އަމީން ވިދާޅުވި ގޮތުގައި، ރާއްޖެ މި ބަލިން ސަލާމަތް ކުރުމަށް އެހެން އެއްވެސް ގައުމަކުން މަސައްކަތް ނުކުރާ ވަރަށް ދިވެހި ސަރުކާރުން މަސައްކަތް ކޮށްފައި ވެ އެވެ. ރާއްޖެ އަކީ ވަސީލަތްތަކާއި ކަމުގެ ތަޖުރިބާކާރުން ވެސް މަދު ގައުމަކަށް ވެފައި މިފަދަ ކަންކަން ތަޖުރިބާ ކޮށްފައިވާ ވަރު ވެސް މަދު އިރު، ރާއްޖޭގެ ހާލަތު މިހާ ރަނގަޅު ވުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އަވަސް ވިސްނުންފުޅާއި މަސައްކަތްޕުޅު ކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.

"ކޮވިޑް ބައްޔަށް ވެކްސިނެއް އުފެއްދިއްޖެއްޔާ ރާއްޖެ އަށް އެންމެ އަވަހަށް އެ ލިބޭނެ މަގުފަހި ކުރުމަށް ސަރުކާރުން މިހާރު ވެސް އެބަ މަސައްކަތް ކުރަން. ޑަބްލިއުއެޗްއޯ އިން އިސްނަގައިގެން ފެށި ކޯލް ފޯ އެކްޝަންގައި ފުރަތަމަ ބައިވެރިވި ގައުމުތަކުގެ ތެރޭގައި ވެސް ރާއްޖެ ހިމެނޭ،" ---އަމީން

"ހާއްސަކޮށް ދުނިޔޭގެ ހަތަރު ބިތުން މި ބަލީގެ އަލާމާތްތައް ފެނުމާ އެކު ދިވެހިން މި ބަލިން ސަލާމަތްކުރުމަށް ރައީސް އިސްނެންގެވި ނެންގެވުމަކީ މި ހިސާބަށް އާދެވުމުގެ މައިގަނޑު އެއް ސަބަބު ކަމުގައި އަޅުގަނޑުމެން ގަބޫލްކުރަން ޖެހޭ،" އަމީން ވިދާޅުވި އެވެ.

ކޮވިޑް ބައްޔަށް އަދި މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާތީ މިނިސްޓަރު ވަނީ ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް ހަރުދަނާކޮށް، ފިޔަވަޅު އެޅުމަށް އިލްތިމާސް ކުރައްވައިފަ އެވެ. އެގޮތުން މާސްކު އެޅުމާއި ގައިދުރުކަން އިސްކޮށް، އަދިވެސް ބަލި ރާއްޖޭގައި އޮތްކަން ހަނދާނުގައި ބެހެއްޓުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.