ދުންފަތުން ސަލާމަތް ވެފައިވާ ޖީލެއް ބިނާކުރަން ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ސޯޝަލް މީޑިއާގެ ޕޯލުން ދައްކައިފި އެވެ.
08 އެޕްރީލް 2025
ދުންފަތުން ސަލާމަތް ވެފައިވާ ޖީލެއް ބިނާކުރަން ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތް މަނާކުރަން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ކުރިއަށް ގެންދެވި ސޯޝަލް މީޑިއާގެ ޕޯލުން ދައްކައިފި އެވެ.
ރާއްޖޭގެ ރައީސަކު ސޯޝަލް މީޑިއާގައި ފުރަތަމަ ފަހަރަށް ކުރިއަށް ގެންދެވި ޕޯލުގެ ކުރިން "ރައްޔިތުންނާ އެކު" ގެ ނަމުގައި ރައީސް އޮފީހުން ފަށާފައިވާ ޕޮޑްކާސްޓުގެ ފުރަތަމަ ޝޯގައި ރައީސް މުއިއްޒު ވިދާޅުވީ އަލަށް ދުންފަތުގެ އިސްތިއުމާލު ކުރަން ފަށާ މީހުން މަދުކޮށް، އެކަން ހުއްޓުވުމަށްޓަކައި "ޖެނެރޭޝަން ބޭން" ގެނައުމަށް ނިންމަވާފައިވާ ކަމަށެވެ.
ގިނަ ގައުމުތަކުގައި މިހާރު ވެސް އެފަދަ ފިޔަވަޅުތައް އަޅަމުން އަންނަ ކަމަށާއި ރާއްޖޭގައި އެ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ގޮތުގެ ތަފްސީލުތައް ފަހުން ހާމަކުރައްވާނެ ކަމަށް މިދިޔަ މަހުގެ 27 ވަނަ ދުވަހު އެ މަނިކުފާނު ވިދާޅުވި އެވެ.
އޭގެ ފަހުން، ރައީސް ވަނީ މިދިޔަ ބުރާސްފަތި ދުވަހު ތިން އިހުތިޔާރަކާ އެކު، ޓުވިޓާ އާއި އިންސްޓަގްރާމް އަދި ފޭސްބުކްގައި އާއްމުންގެ ހިޔާލަށް ދޫކޮށްލައްވައިފަ އެވެ. އެ އިހުތިޔާރުތަކަކީ؛
- ޖެނުއަރީ 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަން ވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން
- ޖެނުއަރީ 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން
- ޖެނުއަރީ 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން
ސޯޝަލް މީޑިއާގެ ހުރިހާ ޕްލެޓްފޯމުތަކުގެ ޕޯލްގެ މުއްދަތު މިއަދު ހަމަވިއިރު އެންމެ ގިނަ މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ކަމަށް ޕޯލުގެ ނަތީޖާ އިން ދައްކަ އެވެ.
އެކްސްގައި ކުރިއަށް ގެންދިޔަ ޕޯލަށް ބަލާއިރު 5،501 މީހުން ވަނީ ވޯޓުލައިފަ އެވެ. އެ ނަތީޖާ އިން ދައްކަނީ 51.1 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.
If a generational ban on smoking were to be implemented in the Maldives, to protect the health of our youth and future generations from the harmful effects of smoking, which of the following would be the most appropriate starting point?
— Dr Mohamed Muizzu (@MMuizzu) April 3, 2025
އެކްސްގައި ކުރިއަށް ގެންދިޔަ ޕޯލަށް ބަލާއިރު ދެ ވަނަ އަށް އެންމެ ގިނަ މީހުން، 40.8 ޕަސެންޓު މީހުން ބޭނުންވަނީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް އެ ބާވަތްތައް މަނާކުރާށެވެ. ދެހާސް ސާދަ ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ފެންނަ ކަމަށް އެކްސްގައި ވޯޓު ދިނީ 8.2 ޕަސެންޓް މީހުންނެވެ.
ފޭސްބުކްގައި ރައީސް ކުރިއަށް ގެންދެވި ޕޯލްގައި ވޯޓުލީ މީހުންގެ 72 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. ފޭސްބުކް ޕޯލްގެ 23 ޕަސެންޓު މީހުން ބޭނުންވީ 2007 ވަނަ އަހަރުން ފެށިގެން އަދި ހަތަރު ޕަސެންޓު މީހުން ތާއީދުކުރީ 2004 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.
