Roadha Mihaaru

ދުންފަތުގެ ޓެކްސްއިން ދައުލަތަށް އާމްދަނީ ހޯދާކަށް ގަސްދެއް ނުކުރަން: ރައީސް

ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދުން އެ މަނިކުފާނަށް މުހިންމު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ދުންފަތުގެ ޓެކްސްއެއް ރައީސަށް މުހިންމެއް ނޫން!

ދުންފަތުގެ ޓެކްސް އިން ދައުލަތަށް އާމްދަނީ ހޯދުން އެ މަނިކުފާނަށް މުހިންމު ނޫން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އެ މަނިކުފާނު އެހެން ވިދާޅުވީ، ދުންފަތް ވިއްކުން ހަރުކަށިކޮށް ރާއްޖޭގައި "ޖެނެރޭޝަނަލް ބޭން" ފުރަތަމަ ފަހަރަށް ތަންފީޒު ކުރުމަށް ގާނޫނަށް ގެނައި އިސްލާހު ދެންމެ ތަންފީޒު ކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ނޫސްވެރިއަކު ކުރި ސުވާލެއްގެ ޖަވާބުގަ އެވެ.

ދުންފަތް ކޮންޓްރޯލްކުރާ ބިލާ އެކު، ދައުލަތަށް ލިބޭ އާމްދަނީ މަދުވާނެ ނޫންތޯ ނޫސްވެރިއަކު ދެންނެވުމުން ރައީސް މުއިއްޒު ވިދާޅުވީ، އެ މަނިކުފާނަށް ރަނގަޅީ ވެސް ރާއްޖެ އަށް ދުންފަތުގެ ބާވަތްތައް އެތެރެ ކުރުމުގެ އެއްވެސް ކަމެއް ނުހިނގިއްޔާ ކަމަށެވެ.

"މި ދާއިރާ އިން އާމްދަނީ ހޯދާކަށް ނުވިސްނަން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވިގޮތުގައި، ދުންފަތުގެ ޓެކްސް އަށް ދައުލަތަށް ލިބޭ އެއްޗެއް ނަމަ ހޭދަކުރަން މި ސަރުކާރުން ނިންމާފައި ވަނީ އާންމުންގެ ސިއްހަތަށެވެ.

"ރައްޔިތުންގެ ޕަބްލިކް ހެލްތު ސިޓުއޭޝަން އިމްޕްރޫވް ކުރަން އަޅުގަނޑުމެން ހަރަދު ކުރަން ނިންމާފައި ވަނީ. ހޭލުންތެރިކުރުމާއި އެކި ކަހަލަ ޕްރޮހްރާމްތައް ހިންގުމާއި އަދި ސިއްހީ ދާއިރާ ޖުމުލަ ގޮތެއްގައި ތަރައްގީ ކުރަން [ދުންފަތުގެ ޓެކްސް އިން] ލިބޭ އެއްޗެއް ވިއްޔާ ހަރަދު ކުރާނީ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ދުންފަތުގެ ޑިއުޓީން ލިބޭ އާމްދަނީއަކީ އާންމު ސިއްހަތަށްޓަކައި ކުރާ ހޭދައެއްގެ ގޮތުގައި ދައުލަތުގެ ބަޖެޓުގައި ޖަހަން ޖެހޭނެ ކަމަށެވެ.

ޖެނެރޭޝަނަލް ބޭން އެހެން ގައުމުތަކުގައި ކާމިޔާބު ނޫން ކަމަށް ނޫސްވެރިއަކު ސުވާލު ކުރުމުން ރައީސް މުއިއްޒު ވިދާޅުވީ، އެ ގައުމުތަކާއި ރާއްޖޭގެ ހާލަތު ތަފާތު ވާނެ ކަމަށާއި އާބާދީ ވެސް މަދު ކަމަށެވެ.

"އެއް ދީނަކަށް ތަބާވާ އެއް ބަހަކުން ވާހަކަ ދައްކާ އެއްބައެއްވަންތަ މި ނޫން ގައުމެއް ނޯންނާނެ މުޅި ދުނިޔޭގައި ވެސް. ޔުނިކް ސޮލިއުޝަނެއް ރާއްޖެ އިން ހޯދަނީ،" ރައީސް މުއިއްޒު ވިދާޅުވި އެވެ.