Roadha Mihaaru

ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން ރައީސް އާންމުންގެ ހިޔާލަށް

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ގާނޫނީ ގޮތުން ކަނޑައެޅުމަށް އާއްމުންގެ ހިޔާލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލައްވައިފި އެވެ.

ދުންފަތް މަނާކުރާ އުމުރު ކަނޑައަޅަން އާންމު ހިޔާލަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

03 އެޕްރީލް 2025

ރާއްޖޭގައި ދުންފަތުގެ އިސްތިއުމާލު ކުރެވޭ އުމުރުފުރާ ގާނޫނީ ގޮތުން ކަނޑައެޅުމަށް އާއްމުންގެ ހިޔާލަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުވާލައްވައިފި އެވެ.

އެހެން ބައެއް ގައުމުތަކެކޭ އެއްގޮތަށް، ރާއްޖޭގައި ވެސް ޒުވާނުން ދުންފަތާ ދުރުކުރުމަށް "ޖެނަރޭޝަން ބޭން" ނުވަތަ ވަކި އުމުރެއްގެ މީހުންނަށް ދުންފަތް މަނާވާ ގޮތަށް ކަނޑައަޅަން ނިންމަވައި އެކަން އިއުލާނުކުރެއްވުމަށް ފަހު ރައީސް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ދުންފަތް މަނާ ކުރާނެ އުމުރުފުރާ ކަނޑައެޅުމަށް ޕޯލެއް ހިމަނުއްވައިފަ އެވެ.

މިއީ ރާއްޖޭގެ ރައީސަކު ސޯޝަލް މީޑިއާގައި އާންމުންގެ ހިޔާލަށް އެދިވަޑައިގެން ޕޯލެއް ހިމެނުއްވި ފުރަތަމަ ފަހަރެވެ.

ރައީސްގެ "ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި އިއްޔެ ވިދާޅުވި ގޮތަށް ޕޯލްގައި ވެސް ވަނީ ތިން އިހުތިޔާރެއް ދެއްވައިފަ އެވެ. އެއީ 2007ގެ ޖެނުއަރީ، 2004ގެ ޖެނުއަރީ އަދި 2000ގެ ޖެނުއަރީ 1 ގައި އުފަންވި މީހުންނަށް ދުންފަތް މަނާކުރުމެވެ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

"ރައްޔިތުންނާ އެކު" ޕޮޑްކާސްޓުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަފުޅު ދައްކަވަނީ.

ޖެނަރޭޝަން ބޭންއަކަށް ރައީސްގެ ހުށަހެޅުއްވުންތައް

- ޖެނުއަރީ، 1، 2007 އިން ފެށިގެން އުފަންވީ ހުރިހާ ކުދިންނާއި އުފަންވާނެ ކުދިން، އެ ކުދިންގެ އުމުރުގެ ކުރިއަށް އޮތްތަނުގައި ސިނގިރޭޓާއި ދުންފަތް މަނާކުރުން.

- 2004 ވަނަ އަހަރުން ފެށިގެން އުފަންވެފައިވާ އަދި އުފަންވާނެ ހުރިހާ ކުދިން ސިނގިރޭޓް، ނޫނީ ދުންފަތުގެ އިސްތިއުމާލުކުރުމުން ދުރުކުރުން.

- 2000 ވަނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން މިހާތަނަށް އުފަންވި ކުދިންނާއި އުފަންވާނެ ކުދިންނަށް ދުންފަތުގެ އިސްތިއުމާލް ކުރުން މަނާކުރުން.

އޭގެ ސަބަބުން އުމުރުން 18 އަހަރާއި 25 އަހަރުވެފައި ތިބި ކުދިންނާއި އޭގެ ދަށް އުމުރު ފުރާގެ ކުދިންނަށް ސިނގިރޭޓު މަނާވާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި އެ އުމުރުފުރާގެ ކުދިންނަށް، އެ އުމުރުން މައްޗަށް ދިއުމުން ވެސް ސިނގިރޭޓާއި ދުންފަތް މަނާވާނެ އެވެ.

ރައީސް ވިދާޅުވި ގޮތުގައި މިއީ އެތައް ޖީލެއްގެ ސަލާމަތާއި ރައްކާތެރިކަމަށް އެމަނިކުފާނު އަޅުއްވާ ފިޔަވަޅުތަކެކެވެ. މި ނިންމުމަށް ގިނަ ބައެއްގެ ތާއީދު އޮތް ކަން ފާހަގަކުރައްވައި ރައީސް އެދިވަޑައިގަތީ މިކަމުގައި އެންމެންގެ އެއްބާރުލުމަށެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 އިން ފެށިގެން ރާއްޖެއަށް ވޭޕް އެތެރެކުރުން ވެސް ވަނީ މަނާކޮށްފަ އެެވެ. ވޭޕްކޮށްފި ނަމަ ގާނޫނުގައި ކަނޑައަޅާފައިވާ ގޮތަށް 5،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. އަދި ހިލޭ ވޭޕެއް ދީފި ނަމަ 10،000ރ އަދި ވޭޕް ވިއްކައިފި ނަމަ 20،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ.

މީގެ އިތުރުން 21 އަހަރުނުވާ މީހަކަށް ވޭޕް ވިއްކައިފި ނަމަ 50،000ރ. އިން ޖޫރިމަނާ ކުރާނެ އެވެ. ދުންފަތުގެ ބާވަތްތަކުގެ ޑިއުޓީ ވެސް ބޮޑުކޮށް، ދުންފަތް ގަނެވޭނެ ދަށް އުމުރަކީ 21 އަހަރު ކަމަށް މިދިޔަ އަހަރު ވަނީ ހަމަޖައްސައިފަ އެވެ.