Roadha Mihaaru

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.

ރައީސް މުއިއްޒު ޗައިނާއަށް ވަޑައިގެންފި
އިފްރާޒް އަލީ
އިފްރާޒް އަލީ

30 އޯގަސްޓް 2025

ޝަންހާއީ ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ޗައިނާއަށް ވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ ރައީސް މުއިއްޒު ޗައިނާގެ ވެރިރަށް ބެއިޖިން އަށް ވަޑައިގަތުމުން އެއާޕޯޓުން މަރުހަބާ ދެންނެވީ ޗައިނާގެ އިމަޖެންސީ މެނޭޖުމަންޓް މިނިސްޓަރު ވޮންގް ޝިއަންޝީގެ އިތުރުން ރާއްޖެއިން ޗައިނާއަށް ކަނޑައަޅާފައި ހުންނަ ސަފީރު ޑރ. ފަޒީލް ނަޖީބާއި ޗައިނާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަ ސަފީރު ކޮންގް ޝިންހުއާ ކަމަށެވެ.

އެ މަނިކުފާނު ޗައިނާއަށް ވަޑައިގަތުމުން އެއާޕޯޓުން ރަސްމީ އިއްޒަތް އަރުވައި ހޫނު މަރުހަބާއެއް ކިޔާފައިވާ ކަމަށް ވެސް ރައީސް އޮފީހުން ބުންޏެވެ.

ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ދައުވަތަކަށް ރައީސް މުއިއްޒު އެ ގައުމަށް ކުރައްވާ މި ދަތުރުފުޅުގައި ޝީގެ އިތުރުން އެހެނިހެން ގައުމުތަކުގެ ލީޑަރުންނާ ވެސް ބައްދަލުކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ޗަައިނާގެ މީޑިއާ އިން ރިޕޯޓުކޮށްފައިވާ ގޮތުގައި މާދަމާ އާއި އަންނަ ހޯމަ ދުވަހު ބާއްވާ އެސްސީއޯ ސަމިޓުގައި ރައީސް މުއިިއްޒު ހިމެނިވަޑައިގަންނަވާ ގޮތަށް 26 ގައުމެއްގެ ލީޑަރުން ބައިވެރިވެވަޑައިގަންނަވަ އެވެ. އޭގެ ތެރޭގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ އާއި ރަޝިއާގެ ރައީސް ލަޑިމިއާ ޕުޓިން ވެސް ހިމެނިވަޑައިގަންނަވަ އެވެ.

ރާއްޖެއަކީ އެސްސީއޯގެ ޑަޔަލޮގް ޕާޓްނަރެކެވެ.

ރައީސް އޮފީހުން ބުނީ، އެސްސީއޯ ސަމިޓުގެ މަތީފަންތީގެ ބައްދަލުވުންތަކުގައި ރައީސް މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަަށެވެ.

ރައީސް މުއިއްޒު އެންމެ ފުރަތަމަ ޗައިނާއަށް ވަޑައިގަތީ މިދިޔަ އަހަރުގެ ޖެނުއަރީ މަހު އެވެ. ވެރިކަމާ ހަވާލުވެވަޑައިގަތުމަށް ފަހު، އެ މަނިކުފާނު ޗައިނާއަށް ކުރެއްވި ފުރަތަމަ ދަތުރުފުޅާ އެކު، ދެ ގައުމުގެ ގުޅުން ވަރަށް ބޮޑަށް ވަނީ ރަނގަޅުކޮށްފަ އެވެ. ގިނަ ބައެއްގެ ސަމާލުކަން ލިބުނު އެ ދަތުރުފުޅުގައި ރާއްޖެ އާއި ޗައިނާ އިން 20 އެމްއޯޔޫއެއްގައި އޭރު ސޮއިކުރި އެވެ.