Roadha Mihaaru

ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕް ޝިޕްމަންޓެއް އަނެއްކާ ވެސް އަތުލައިގެންފި

ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕް ޝިޕްމަންޓުތަކެއް ކަސްޓަމްސް އިން އަނެއްކާވެސް އަތުލައިގެންފި އެވެ.

ވޭޕްޝިޕްމަންޓެއް އަނެއްކާވެސް އަތުލައިގެންފި
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

19 މާޗް 2025

ވައިގެ މަގުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕް ޝިޕްމަންޓުތަކެއް ކަސްޓަމްސް އިން އަނެއްކާވެސް އަތުލައިގެންފި އެވެ.

އެ އިދާރާ އިން މިއަދު ބުނީ، ވައިގެ މަގުން ސިއްރުން ރާއްޖެ އަށް އެތެރެކުރަން އުޅުނު ވޭޕްގެ 2008 އައިޓަމް ކަސްޓަމްސް އިން މި ފަހަރު ހޯދި ކަމަށެވެ.

މިދިޔަ ހަފުތާގެ ބުދަ ދުވަހު އެ ޝިމްމަންޓް އަތުލައިގަތީ އެ ދުވަހު ރާއްޖެ އަށް އެތެރެކޮށްފައިވާ އެއާ ކާގޯ ޝިޕްމެންޓެއްގައި ވޭޕް ފޮރުވާފައި ހުރިކަމަށް ޝައްކު ކުރެވިގެން އިތުރަށް ބަލައިފާސްކުރުމުގެ ތެރޭގައި ކަމަށް ކަސްޓަމުން ބުންޏެވެ.

ކަސްޓަމްސް އިން އެ މައްސަލަ އިތުރަށް ތަހުގީކުރުމުން އަންނައިރު އިއްޔެ ވެސް ވަނީ ވައިގެމަގުން ރާއްޖެއަށް ވަގަށް އެތެރެކުރަން އުޅުނު ވޭޕާއި ވޭޕްކުރަން ބޭނުންކުރާ 2،062 އައިޓަމްސްް އަތުލައިގެންފަ އެވެ.

މި މަހުގެ ހަ ވަނަ ދުވަހު ކަނޑުމަގުން ވިޔަފާރި ބަނދަރަށް އެތެރެކުރި ޝިޕްމަންޓެއްގައި ފޮރުވައިގެން ވަގަށް ގެނައި 400 ވޭޕް ސާމާނު ވެސް ވަނީ އަތުލައިގެންފަ އެވެ.

ކަސްޓަމްސް އިން އެ މައްސަލަ ބަލަމުން އަންނައިރު، ދާދި ފަހުން ފުލުހުން ވަނީ ވޭޕް ވިއްކަމުންދިޔަ ތަނެއް ފާސްކޮށް، ބިދޭސީއަކު ހައްޔަރުކޮށްފަ އެވެ.

ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނުގެ ދަށުން ރާއްޖެ އަށް ވޭޕާއި އީ-ސިނގިރޭޓު އެތެރެ ކުރުމަކީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު ފެށިގެން މަނާ ކަމެކެވެ.