Roadha Mihaaru

ވަގަށް 13 މިލިއަން ސިނގިރޭޓު އެތެރެކުރި ކުންފުނީގެ ނަމަކީ އަދި ސިއްރެއް

ޕްލައިވުޑް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން 13 މިލިއަނަށްވުރެ ގިނަ ސިނގިރެޓް އެތެރެކުރަން އުޅުނު ކުންފުނީގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށް ކަސްޓްމަސް އިން ބުނެފި އެވެ.

ވަގަށް 13 މިލިއަން ސިނގިރޭޓު ގެނައި ކުންފުނި ސިއްރު
އާސިމާ ނިޒާރު
އާސިމާ ނިޒާރު

10 ޖޫން 2025

ޕްލައިވުޑް ޝިޕްމެންޓެއްގެ ތެރޭގައި ފޮރުވައިގެން 13 މިލިއަނަށްވުރެ ގިނަ ސިނގިރެޓް އެތެރެކުރަން އުޅުނު ކުންފުނީގެ ނަން އަދި ހާމަކުރެވެން ނެތް ކަމަށް ކަސްޓްމަސް އިން ބުނެފި އެވެ.

ސިނގިރޭޓު ފޮށިތައް ފެނުނީ ޕްލައިވުޑް ޝިޕްމެންޓެއްގައި އެ ތަކެތި ވަގަށް އެތެރެކުރަން އުޅޭ ކަމުގެ މައުލޫމާތު ލިބިގެން ހުޅުމާލެ ސީ-ކާގޯ ޓާމިނަލުގައި މިދިޔަ އޭޕްރީލް 26 ވަނަ ދުވަހުގެ ރޭ ހިންގި އޮޕަރޭޝަނެއްގަ އެވެ.

އެ ކޮންޓެއިނަރުތައް ފާސްކުރިއިރު 40 ފޫޓުގެ ދެ ކޮންޓެއިނަރެއްގެ ތެރެއިން 1،360 ކޭސް ސިނގިރޭޓު ފެނިފައިވެ އެވެ. އެއީ ޖުމްލަ 13،600،000 ސިނގިރޭޓު ސްޓިކެވެ. ނަމަވެސް، އެތަކެތި އެތެރެކުރި ކުންފުނީގެ ނަމެއް ކަސްޓަމްސްއިން އޭރު ހާމައެއް ނުކުރެ އެވެ.

މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން މިދިޔަ މަހުގެ 6 ގައި ހުށަހެޅި ސުވާލުތަކަށް، މުއްދަތު އިތުރުކުރުމަށް ފަހު މިއަދު ދިން ޖަވާބުގައި ބުނީ ސިނގިރޭޓު އެތެރެކުރި ކުންފުނީގެ ނަން ހާމަކުރެވެން ނެތް ކަމަށާއި އެއީ އެ މައްސަލަ މި ވަގުތު ތަހުގީގުކުރަމުންދާތީ ކަމަށެވެ.

ތަހުގީގު ނިމުނުހާ އަވަހަކަށް މައުލޫމާތު ހިއްސާކުރާނެ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.

އެ އިދާރާއިން އޭރު ބުނީ އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކުން ޑިއުޓީ ދައްކާއިރު، 13.6 މިލިއަން ސިނގިރޭޓަށް 122 މިލިއަން ރުފިޔާ އަރާނެ ކަމަށެވެ.

ދުންފަތުގެ ބާވަތްތައް ލޭބަލްކުރުމުގެ ގަވައިދުގައިވާ ގޮތުން ރާއްޖެއަށް ސިނގިރޭޓު އެތެރެކުރެވޭނީ އޭގެ ނުރައްކާތެރިކަން އަންގައިދޭ ފޮޓޯ އާއި ލޭބަލްޖެހުމަށްފަހުގަ އެވެ. އަދި އެ ތަކެތި ގެނެވޭނީ އެކަމަށް ބޭނުންވާ ހުއްދަ ނަގައިގެންނެވެ. ކަސްޓަމްސް އިން ބުނީ އެ ސިނގިރޭޓުތައް އެތެރެކޮށްފައިވަނީ އެ ގަވައިދުތަކާ ހިލާފަށް ކަމަށެވެ.