އިންސްޓަގްރާމްގެ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން ވެސް 45 ޕަސެންޓު މީހުން ބޭނުންވަނީ 2000 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ. އިންސްޓަގްރާމްގައި ރައީސް ކުރިއަށް ގެންދެވި މި ޕޯލްގައި ވޯޓު ދިން 43 ޕަސެންޓު މީހުން ތިބީ 2007 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރަން ތާއީދު ކޮށްގެންނެވެ. އެ ޕޯލްގައި ބައިވެރިވި މީހުންގެ ތެރެއިން 13 ޕަސެންޓު މީހުން ބޭނުންވަނީ 2004 ވަނަ އަހަރުން ފެށިގެން އުފަން ވެފައިވާ އަދި އުފަން ވާނެ ކުދިންނަށް ދުންފަތުގެ ބާވަތްތައް މަނާކުރާށެވެ.
ގާނޫނުގައި މިހާރު އޮންނާނީ އުމުރުން 21 އަހަރުން މަތީގެ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކޭ ގޮތަށެވެ. ޖެނެރޭޝަން ބޭން ގެނެސްފި ނަމަ އެ އަހަރަކުން ފެށިގެން އުފަންވެފައިވާ އެއްވެސް މީހަކަށް ދުންފަތުގެ އެއްވެސް ބާވަތެއް ނުވިއްކޭނެ އެވެ.
ދުންފަތުން ސަލާމަތްވެފައިވާ ޖީލެއް ބިނާކުރަން ހެލްތު މިނިސްޓްރީން ވަނީ ޑަބްލިއުއެޗްއޯ އަދި ޔުނިސެފާއެކު މިއަދު މަޝްވަރާކޮށްފަ އެވެ. އެކަމުގައި ގޮތެއް ނިންމާނީ ކަމާގުޅޭ ފަރާތްތަކުގެ ހިޔާލާއެކު ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.
ޖެނެރޭޝަން ބޭންގެ މަޝްވަރާތައް ފެށިއިރު، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕް ބޭނުންކުރާ ނަމަ، ބޮޑެތި އަދަދުތަކުން ޖޫރިމަނާކުރަން ގާނޫނުގައި ހިމަނާފައިވެ އެވެ.
ދުންފަތުން ސަލާމަތްވެފައިވާ ޖީލަކަށް ހެދުމަށްޓަކައި ކުރިއަރާފައިވާ ބައެއް ގައުމުތަކުގައި މިހާރު ވެސް، ވަކި އުމުރަކުން ފެށިގެން އުފަންވެފައިވާ މީހުންނަށް ދުންފަތުގެ ބާވަތްތައް ވިއްކުން މަނަލެވެ.
ދުންފަތާ ދެކޮޅަށް "ޖެނެރޭޝަން ބޭން" އެއް ގެންނަނީ
ދުންފަތާ ދެކޮޅު ފިޔަވަޅަށް ފާޑުކިޔާތީ ރައީސްގެ ރައްދެއް
ރާއްޖެއަށް ވޭޕް އެތެރެކުރުން މަނާވެއްޖެ
ޓޫރިސްޓުން ގެންނަ ދުންފަތުގެ ބާވަތުން ޑިއުޓީ ނުނަގާނެ
ސިނގިރޭޓު، ވޭޕްގެ ޑިއުޓީ މިއަދުން ފެށިގެން ބޮޑުވާނެ
ދުންފަތް ވިއްކޭނެ ހަގު އުމުރަކީ 21ކަމަށް ކަނޑައަޅަނީ
ދުންފަތާ ދެކޮޅަށް ނަތީޖާ ހާސިލްކުރެވޭނެ ޕްލޭނެއް ހަދަނީ
ޑިއުޓީ ބޮޑުކުރީމަ ސިނގިރޭޓް ފޮއްޓެއްގެ އަގު 200ރ.
އާއްމު ސިއްހަތަށްޓަކައި އެންމެ ވަރުގަދަ ނިންމުން
2007 ވަނަ އަހަރަށް ނިންމީ ރަނގަޅަށް ތަންފީޒުކުރަން