Roadha Mihaaru

ވަކި އަހަރަށް ވުރެ ފަހުން އުފަންވާ މީހުން ދުންފަތް ބޭނުންކުރުން މަނާކުރަން "ޖެނެރޭޝަން ބޭންއެއް" ގެންނަނީ

އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށްޓަކައި، ވަކި އަހަރަށް ވުރެ ފަހުން އުފަންވާ މީހުން ދުންފަތް ބޭނުންކުރުން މަނާވާ ގޮތަށް "ޖެނެރޭޝަން ބޭން" އެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ދުންފަތާ ދެކޮޅަށް "ޖެނެރޭޝަން ބޭން" އެއް ގެންނަނީ
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

27 މާޗް 2025

އަލަށް ދުންފަތުގެ އިސްތިއުމާލް ކުރަން ފަށާ މީހުން އެކަމުން ދުރުކުރުމަށްޓަކައި، ވަކި އަހަރަށް ވުރެ ފަހުން އުފަންވާ މީހުން ދުންފަތް ބޭނުންކުރުން މަނާވާ ގޮތަށް "ޖެނެރޭޝަން ބޭން" އެއް ގެނައުމަށް ނިންމަވާފައިވާ ކަމަށް ރައީސް ޑރ. މުހަމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

"ރައްޔިތުންނާ އެކު" ނަމުގައި ރައީސް އޮފީހުން ފެށި ޕޮޑްކާސްޓުގެ ފުރަތަމަ ޝޯގައި ރައީސް ވިދާޅުވީ އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުން މަދުކޮށް، އެކަން ހުއްޓުވުމަށްޓަކައި "ޖެނެރޭޝަން ބޭން" ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ. އަދި އެއީ ގިނަ ގައުމުތަކުގައި މިހާރު ވެސް އަޅަމުން އަންނަ ފިޔަވަޅުތަކެއް ކަމަށާއި ރާއްޖޭގައި އެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ޖެނެރޭޝަން ބޭން ފިޔަވަޅުތަކަކީ ދުނިޔޭގެ އެކި ގައުމުތަކުގައި އަޅަމުންދާ، ދުންފަތުގެ އިސްތިއުމާލުކުރަން އަލަށް ވަންނަ ކުދިން އެކަމުން ދުރުކުރުމަށް އަޅާ ފިޔަވަޅުތަކެއް،" ރައީސް ވިދާޅުވި އެވެ.

"އަށާރަ އަހަރު ވެގެން ގޮސް އެކަމުގެ ތެރެއަށް ދާ ކުދިން އެ ކަމުން ދުރުކޮށްދީ، އެ ކުދިންގެ މުޅި ހަޔާތް ކުރިއަށް އޮތް ތަނުގައި އެކަމުން ސަލާމަތް ވެގެން ތިބެން ބާރު އެޅޭނެ ގޮތްތަކެއް އިރާދަކުރެއްވިޔާ އަޅުގަނޑު ހަމަޖައްސާނަން."

ސަރުކާރުގެ ވިސްނުމަކީ ދުޅަހެޔޮ ދިރިއުޅުމަކަށް ރައްޔިތުން ގެންދިއުންކަން ފާހަގަ ކުރައްވައި، އެ މަނިކުފާނު ވިދާޅުވީ ތަރުކާރީ އާއި މޭވާގެ ބާވަތްތައް އަތްފޯރާ ފަށަށް ދަށްކުރުމަށް މަސައްކަތްކޮށް ދެއްވާނެ ކަމަށެވެ. އެކަން ކުރައްވާނެ ގޮތަކީ "ފުޑް ސެކިއުރިޓީ" ނިޒާމުގެ ތެރެއިން ކަމަށް ރައީސް ވިދާޅުވި އެވެ. އަނެއް ގޮތަކީ ރައީސް މުއިއްޒު ވިދާޅުވި ގޮތުގައި ދިވެހިން އެންމެ ގިނައިން ބޭނުންކުރާ މޭވާ އާއި ތަރުކާރީގެ ބާވަތްތައް އެސްޓީއޯ މެދުވެރިކޮށް އެތެރެކޮށް އަގު ދަށްކުރުމެވެ.

"ޖެނެރޭޝަން ބޭން" އަކީ ވަކި އަހަރަށް ވުރެ ފަހުން އުފަންވާ މީހުން ދުންފަތުގެ އިސްތިއުމާލްކުރުން މަނާކޮށް އަދި އެފަދަ މީހުންނަށް ދުންފަތް ވިއްކުން މަނާ ކުރުމެވެ.

ރާއްޖެއަށް ވޭޕް އެތެރެ ކުރުމާއި ވޭޕް ބޭނުންކުރުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު މަނާކުރި ފަހުން ވޭޕް މައްސަލަތަކުގައި ކުރި ޖޫރިމަނާގެ އަދަދު 160،500ރ. އަށްވުރެ ބޮޑުވެފައި އެވެ. ގާނޫނުގައިވާ ގޮތުން ވޭޕްކޮށްފިނަމަ 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފިނަމަ 10،000ރ އަދި ވޭޕް ވިއްކައިފިނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފިނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ވެސް ބޮޑުކޮށް، ދުންފަތް ގަނެވޭނެ ދަށް އުމުރަކީ 21 އަހަރު ކަމަށް ވެސް ވަނީ މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.